ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް، 12،000 މީހުންނަށް ވެކްސިން ދީފި

ހިމަބިހި ވެކްސިން ޖެހުން: މިދިޔަ ހަފުތާގައި ހިމަބިހީގެ 20 ކޭސް ފެނިފައިވޭ -- ފޮޓޯ/ އެޗްޕީއޭ

މި އަހަރުގެ މިހާތަނަށް ހިމަބިހި ނުވަތަ މީސްލްސް ޖެހުނު މީހުންގެ އަދަދު 186އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 22 ކޭސް ވަނީ ފެނިފައެވެ. އަދި މި އަހަރުގެ މިހާތަނަށް 12،000 މީހުންނަށް ވެކްސިން ދީފައިވާކަން ވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

ހަމައެއާއެކު، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެކަން ފާހަގަކޮށްފައެވެ.

https://sun.mv/224959

ފާހަގަކޮށްލެވޭ ގޮތުގައި، ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކަށް ރާއްޖެ ވަނީ ވެފައެވެ.

އެ ބައްޔަށް ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު ވަނީ މި މަހުގެ 13 ވަނަ ދުވަހު މަރުވެފައެވެ.

ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.

ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ 'ސިއްހަތު ބްލޮގް'ގައިވާ ގޮތުން، އެ ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުންނާއި، އެ ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުންނެވެ. އަދި ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުމަކީ ވެސް، މަދުން ނަމަވެސް ހިމަބިހި ޖެހޭ ގޮތެއް ކަމަށް ލިޔުއްވާފައިވެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި:

  • ގަދަޔަށް ހުން އައުން
  • ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން
  • ކިނބިހިއެޅުން
  • ކަރުތެރެ ހަލާކުވެ ފާރުވުން
  • ކެއްސުން
  • ވަރުބަލިވުން
  • ނުތަނަވަސްވުން
  • ގައިގައި ނުވަތަ މަސްތަކުގައި ރިހުން
  • ކާހިތްނުވުން

ޑރ. ޢަބްދުލް ޢަޒީޒުގެ ބްލޮގްގައިވާ ގޮތުން، ހިމަބިހި ޖެހުމުން ހަށިގަނޑުގައި ނަގާ ރަތް ކުލައިގެ ބިހިތައް ފުރަތަމަ ނަގަނީ ނިއްކުރި މަތިން ގޮސް ބޮލުގެ އިސްތަށި ފެށިފައި ހުންނަ ހިސާބުންނެވެ.

ޞިއްޙީ މާހިރުން ވަނީ، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް