އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އަދި ލޯބިވެރިޔާ ޓްރޭވިސް ކެލްސް ކައިވެނިކޮށްފިއެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު އެންގޭޖްވިކަން އިއުލާނުކުރި ލަވަކިޔުންތެރިޔާގެ ކައިވެނީގެ ހަފުލާ އޮތީ ނިއު ޔޯކްގެ މެޑިސަން ސްކެއާ ގާޑަންގައެވެ.
އިއްޔެ ބޭއްވި މި ކައިވެނީގެ ހަފްލާގައި ދެ މީހުންގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންގެ އިތުރުން މަޝްހޫރު ބައެއް ސެލެބްރިޓީން ބައިވެރިވިއިރު މި ހަފްލާ އަކީ ވަރަށް ޕްރައިވެޓްކޮށް ބޭއްވި ހަފްލާއެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޓޭލާ އާއި ޓްރޭވިސްގެ ކައިވެނީގެ ޚަބަރު ޕީޕްލް މަޖައްލާ މެދުވެރިކޮށް ލަވަކިޔުންތެރިޔާގެ ތަރުޖަމާނު ކަށަވަރުކޮށްދިން ނަމަވެސް ކައިވެންޏާ ގުޅޭގޮތުން ދެމަފިރިންގެ ފަރާތުން ރަސްމީކޮށް ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ޓޭލާ އާއި ޓްރޭވިސްގެ ކައިވެނީގެ ހަފްލާ ބޭއްވި ނިއު ޔޯކްގެ މެޑިސަން ސްކެއާ ގާޑަން --ފޮޓޯ/ އެންޑީޓީވީ
ގާތްގަނޑަކަށް 1،000 މެހެމާނުންނަށް ދައުވަތު ދެވުނު މި ކައިވެނީގެ ހަފްލާގައި ބައިވެރިވި މަޝްހޫރު ފަންނާނުންގެ ތެރޭ، ޖީޖީ ހަދީދް، ބްރެޑްލީ ކޫޕާ، ޑަކޯޓާ ޖޯންސަން، މަރިސްކާ ހާގިޓޭ، ޕީޓާ ހާމަންގެ އިތުރުން އެޑް ޝީރަންގެ ދެމަފިރިން އަދި ސެލީނާ ގޮމޭޒް ހިމެނެއެވެ.
ކައިވެނީގެ ހަފްލާގެ އެއް ދުވަސްކުރިން ޓޭލާ އާއި ޓްރޭވިސްގެ ފަރާތުން ބޭއްވި ޕްރައިވެޓް ރިހާސަލްއަށް ދެ މީހުންގެ އާއިލާގެ މެންބަރުންނާއި މަޝްހޫރު ބައެއް ސެލެބްރިޓީން ދިޔަ މަންޒަރުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފައެވެ.
މިހާތަނަށް 14 ގްރެމީގެ އިތުރުން މިއުޒިކީ ދާއިރާއިން ގިނަ އެވޯޑުތަކެއް ކާމިޔާބުކޮށްފައިވާ ޓޭލާ އަކީ، ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭ ހިމެނޭ މިއުޒިކީ ފަންނާނެކެވެ. ޓޭލާގެ ލަވަތަކުގެ ތެރެއިން "އެރާސް ޓުއާ" ދުނިޔޭގެ ރެކޯޑުތައް މުގުރާލުމާ އެކު ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުން ވެސް ޓޭލާއަށް ޖާގަ ލިބުނެވެ.
އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް، 35 އާއި ޓޭލާ، 35، ލޯބީގެ ގޮތުން ގުޅުނީ 2023 ވަނަ އަހަރުގެ ފަހުކޮޅެވެ.