މި އަހަރުގެ މާޗް މަހު ރިލީޒްކޮށް ވިޔަފާރީގެ ގޮތުން ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑް ފިލްމު "ޕްރޮޖެކްޓް ހެއިލް މޭރީ" އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ސްޓްރީމްކުރަން ފަށައިފިއެވެ.
އެކަޑަމީ އެވޯޑް ހާސިލްކޮށްފައިވާ ފިލްމު އުފެއްދުންތެރިން ކަމަށްވާ ފިލް ލޯޑް އަދި ކްރިސްޓޮފަ މިލާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ، އެންޑީ ވެއާގެ އެންމެ މަގުބޫލު އެއް ނޮވެލްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ޑްރޫ ގޮޑާޑް އެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ސައިންސް މުދައްރިސެއް ކަމަށްވާ ރައިލޭންޑް ގްރޭސްގެ މައްޗަށެވެ. އޭނާ ހޭލެވޭއިރު އޮންނަނީ ކާކުކަން ނޭނގޭ ހާލަތެއްގައި ފަޒާގެ އުޅަނދެއްގެ ތެރޭގައެވެ. އޭނާ އެ ތަނަށް ދިޔަ ގޮތެއްވެސް ހަނދާނެއް ނުހުރެއެވެ. ނަމަވެސް، މަޑުމަޑުން ހަނދާންތައް އައުވަމުންދާއިރު، އޭނާއަށް އެނގެނީ އިރުގެ ބާރު ކުޑަވަމުންދާ ސަބަބު ހޯދައި، ދުނިޔެ ސަލާމަތްކުރުމުގެ މުހިންމު މިޝަނެއްގައި އޭނާ ފޮނުވާފައިވާ ކަމެވެ.

ފިލްމު "ޕްރޮޖެކްޓް ހެއިލް މޭރީ"ގެ މަންޒަރެއްގައި އެކްޓަރު ރަޔަން ގޮސްލިން--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ރަޔަން ގޮސްލިން ލީޑް ރޯލް ކުޅެފައިވާ މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސަންދްރާ ހުލާ، ޖޭމްސް އޯޓިޒް، ލިއޮނަލް ބޯއިސް، ކެން ލިއުންގް، މިލާނާ ވައިންޓްރަބް އަދި ޕްރިޔާ ކަންސާރާ ހިމެނެއެވެ.
މުޅިއެކު 248 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް 683 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި އުތުރު އެމެރިކާއިން ލިބުނު 344 މިލިއަން ޑޮލަރާއި، ބައިނަލްއަގުވާމީ މާކެޓްތަކުން ލިބުނު 339 މިލިއަން ޑޮލަރު ހިމެނެއެވެ.