ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ މޮބައިލް އެޕް އަދި އިންޓަނެޓް ބޭންކިންއަށް އަޕްޑޭޓް ގެނެސް، ކަސްޓަމަރުންނަށް ޚިދުމަތްދޭ 'އާޔާ' އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ބަދަލުތައް ގެނެސްފައިވަނީ ކަސްޓަމަރުން ބޭންކިން ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ މަގުސަދުގައެވެ.
މި އަޕްޑޭޓް އާއެކު 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ. އަދި ބޭންކިން ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ސީދާ ހޯދުމުގެ ފުރުސަތުވެސް މިހާރު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ބޭންކުން ބުނި ގޮތުގައި މިއީ ކަސްޓަމަރުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ގެނެވުނު އައު ބަދަލާއެކު، މޮބައިލް ބޭންކިން އެޕް އަދި އިންޓާނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި މެސެޖިން ފީޗާ މެދުވެރިކޮށް ބޭންކިން ޚިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑާލެވޭނެއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މިއީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިން ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.