ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ބުރުގައި ވަރުގަދަ ބްރެޒިލް ކޮޅަށް އާލިން ހާލަންޑް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ނޯވޭ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖަށްފަހު، ބްރެޒިލާއި ނޯވޭ ވޯލްޑް ކަޕެއްގައި ބައްދަލުކުރި ފުރަތަމަ މެޗުވެ، މިއީ އެ އަހަރުގެ ފަހުން ނޯވޭ އިން ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ ފަހަރުވެސް މެއެވެ.
މެޗުގައި ބްރެޒިލަށް ޕެނަލްޓީއެއް ނާކާމިޔާބުވުން މެޗުގެ ކުރީކޮޅު ނޯވޭގެ ޕެޓްރިކް ބާގް ގޯލެއް ޖަހައި އެޓީމަށް ލީޑުނަގައިދިން ނަމަވެސް، އެ އެޓޭކް އުފެއްދިއިރު އޮފްސައިޑްވެފައި އޮތުމުން ވީއޭއާރުން އެ ގޯލު ބަލައެއް ނުގަތެވެ.
އޭގެ އިރުކޮޅެއްފަހުން ބްރެޒިލަށް ލީޑުނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ބްރެޒިލްގެ މަޓެއުސް ކޫންޏާ އަށް ނޯވޭގެ ކްރިސްޓޮފާ އާޔާ ކުރި ފައުލަކަށް 14 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ، ބްރޫނޯ ގިމާރޭސް ފޮނުވާލުމުން ނޯވޭގެ ކީޕަރު އޮރްޖާން ނީލަންޑް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.
ދެވަނަ ހާފުގެ ހަމަލާތަކާއި ހާލަންޑުގެ ތަފާތު މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. ނޯވޭގެ ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާތަކާއި، ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޒުވާން ފޯވާޑް އެންޑްރިކަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މެޗުގެ އޮއިވަރު ބަދަލުވީ 80 ވަނަ މިނިޓްގައެވެ. އަންދްރެއަސް ޝެލްޑްރަޕް ނަގައިދިން ހުރަހަކުން އާލިން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައި ނޯވޭއަށް ލީޑުނަގައިދިނެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ހާލަންޑް ވަނީ ނޯވޭއަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
މިއީ މި މުބާރާތުގައި އޭނާ ޖެހި 7 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ ލަނޑު ލިސްޓުގެ ކުރީގައި އޮތް ލިއޮނަލް މެސީއާއި ކީލިއަން އެމްބާޕޭއާ އެއްވަރުވެފައެވެ.
މެޗުގެ އިތުރު ވަގުތުގެ 8 ވަނަ މިނިޓްގައި ބްރެޒިލްގެ ކަސެމީރޯއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ނޭމާ ކާމިޔާބުކޮށްދިން ނަމަވެސް، ނަތީޖާ ހަމަހަމަކުރަން އިތުރު ވަގުތެއް ނުލިބި ބްރެޒިލް މުބާރާތުން ކެޓީ 2-1 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ކުއާޓާގައި ނޯވޭ ބައްދަލުކުރަން ޖެހޭނީ މިރޭ ފަތިހު ރާއްޖެގަޑިން 05:00 އިންގްލެންޑާއި މެކްސިކޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.