ގިނަ ބަޔަކު ދެކޭގޮތުގައި ވިޓަމިނަކީ ކުދިންނަށް ކޮންމެހެން ދޭންޖެހޭ އެއްޗެއް ކަމަށްވީ ނަމަވެސް ސިއްހީ މާހިރުންގެ ޚިޔާލު މިކަމުގައި ތަފާތު--ފޮޓޯ/އީއެމްސީ

ވިޓަމިނަކީ ހަށިގަނޑަށް މަދު މިންވަރަކަށް ބޭނުންވާ މާއްދާތަކަކަށް ވީނަމަވެސް، ވަރަށް މުހިންމު ދައުރެއް އަދާކުރާ މާއްދާތަކެކެވެ. މީގެ ތެރޭގައި ހަށިގަނޑު ހެދިބޮޑުވުމަށް އެހީވުމާއި، ބަލިތަކުން ދިފާއުވުމާއި، ކަށިތައް ވަރުގަދަކުރުމާއި، ލޮލުގެ ފެނުން ސަލާމަތުން ބެހެއްޓުމުގެ އިތުރުން ސިކުނޑީގެ މަސައްކަތްތަކަށް އެހީތެރިވެދިނުން ހިމެނެއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަމިއްލައަށް ވިޓަމިން އުފައްދައި ނުދޭތީ، މި ބޭނުންތައް ފުއްދަންޖެހެނީ ކާބޯތަކެތީގެ ޒަރީއާއިން ނުވަތަ ހާއްސަ ހާލަތްތަކުގައި ބޭނުންކުރާ ވިޓަމިން ސަޕްލިމެންޓްތަކުންނެވެ.

ގިނަ ބެލެނިވެރިންނަކީ، ކުދިންގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ބަލިތަކުން ރައްކާތެރިކުރުމަށާއި، ކާހިތްވުން އިތުރުކުރުމުގެ އުންމީދުގައި ކޮންމެ ދުވަހަކު ވިޓަމިން ދޭ ބައެކެވެ.

ކުޑަކުދިންނަށް ކޮންމެ ދުވަހަކު ވިޓަމިން ބޭނުންވުމާ ގުޅޭގޮތުން އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އިރްދިއަން ނޮފްރިއަންސްޔާ ތައިމް ވިދާޅުވީ އުމުރާ ގުޅޭގޮތަށް ހެދިބޮޑުވަމުން އަންނަ، އަދި ހަށިގަނޑަށް ފައިދާހުރި މުއްސަނދި ކެއުމެއް ކާ ދުޅަހެޔޮ ކުދިންނަށް، އާންމުގޮތެއްގައި ބޭނުންވާ މިންވަރަށް ވިޓަމިން ކާބޯތަކެތިން ލިބޭނެ ކަމަށެވެ.

ކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް އެކުދިންގެ އުމުރާގުޅޭ ފައިދާހުރި ކެއުން ލިބޭނަމަ އާންމުގޮތެއްގައި ބޭނުންވާ މިންވަރަށް ވިޓަމިން ކާބޯތަކެތިން ލިބޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/ޕިންޓްރެސްޓް

އެހެންކަމުން، އިތުރު ވިޓަމިން ސަޕްލިމެންޓް ބޭނުންކުރުމަކީ ކޮންމެ ކުއްޖަކަށް ކޮންމެހެން މަޖުބޫރު ކަމެއް ނޫން ކަމަށް ޑރ. އިރްދިއަން ވިދާޅުވެއެވެ. އަދި ވިޓަމިން ދޭންވާނީ ކުއްޖާގެ ހާލަތަށް ބަލައި، ޑޮކްޓަރެއްގެ ލަފާގެ މަތިން ކަމަށްވެސް އޭނާ ލަފާދެއްވައެވެ.

ކުޑަކުދިންނަށް އިތުރު ވިޓަމިން ބޭނުންވެދާނެ ހާލަތްތަކުގެތެރޭ، ގިނަ ދުވަސްތަކެއް ވަންދެން ކެއުމަށް ދަތިވެ، ހަށިގަނޑަށް ބޭނުންވާ މާއްދާތައް މަދުވުން، ހަށިގަނޑަށް ކާނާގެ ބައިތައް ދަމައިގަތުމުގައި މައްސަލަތަކެއް ހުރުން، ވިޓަމިން އިތުރަށް ބޭނުންވާފަދަ ސިއްހީ ބައްޔެއް ހުރުން، ވަކި ހާއްސަ ބާވަތްތަކެއްގެ ކެއުމަށް އާދަވެފައިވުމުގެ ސަބަބުން ބައެއް މާއްދާތައް މަދުވުމުގެ ބިރު އޮތުން އަދި ބައްޔަކުން ފަސޭހަވަމުން އަންނަ ވަގުތެއްގައި، ޑޮކްޓަރު އެގޮތަށް ލަފާދިނުން ހިމެނެއެވެ.

ވިޓަމިނުން ކާހިތްވުން އިތުރުކޮށްދޭ ކަމަށް ވަރަށް ގިނަ ބެލެނިވެރިންނަށް ގަބޫލުކުރެވޭއިރު މިއީ ބެލެނިވެރިންގެ މެދުގައި އޮންނަ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ޑރ. އިރްދިއަން ވިދާޅުވެއެވެ.

