ދުނިޔޭގެ އެންމެ މަތީ ފެންވަރަށް ހިތުގެ ފަރުވާ ދެވޭނެ ވަސީލަތްތައް މިހާރު ރާއްޖޭގައި އެބަހުރި: ޑރ. މިޤްދާދު

ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ކާޑިއޮލޮޖީ ސްޕެޝަލިސްޓް ޑރ. މިޤްދާދު ޝަރީފް: ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ އެއްފަދައިން، އެންމެ މަތީ ފެންވަރުގައި ހިތުގެ ބަލިތަކަށް ފަރުވާ ދެވޭނެ ޒަމާނީ ވަސީލަތްތައް އެބަހުރިކަމަށް -- ފޮޓޯ: އައިޖީއެމްއެޗް

ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ އެއްފަދައިން، އެންމެ މަތީ ފެންވަރުގައި ހިތުގެ ބަލިތަކަށް ފަރުވާ ދެވޭނެ ޒަމާނީ ވަސީލަތްތައް ރާއްޖޭގެ ނޭޝަނަލް ކާޑިއެކް ސެންޓަރުގައި މިހާރު ގާއިމުކުރެވިފައިވާ ކަމަށް އެ ސެންޓަރުގެ ކާޑިއޮލޮޖީ ސްޕެޝަލިސްޓް ޑރ. މިޤްދާދު ޝަރީފް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިޤްދާދު ވިދާޅުވީ، ކާޑިއެކް ސެންޓަރުގެ ޚިދުމަތްތައް ފެށުނު ދުވަސްވަރާ އަޅާބަލާއިރު މިއަދު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ކުރިން ހިތުގެ ޓެސްޓެއް ހަދައި އޭގެ ނަތީޖާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވައިގެން އެތައް ދުވަހެއް ހޭދަކުރަން ޖެހުނު ނަމަވެސް، މިއަދު އެ ހާލަތު ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިން ރާއްޖޭގައި ދެވެން ނެތް އެތައް ފަރުވާއެއް މިހާރު ކާޑިއެކް ސެންޓަރުން ލިބެން ހުރިކަން ފާހަގަކުރައްވައި މިޤްދާދު ވިދާޅުވީ، އެއްވެސް އޮޕަރޭޝަނެއް ނުކޮށް ހިތުގައި އެޅިފައި ހުންނަ ލޯވަޅު ބެއްދޭނެ ފަރުވާވެސް މިހާރު ދެމުންދާ ކަމަށެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އެ ސެންޓަރުގައި މިހާރު މަސައްކަތް ކުރައްވާ ހުރިހާ ކާޑިއޮލޮޖިސްޓުންނަކީ ދިވެހިންކަމަށް މިޤްދާދު ވިދާޅުވިއެވެ.

"ވަރަށް ފަޚުރުވެރިކަމާއެކު މި ބުނަނީ، މިހާރު މި ސެންޓަރުގައި ކާޑިއޮލޮޖިސްޓުންގެ ގޮތުގައި ތިބީ ހުސް ދިވެހިން،" އޭނާ ވިދާޅުވިއެވެ.

މިއީ ދިވެހި ޑޮކްޓަރުންނަށް އާންމުން ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެއްގެ ގޮތުގައި މިޤްދާދު ސިފަކުރެއްވިއެވެ.

މިޤްދާދު އިތުރަށް ވިދާޅުވީ ކާޑިއޯ ވަސްކިއުލާ ޚިދުމަތްތައް ރާއްޖޭގައި ތިބެގެން ލިބުމަކީ ބަލިމީހުންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. މި ސެންޓަރުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި ހުންނަ ނޭޝަނަލް ކާޑިއެކް ސެންޓަރަކީ ޖޫން 5، 2016 ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިތުގެ ބަލިތަކަށް ޚާއްސަ ފަރުވާ ދިނުމަށް ހުޅުވި ފުރަތަމަ މަރުކަޒެވެ.

comment ކޮމެންޓް