ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަކާޑު ގުޅިގެން، 100,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ، އަންނަ އޮގަސްޓު މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، ބީއެމްއެލް މާސްޓަކާޑު ޑެބިޓް ކާޑަށް އެދި އަލަށް ހުށަހަޅާ ކަސްޓަމަރުންނަށް ކަމަށެވެ. އަދި މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓަކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަކުރަންޖެހޭނެ ކަމަށް ބެންކުން ބުންޏެވެ.
ބީއެމްއެލްއިން ވަނީ، ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެކަން ފާހަގަކޮށްފައެވެ. އެގޮތުން ހަފުތާއަކު 1,000 ރުފިޔާ ޚަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެއެވެ. އަދި މަހެއްގެ ތެރޭގައި 5,000 ރުފިޔާ ޚަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ބެންކުން ބުންޏެވެ.

ބީއެމްއެލްއާއި މާސްޓަކާޑްއިން ވަނީ ޕްރޮމޯޝަނެއް ފަށައިފައި ---
އެ ޕްރޮމޯޝަން ނިމުމުން ގުރުއަތުން 10 ނަސީބުވެރިން ހޮވައި، ކޮންމެ ނަސީބުވެރިއަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން އެ ފައިސާ ސީދާ އެ ފަރާތްތަކުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރާނެ ކަމަށް ބެންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ އެ ބެންކުގެ މާސްޓަކާޑު ޑެބިޓް ކާޑަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ ނެގުމަށް ބޭނުންކުރެވޭނެ ކާޑެއް ކަމަށެވެ. ރާއްޖޭގައި މި ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބޭންކުން ދޫކުރާ މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތަކަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ތަފާތު އެކި އިނާމުތަކާއި ޚާއްސަ ފުރުސަތުތައް ލިބިދޭ ކާޑެއްކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.
އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/get-rewarded-with-mastercard