އޭނާ ބަޔާންކުރެއްވި ގޮތުގައި، ހަގީގަތުގައި ވިޓަމިނަކީ ކާހިތްވުން އިތުރުކުރާ ބޭހެއް ނޫނެވެ. ކުއްޖާ ކާން ބޭނުންނުވާނަމަ، ފުރަތަމަ އޭގެ ސަބަބު ހޯދަންޖެހޭ ކަމަށް ޑރ. އިރްދިއަން ވިދާޅުވެއެވެ.

ކުއްޖާގެ ކެއުމުގައި ތަފާތު ބާވަތްތައް ހިމެނޭ ވަރަކަށް، ގުދުރަތީ ގޮތުން ހަށިގަނޑަށް ބޭނުންވާ ވިޓަމިން ލިބުމުގެ ފުރުސަތު ބޮޑުވާކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ

ކުއްޖާ ކާން ބޭނުންނުވާ ސަބަބު ނޭނގި ވިޓަމިން ދިނުމަކުން ކާހިތްވުމަކަށް ބަދަލެއް ނާންނާނެއެވެ. އެހެންކަމުން، ގިނަ ދުވަސްތަކެއް ވަންދެން ކާހިތްނުވުމާއި ބަރުދަން އިތުރުނުވާނަމަ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

ހަށިގަނޑަށް ވިޓަމިން ލިބޭ އެންމެ ފުރިހަމަ ގޮތަކީ ފައިދާހުރި މިންހެޔޮ ކެއުމަކަށް ކުއްޖާ އާދަކުރުމެވެ. އެގޮތުން ހަށިގަނޑަށް ވިޓަމިން ލިއްބައިދޭ މުހިއްމު ބާވާތްތަކުގެތެރޭ، އޮރެންޖު، ފަޅޯ، ދޮންކެޔޮ، އަނބު، ކޮޕީފަތް، ބްރޮކޮލީ، ކެރެޓް ފަދަ މޭވާ އާއި ތަރުކާރީގެ އުފެއްދުންތައް، ޕްރޮޓީން އަދި ކިރާއި ކިރުގެ އެކި ބާވަތްތަކުގެ އިތުރުން އެކި ބާވަތްތަކުގެ މުގާއި އޮށްތައް ހިމެނެއެވެ.

ކުއްޖާގެ ކެއުމުގައި ތަފާތު ބާވަތްތައް ހިމެނޭ ވަރަކަށް، ގުދުރަތީ ގޮތުން ހަށިގަނޑަށް ބޭނުންވާ ވިޓަމިން ލިބުމުގެ ފުރުސަތު ބޮޑުވެއެވެ.

އެހެންކަމުން ވިޓަމިނަކީ އާންމުކޮށް ފިހާރަތަކުން ލިބެން ހުންނަ އެއްޗަކަށް ވިޔަސް ކުދިންނަށް މާގިނައިން ވިޓަމިން ދިނުމަކީ ރައްކާތެރިގޮތެއް ނޫން ކަމަށާއި އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުންތަކެއް ލިބިދާނެކަމަށް ޑރ. އިރްދިއަން ފާހަގަކުރައްވާފައިވެއެވެ.

ހާއްސަކޮށް ވިޓަމިން އޭ, ޑީ, އީ އަދި ކޭ ފަދަ ވިޓަމިންތައް މާގިނައިން ހަށިގަނޑަށް އެތެރެވުމުން، އެތަކެތި ހަށިގަނޑުގައި ޖަމާވެ، ސިއްހީ އެކި މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން، ވިޓަމިން ދޭންވާނީ ޑޮކްޓަރުގެ ލަފައާ އެކު، ކަނޑައެޅިފައިވާ މިންވަރަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ކާހިތްނުވުން، ބަރުދަން އިތުރުނުވުން ނުވަތަ ލުއިވުން، ކުއްޖާ އަވަހަށް ވަރުބަލިވުން، އުމުރާ އެކަށީގެންވާ ވަރަށް ހަށިގަނޑު ހެދިބޮޑުނުވުން ފަދަ ކަންކަން ފާހަގަކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ. ކުއްޖާގެ ހާލަތާއި، ކެއުމުގެ އާދަކާދަތަކަށް ބަލައި، އިތުރު ވިޓަމިން ބޭނުންވާނަމަ އެކަން ނިންމާނީ ޑޮކްޓަރެވެ.

ކުދިންގެ ހެދިބޮޑުވުމަށް ވިޓަމިނަކީ މުހިންމު އެއްޗެއް ނަމަވެސް ހުރިހާ ކުދިން ކޮންމެ ދުވަހަކު ވިޓަމިން ބޭނުންކުރާކަށް ނުޖެހެއެވެ. ކާނާއިން ބޭނުންވާ މާއްދާތައް ލިބޭނަމަ، އިތުރު ސަޕްލިމެންޓް ބޭނުންކުރުމުގެ ބަދަލުގައި އެންމެ ރަނގަޅީ ގުދުރަތީ ކާނާއެވެ.

ކުއްޖާގެ ސިއްހީ މައްސަލައެއް ހުރިނަމަ، އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.

comment ކޮމެންޓް