ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި، ބޮސްނިއާއާ ދެކޮޅަށް އެމެރިކާ ކުޅުނު މެޗުގައި، އެމެރިކާގެ ފަލޮރިން ބަލޮގަންއަށް ދެއްކި ރަތް ކާޑު ކެންސަލްކުރުމަށްފަހު ފަހުގެ އިންޒާރަކަށް އެ ބަދަލުކުރުމަށް ފީފާއިން ނިންމައިފިއެވެ.
ފީފާއިން މިގޮތަށް ނިންމީ އެމެރިކާ ސަރުކާރާއި އެ ގައުުމުގެ ނުފޫޒުގަދަ އެކި ފަރާތްތަކުން ބަލޮގަންގެ ރަތްކާޑަށް ލުޔެއްދޭން ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ.
މި ކުއްލި ނިންމުން ނިންމާފައިވަނީ ޑިސިޕްލިނަރީ ކޮމިޓީންނެވެ. މަޝްވަރާތަކަށްފަހު ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ބަލޮގަންގެ މި ރަތް ކާޑުގެ ސަސްޕެންޝަން ކެންސަލްކޮށްފައެވެ. އަދި އިންޒާރެއްގެ ގޮތުގައި އެފަދަ ފައުލެއް ތަކުރާރުނުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް އެފަދަ ފައުލެއް ތަކުރާރުކޮށްފިނަމަ ސަސްޕެންޝަން އަންނާނެކަމަށް ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައިވެއެވެ. އެ ފައުލް ތަކުރާރުކޮށްފިނަމަ އަދަބުދޭނެ މުއްދަތަކީ އެއް އަހަރުދުވަހެވެ.
ބަލޮގަންއަށް ރަތްކާޑު ދައްކާފައިވަނީ ބޮސްނިއާ އަތުން އެމެރިކާ މޮޅުވި މެޗުގައެޗެ. އެ މެޗުގައި ބަަލޮގަން ފުރަތަމަ ހާފުގައި އެމެރިކާއަށް ލީޑުނަަގައިދިންއިރު، ދެވަނަ ހާފުގައި ބޮސްނިއާގެ ޑިފެންޑަރު، ޓަރެކް މުހަރެމޮވިޗަށް ނުރައްކާތެރި ފައުލެއް ކުރިކަމަށް ބުނެ، ރަތް ކާޑެއް ދެއްކިއެވެ.
އޭނާއަށް ރަތްކާޑު ދެއްކީ މުހަރެމޮވިޗްގެ ފައި މައްޗަށް އެރުމާއި ގުޅިގެންނެވެ. މި ނިންމުން ނިންމާފައިވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލައިގެންނެވެ.
އެއާއެކު ބަލޮގަން ވަނީ އެއް މެޗަށް ސަސްޕެންޑުކޮށްފައެވެ. އެމެރިކާގެ ނުފޫޒުގަދަ މީހުން ކަންބޮޑުވީ މި ސަސްޕެންޝަނާއެކު ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ބެލްޖިއަމާ ކުޅޭ މެޗުގައި ބަލޮގަން އަށް ގެއްލޭނެތީއެވެ.
ބަލޮގަންއަކީ އެމެރިކާގެ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.