ހޮލީވުޑްގެ މަޝްހޫރު ބަތަލާ މިލީ ބޮބީ ބްރައުން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލި ސަބަބު ހާމަކޮށްފިއެވެ.
ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "އެނޯލާ ހޯމްސް 3" އަދި "ސްޓްރޭންޖަ ތިންގްސް"އިން މަޝްހޫރުކަން ހޯދި މި ބަތަލާ ބުނި ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލުމަކީ އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައި ކަމެކެވެ.
މީގެ އަހަރުތަކެއް ކުރިން ސޯޝަލް މީޑިއާއާ ދުރަށް ދިޔަ ސަބަބާއި، މިހާރު ފޭނުންނާ މުއާމަލާތްކުރާ ގޮތުގެ ތަފުސީލު މިލީ ވަނީ ކިޔައިދީފައެވެ.
ޖޯޝް ހޮރޮވިޓްޒްއާ ވާހަކަ ދައްކަމުން މިލީ ވަނީ ކުޑައިރުން ފެށިގެން އާންމުންގެ ސަމާލުކަމުގެ ތެރޭގައި އުޅެންޖެހުމުން ކުރިމަތިވި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.
ސޯޝަލް މީޑިއާ އަކީ ވަރަށް އިހާނެތި ތަނަކަށް ވެދާނެކަމާއި، ޚާއްސަކޮށް ޒުވާން އަންހެން ތަރިންނަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާކަން ހޮރޮވިޓްޒް ފާހަގަކުރުމުން، މިލީ އެކަމަށް އެއްބަސްވަމުން ބުނީ އެއީ "ނަރަކައެއް ފަދަ" ތަނެއް ކަމަށެވެ.
މިލީ ސޯޝަލް މީޑިއާ ދޫކޮށްލި ސަބަބު ތަފުސީލުކޮށްދެމުން ބުނީ، 2021 ވަނަ އަހަރު ހުރިހާ އެޕްލިކޭޝަންތަކެއް ފޮހެލި ފަހުން ދުވަހަކުވެސް އެނބުރި އެއަކަށް ނުބަލާ ކަމަށެވެ.

ބަތަލާ މިލީ ބޮބީ ބްރައުން ފިރިމީހާ ޖޭކް ބޮންޖޯވީއާ އެކު--ފޮޓޯ/ދަ ހޮލީވުޑް ރިޕޯޓަ
"އަހަންނަކަށް އެކަމެއް ދެން އިތުރަކަށް ނުކުރެވުނު. މަސައްކަތް ކުރިން، އެކަމަކު އަހަރެންގެ ޑިޖިޓަލް ފުޓްޕްރިންޓް (އިންޓަނެޓްގައި ހުންނަ މައުލޫމާތު) ވަރަށް ބޮޑު،" މިލީ ބުންޏެވެ.
"އަހަރެން ހިތަށްއެރި މީގެ ބޭނުމެއް ދެން ނެތޭ. އެހެންވެ އަހަރެންގެ ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި، މިކަންކަމަށް ކަށަވަރު މީހަކު ވަޒީފާއަށް ނެރުނީ،" މިލީ އިތުރަށް ކިޔައިދިނެވެ.
މިލީ އަމިއްލައަށް ސޯޝަލް މީޑިއާ ބޭނުން ނުކުރި ނަމަވެސް، އޭނާގެ އިންސްޓަގްރާމް އެކައުންޓަކީ އަދިވެސް ހަރަކާތްތެރި އެކައުންޓެކެވެ. އޭނާ ބުނި ގޮތުގައި ފޭނުންނާ އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި ޕޯސްޓްތަކުގެ ކެޕްޝަންތައް އަދިވެސް ލިޔަނީ އޭނާ އަމިއްލައަށެވެ. ނަމަވެސް، މީހުން ކުރާ ކޮމެންޓްތައް ކިޔުން މިހާރު ވަނީ ހުއްޓާލާފައެވެ.
"އަހަރެން ބޭނުންވޭ ފޭނުންނާ ގުޅުން އޮންނަން. އަދި އެ ލިޔުމަކީ އަހަރެންގެ އަމިއްލަ އެއްޗެއްކަން އެމީހުންނަށް އެނގެންވެސް ބޭނުންވޭ. އެކަމަކު އެކަމާ ބެހޭގޮތުން މީހުން ދައްކާ ވާހަކަ ބަލާކަށް ބޭނުމެއް ނޫން" މިލީ ބުނެފައިވެއެވެ.
މިލީގެ މި ވާހަކަތަކަށް އާއްމުންގެ ސަމާލުކަން ހުއްޓިފައިވާއިރު، ބަތަލާގެ އެންމެ މަގުބޫލު އެއް ފުރެންޗައިޒް ކަމަށްވާ "ސްޓްރޭންޖަ ތިންގްސް" މިހާރުވަނީ ނިމިފައެވެ. މިލީގެ އެންމެފަހުން ރިލީޒްވި ފިލްމަކީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނެޓްފުލިކްސްގައި ސްޓްރީމްކުރަން ފެށި ފިލްމު "އެނޯލާ ހޯމްސް 3"އެވެ.