ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީތައް ކެންސަލްވާ ސަބަބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސަޢީދު ސީދާ ޖަވާބެއް ނުދެއްވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާރްޓީއެލް ފެރީތަކުގެ ދަތުރުތައް ކެންސަލްވާ ސަބަބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ސުވާލުކުރެއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިޞަލެވެ. ނަމަވެސް އެ ސުވާލަށް ޖަވާބުދެއްވުމުގެ ބަދަލުގައި ސަޢީދު ހާމަކުރެއްވީ ތަފާސްހިސާބުތަކެވެ.
އެގޮތުން ސަޢީދު ވިދާޅުވީ، މިހާރުވެސް 15 އަތޮޅެއްގައި 35 ފެރީއެއް ދަތުރުކުރާއިރު، އާރްޓީއެލް ޚިދުމަތްތައް މިހާރު ފުރިހަމަނުކުރެވި އޮތީ ބާކީ ފަސް އަތޮޅެއްގައި ކަމަށެވެ.
"ދެން މީގެ ތެރޭގަ އޮތް ބާކީ ފަސް އަތޮޅާއެކު އިރާދަކުރެއްވިއްޔާ 2027ވަނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އެއްކޮށް އާރްޓީއެލް ނެޓްވޯކުން ގުޅައިލެވޭނެ، އެއީ އަޅުގަނޑުމެންގެ ރައީސްގެ އަމާޒަކީ،" ސަޢީދު ވިދާޅުވިއެވެ.
ސަޢީދުގެ ޖަވާބާ މެދު ހިތްހަމަނުޖެހި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވަނީ އަމީން ކުރެއްވި ސުވާލު ތަކުރާރުކުރައްވައިފައެވެ. ޒިޔާދަށްވެސް ސަޢީދު ދެއްވީ ހަމަ އެއް ޖަވާބެކެވެ.
ފާހަގަކުރެވޭ ގޮތުގައި އެހެން ރަށްރަށާ އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގެ އާރްޓީއެލް ދަތުރުތައް ކެންސަލްވި މައްސަލައިގައި އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެގޮތުން އެ ރަށު ކައުންސިލުގެ ރައީސް ޢަބްދުالله ވަޙީދު 'ސަން'އަށް މީގެ ކުރިން ވިދާޅުވީ، މަކުނުދުއާއި ކުޅުދުއްފުއްޓާ ދެމެދު ކުރާ އާރްޓީއެލް ފެރީގެ ދަތުރުތައް ކެންސަލްވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި، އާންމު ގޮތެއްގައި ވަރަށް ގިނައިން ދަތުރުތައް ކެންސަލްވަމުންދާ ކަމަށެވެ.
އެ ރަށު ރައްޔިތުން ވަރަށް ބޮޑަށް އާރްޓީއެލް ފެރީއަށް ބަރޯސާވާ ކަމަށް، ވަޙީދު ވިދާޅުވިއެވެ.
އެމްޓީސީސީން މިއަދު 'ސަން'އަށް ބުނީ، މޫސުން ރަނގަޅު ނަމަ މަކުނުދުއަށް ބަރާބަރަށް ދަތުރުތައް ކުރާ ކަމަށާއި، ޓެކްނިކަލް މައްސަލައެއް ދިމާވެ ދަތުރުތައް ކެންސަލްކުރީ އެންމެ ދުވަހަކު ކަމަށެވެ.
މި ކަމާ ގުޅިގެން މަކުނުދޫ ކައުންސިލާ އެކީ މަޝްވަރާކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.