ތާރީޚީ މޮޅަކާއެކު މިސްރު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އަށް!

ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ގަދަ 16 އަށް ދަތުރުކުރުމާއެކު ކެޕްޓަން މުޙައްމަދު ސަލާހް--

ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ބަލިކޮށް މިސްރުން ފީފާ ވޯލްޑް ކަޕު ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރަށް ދަތުރުކޮށްފިއެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިސްރުން ހޯދި ފުރަތަމަ މޮޅެވެ. އަދި މި ނަތީޖާއާއެކު، މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި އޭޝިއާގެ ހުރިހާ ޓީމެއް މުބާރާތުން ކެޓީއެވެ.

ގްރޫޕް ސްޓޭޖުގައި މިސްރުން 5 ޕޮއިންޓް އަދި އޮސްޓްރޭލިއާ އިން 4 ޕޮއިންޓް ހޯދައިގެން ދެވަނަ ބުރުގެ ޖާގަ ހޯދީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗު ފެށިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އޮސްޓްރޭލިއާގެ ކްރިސްޓިއަން ވޮލްޕަޓޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް މިސްރުގެ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވި ނަމަވެސް، މެޗުގެ ލީޑު ފުރަތަމަ ނެގީ ރަނގަޅު ފޯމެއްގައި ކުޅެމުންދިޔަ މިސްރުންނެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި އޮސްޓްރޭލިއާ އާއި މިސްރު ކުޅުނު މެޗުގެ ތެރެއިން--

މެޗުގެ 13 ވަނަ މިނެޓުގައި ކަރީމް ހަފީޒް ނަގައިދިން ހުރަހަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މިސްރަށް މި ލަނޑު ކާމިޔާބުކޮށްދިނީ އިމާމް އާޝޫރްއެވެ.

މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި ދެވަނަ ގޯލުގެ އިތުރުން، މުޅި މުބާރާތުގައި ފެނިގެންދިޔަ 250 ވަނަ ގޯލެވެ. އޭގެ ފަހުން 35 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ އަޒީޒް ބީހިޗް ފޮނުވާލި ހަމަލާއެއް މިސްރުގެ ކީޕަރު މުސްތަފާ ޝުބީރް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އިން މިސްރު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުހައްމަދު ސަލާހް ދިން ބޯޅައަކުން މިސްރުގެ އުމަރު މާމޫޝްއަށް ގޯލެއް ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވިއިރު، އޮސްޓްރޭލިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 55 ވަނަ މިނެޓުގައެވެ.

އޮސްޓްރޭލިއާގެ އައިޑެން އޯ ނީލް ނަގައިދިން ހިލޭ ޖެހުމެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި، ބޯޅަ މިސްރުގެ ޑިފެންޑަރު މުހައްމަދު ހަނީގެ ބޮލުގައި ޖެހި ވަނީ ބައިކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް އަދި އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށްޓަކައި ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓަށެވެ.

މެޗުގައި އޮސްޓްރޭލިއާއިން ލަނޑު ޖެހުމަށްފަހު--

ޕެނަލްޓީ ޝޫޓްއައުޓްގައި މިސްރުން ޖެހި ހަތަރު ޕެނަލްޓީވެސް މަހްމޫދު ސަބީރު، ރަމީ ރާބިއާ، މުހައްމަދު ސަލާހް އަދި ހުސާމް އަބްދުލްމާޖިދު ވަނީ ކާމިޔާބުކަމާއެކު ގޯލަށް ވައްދާލާފައެވެ.

އަނެއްކޮޅުން އޮސްޓްރޭލިއާއަށް ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ޖެކްސަން އާވައިން އާއި އަންވަރު މަބީލްގެ ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ކެޕްޓަން ހެރީ ސޫޓާގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބުވިއިރު، ހަތަރުވަނަ ޕެނަލްޓީ ލޫކަސް ހެރިންގްޓަން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މި މޮޅާއެކު މިސްރުން ގަދަ 16 ގެ ބުރުގައި ވާދަކުރަން ޖެހޭނީ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ކޭޕް ވާޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

comment ކޮމެންޓް