ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ.
މެޗުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފައި ވަނިކޮށް، ޕޯޗުގަލްއިން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
ޕޯޗުގަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯގެ ދިގު ފުޓްބޯޅަ ކެރިއަރުގައި ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރެއްގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
މި ލަނޑަށްފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ކުޅުމަށް މެޗު ދާން މިސްރާބު ޖަހާފައިވަނިކޮށް، ޕޯޗުގަލް މޮޅުކޮށްދިނުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޮންސާލޯ ރާމޮސް ބޮޑު ދައުރެއް އަދާކުރިއެވެ.

މެޗުން މޮޅުވުމާއެކު ބެންޗުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމާއެކު އުފާފާޅުކުރަނީ--
މެޗުގެ 94 ވަނަ މިނެޓުގައި ރަފައެލް ލެއާއޯ ނަގައިދިން މޮޅު ހުރަހަކުން، ކްރޮއޭޝިއާގެ ދެ ޑިފެންޑަރުންގެ ބޯމަތިން އަރައި ރާމޮސް ވަނީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައި ޕޯޗުގަލްއަށް މޮޅު ކަށަވަރުކޮށްދީފައެވެ.
މި މޮޅާއެކު މުބާރާތުގެ ގަދަ 16 ގެ ބުރުގައި ޕޯޗުގަލް ދެން ބައްދަލުކުރަން ޖެހޭނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާއެވެ. ޓެކްސަސްގެ ޑާލަސް ސްޓޭޑިއަމްގައި ކުޅޭ މި ފޯރިގަދަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ރާއްޖެގަޑިން 00:00 ގައެވެ.