އޮއްޕޮގެ ކުންފުނިން ސްޓޭޑިއަމްގެ ބިން ހުސްނުކުރުމުން ގާނޫނީ ފިޔަވަޅު އަޅަނީ

އިބްރާހިމް ފަޒީލް (އޮއްޕޮ)

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލްގެ ކުންފުނި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން، މާފަންނު ސްޓޭޑިއަމްގައި ގަވައިދާ ޚިލާފަށް ހަދާފައިވާ ގުދަން ހުސްނުކޮށްގެން، އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމްގެ އެކްސްކޯއިން ނިންމައިފިއެވެ.

އެފްއޭއެމުން މިއަދު ބުނި ގޮތުގައި، އެ ގުދަން ހަދައިފައިވަނީ، 2017އިން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ފޯވާޑްސްގެ ޕްރޮޖެކްޓްސް ހިންގުމަށް ޚާއްސަކޮށްގެން ސަރުކާރުން ފުޓްބޯޅަ އެސޯސިއޭޝަންއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ އިމާރާތުގެ އިރުން، ފުޓްބޯޅަ ދަނޑު އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ގުދަން ހަދާފައިވާ ފަރާތްތަކުގެ ތެރެއިން، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން އެ ބިން ހުސްކުރުމަށް އެކި ފަހަރުގެ މަތީން އެންގުމުންވެސް އެ ބިން ހުސްކުރުމަށްވަނީ އިޢުތިރާޒްކޮށްފައި ކަމަށް އެފްއޭއެމުން ބުނެއެވެ.

އެ ކުންފުނިން އެ ބިން ހަވާލުކުރުމަށް ދެކޮޅުހަދަމުންދާތީވެ، ފުޓްބޯޅަ ދަނޑުއެޅުމަށް އެ ބިން ހުސްކުރުމުގައި ޤާނޫނީގޮތުން އަޅަންހުރި ފިޔަވަޅުތައް އެޅުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ކަމަށް މިއަދު އެ އިދާރާއިން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރީގައިވާ ގޮތުން، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން ހިންގާ ކުންފުންޏެކެވެ. މި ކުންފުނީގެ އެޑްރެހަކަށް އޮއްޕޮގެ އެޑްރެސް އޮތްއިރު ކުންފުނީގެ ޑިރެކްޓަރުންނަށް ތިބީ އޮއްޕޮގެ އިތުރުން ފާތިމަތު ފަޒީލާ ކިޔާ އަންހެނެކެވެ.

އެފްއޭއެމުން ބުނި ގޮތުގައި މާފަންނު ސްޓޭޑިއަމްގެ ސަރަހައްދުގައި އޮއްޕޮގެ ކުންފުނިންވަނީ 2700 އަކަ ފޫޓްގެ ބިމުގައި، ޑެގް އަޅައިގެން ދެބުރިއަށް ގުދަނެއް ހަދައިފައެވެ. އެ ގުދަން، 25 އަހަރަށް ދޫކޮށްފައިވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް އެފްއޭއެމުން ބުންޏެވެ.

އެއީ، އެ ސަރަހައްދުން ކުނި އުކައި ސާފު ކުރުމަށް 1.8 މިލިއަން ރުފިޔާ އެފްއޭއެމަށް ދިނުމުން އެކަމުގެ ބަދަލުގައި ކަމަށް ބުނެފައިވީނަމަވެސް، 1.8 މިލިއަން ރުފިޔާގެ ކުނި އުކުމާއި ބެހޭގޮތުން އެފްއޭއެމާއެކު އެއްބަސްވުމެއް ހަދާފައެއް ނުވާކަމަށް އެފްއޭއެމުން ބުންޏެވެ.

މީގެ އިތުރުން 2700 އަކަފޫޓްގައި އިމާރާތްކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، އަދި މާލޭ ސިޓީކައުންސިލް އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާ ނުލައިކަމަށް އެ އިދާރާތަކުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.

ފީފާގެ ޕްރޮޖެކްޓަކަށް ސަރުކާރުން އެފްއޭއެމްއަށް ދޫކޮށްފައިވާ ބިމެއްގައި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުންވަނީ ދެބުރި ގުދަނެއް އިމާރާތްކޮށްފައެވެ. މި ބިން ހުސްކުރުމަށް އެފްއޭއެމުން އެތައް ފަހަރަކު އެންގުމުންވެސް އެކަމަށް އިންކާރުކޮށްފައިވާތީ، ބިން ހުސްކުރުމަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެފްއޭއެމްގެ އެކްސްކޯއިން ވަނީ ނިންމާފައެވެ. ކަމާބެހޭ އިދާރާތަކުގެ ހުއްދައަކާ ނުލައި ހަދާފައިވާ މި އިމާރާތަކީ، އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކުންފުންޏަށް ދޫކޮށްފައިވާ ތަނެއްކަމަށް އެފްއޭއެމުން ހާމަކުރެއެވެ.

  • ފިއުޗާ ހޯމްސްއަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ފަޒީލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން ހިންގާ ކުންފުންޏެކެވެ.
  • މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ 2700 އަކަފޫޓުގެ ގުދަން އިމާރާތްކޮށްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ސިޓީ ކައުންސިލްގެ ހުއްދަ ނެތިއެވެ.
  • ކުނި އުކާލުމުގެ ބަދަލެއްގެ ގޮތުން ކަމަށް ބުނެ 25 އަހަރަށް ބިން ދޫކޮށްފައިވީނަމަވެސް، އެފަދަ އެއްބަސްވުމެއް ނެތްކަމަށް އެފްއޭއެމުން ބުނެއެވެ.
  • ފުޓްބޯޅަ ދަނޑެއް އެޅުމަށް ޚާއްސަކޮށްފައިވާ މި ބިން ހުސްކުރުމަށް އެފްއޭއެމްގެ އެކްސްކޯއިން މިހާރުވަނީ ގާނޫނީ މަސައްކަތް ފަށާފައެވެ.
comment ކޮމެންޓް