ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ހުރި މީހެއް ގަޔަށް ހޫނުފެން އެޅި ފުލުސް މީހާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
މިއީ، އޮގަސްޓު 18، 2021ގައި މާފަންނު ޕޮލިސް ސްޓޭޝަނުގައި، ޕޮލިސް ސާޖަންޓް ރޭންކުގައި މަސައްކަތް ކުރި ފުލުހަކު، ބަންދުގައި ހުރި މީހެއްގެ ގަޔަށް ހޫނު ފެން އަޅައި ފިއްސާލިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި މައްސަލައެވެ.
އެ ހާދިސާއާ ގުޅިގެން، އެ ފުލުސް މީހާ ވަޒީފާއިން ވަކިކުރުމުން އޭނާ އެ މައްސަލަ ކޯޓަށް ހުށަހެޅީއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރި މި މައްސަލަ ނިމުނީ މިދިޔަ ހަފުތާގައެވެ.
ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީން، މި މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓުގައި ފާހަގަކުރެއްވި ގޮތުގައި އެ ފުލުސް މީހާ ވަޒީފާއިން ވަކި ކުރީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުގައެވެ. އޭނާ ވަޒީފާއިން ވަކި ކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއްކަން ކަނޑައެޅެން ނެތް ކަމަށް މަތީން ކުރެއްވި ހުކުމުގައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ގަޔަށް ހޫނުފެން އެޅި ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި 15 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ވެސް ކޮށްފައިވެއެވެ. އެ މައްސަލައިގައި، ޓޯޗާގެ އަމަލެއް ހިންގިކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފައެވެ.