އެންތުރޮޕިކްގެ 'ކްލޯޑް ކޯޑް' ބޭނުންކުރުން އަލީބާބާއިން މުވައްޒަފުންނަށް މަނާކޮށްފި

އަލީބާބާއިން ވަނީ ކްލޯޑް ކޯޑަކީ ހައި-ރިސްކް ނުވަތަ ނުރައްކާ ބޮޑު ސޮފްޓްވެއާއެއްގެ ގޮތުގައި ކަނޑައަޅާފައި ---

އެންތުރޮޕިކްގެ 'ކްލޯޑް ކޯޑް' ބޭނުންކުރުން އަލީބާބާއިން މުވައްޒަފުންނަށް މަނާކޮށްފިއެވެ.

ޗައިނާގެ މަޝްހޫރު އީ-ކޮމާސް އަދި ޓެކްނޮލޮޖީ ކުންފުނި، އަލީބާބާގެ މުވައްޒަފުން އޭއައި ޕްރޮގްރާމިން ޓޫލެއް ކަމަށްވާ 'ކްލޯޑް ކޯޑް' ބޭނުންކުރުން އެ ކުންފުނިން މަނާކުރަން ނިންމާފައިވަނީ ސަލާމަތީ ސަބަބުތަކަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ނިންމުމުގެ ދަށުން އަލީބާބާއިން ވަނީ ކްލޯޑް ކޯޑަކީ ހައި-ރިސްކް ނުވަތަ ނުރައްކާ ބޮޑު ސޮފްޓްވެއާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ކްލޯޑް ކޯޑް އުފެއްދި އެންތުރޮޕިކް ކުންފުނިން މީގެ ކުރިންވެސް ވަނީ ޗައިނާގެ ކުންފުނިތަކަށާއި، ބޭރު ގައުމުތަކުގައި ހުރި ޗައިނާގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެމްއެލް މޮޑެލްތައް ބޭނުންކުރުން މަނާކޮށްފައެވެ. އަދި ޗައިނާގެ ޔޫޒަރުން ނާޖާއިޒު ގޮތުގައި މި ސޮފްޓްވެއާ އެކްސެސް ކުރާ މަގުތައް ބަންދުކުރުމަށް އެންތުރޮޕިކްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://sun.mv/221784

މިގޮތުން ދާދިފަހުން ރެޑިޓްގައި ދައުރުވި މަޢުލޫމާތުތަކެއް ބުނާގޮތުން، ކްލޯޑް ކޯޑްގެ ވަކި ވާޝަނެއް ބޭނުންކޮށްގެން ސިއްރިއްޔާތުގައި ޗައިނާގެ ޔޫޒަރުން ދެނެގަތުމުގެ މަސައްކަތް އެންތުރޮޕިކްއިން ވަނީ ކޮށްފައެވެ. ނަމަވެސް އެންތުރޮޕިކްގެ އޮފިޝަލެއް ކަމަށްވާ ތާރިގް ޝިހިޕާރު އެކްސް (ކުރީގެ ޓުވިޓާ) ގައި ހާމަކުރި ގޮތުގައި އެއީ އެކައުންޓްތައް ނާޖާއިޒު ގޮތުގައި ރިސެލްކުރުން ހުއްޓުވުމަށާއި، އޭއައި މޮޑެލްގެ އައުޓްޕުޓް ބޭނުންކޮށްގެން އެހެން މޮޑެލްތައް ތަމްރީނުކުރުން (ޑިސްޓިލޭޝަން) ހުއްޓުވުމަށް މާރިޗު މަހު ހިންގި ޕްރޮގްރާމެކެވެ.

ޝިހިޕާރު އިތުރަށް ބުނެފައިވަނީ މިހާރު އެއަށްވުރެ ވަރުގަދަ ސެކިއުރިޓީ ފިޔަވަޅުތަކެއް އެޅިފައިވާތީ، އެ ސިއްރު ފިޔަވަޅުތައް އުވާލަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް، އަލީބާބާއިން މިހާރު ވަނީ އެ ކުންފުނީގެ މުވައްޒަފުން ކްލޯޑް ކޯޑްގެ ބަދަލުގައި، އަލީބާބާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ 'ކިއުޑަރ' ޓޫލް ބޭނުންކުރުމަށް އިރުޝާދު ދީފައެވެ.

އެންތުރޮޕިކްގެ 'ކްލޯޑް ކޯޑް' ބޭނުންކުރުން އަލީބާބާއިން މަނާކުރިއިރު، މިއީ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޑޭޓާ ސެކިއުރިޓީގެ ކަންބޮޑުވުންތަކުގެ ތެރެއިން ފެންމަތިވި ނިންމުމެކެވެ. އޭއައި ސޮފްޓްވެއާތަކުގެ ސަބަބުން ކުންފުނިތަކުގެ ސިއްރު ކޯޑުތަކާއި މައުލޫމާތު ބޭރުވެދާނެތީ، ދުނިޔޭގެ ބޮޑެތި ގިނަ ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ ބޭރުގެ އޭއައި ޓޫލްތައް ބޭނުންކުރުން ހަނިކުރަމުންނެވެ. އަދި ޗައިނާގެ ޔޫޒަރުންނަށް އެންތުރޮޕިކްގެ ޚިދުމަތްތައް ހޯދުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އަލީބާބާ ފަދަ ބޮޑެތި ކުންފުނިތަކުން މިހާރު އިސްކަންދެނީ ބޭރުގެ ސޮފްޓްވެއާތަކަށް ބަރޯސާވުމުގެ ބަދަލުގައި، ކުންފުނީގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަމިއްލަ އޭއައި ޓޫލްތައް ތަރައްގީކޮށް ބޭނުންކުރުމަށެވެ.

comment ކޮމެންޓް