އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޓެކުހުގެ ބާވަތެއް ކަމަށްވާ 'ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް' (އާރުއައިސީ) ކަނޑާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށް އިންޑިއާގެ ސަރުކާރުން ވަނީ މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ގެޒެޓުގައި މި ނިންމުން ޝާއިއުކޮށްފައެވެ.
އިންޑިއާގެ ގެޒެޓުގައިވާ ގޮތުން، އާރުއައިސީ އުނިކުރަން ނިންމާފައިވަނީ އެ ގައުމުގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތެލުންނެވެ. މި ބަދަލާ އެކު، ރާއްޖޭގެ އިތުރުން މޮރިޝަސްއަށް ވެސް ވަނީ މި ލުއި ދޭން ނިންމާފައެވެ.
މީގެ ކުރިން މި ލުއި ދެމުން އައީ އަވަށްޓެރި ސްރީ ލަންކާ، ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލަށެވެ.
މި ބަދަލާ އެކު އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ރާއްޖެއަށް މިހާރު މައިގަނޑު ގޮތެއްގައި ޕެޓްރޯލާއި ޑީސެލް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ނުހިމެނޭކަން ފާހަގަކުރެވެއެވެ.
ރާއްޖެއިން މިހާރު އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާން، މެލޭޝިއާ، ޔޫއޭއީ، ސިންގަޕޫރު ފަދަ ގައުމުތަކުންނެވެ.
ރާއްޖެއިން އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން މީގެ ކުރިން މަޝްވަރާކޮށްފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ ތާށިކަމެއް އަތުވެދާނެ ކަމަށް ބަލައި، އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.
އިންޑިއާ ސަރުކާރުގެ މި ނިންމުމާއެކު، އިންޑިއާ މެދުވެރިކޮށް ތެޔޮ އެތެރެކުރުމަށް އިތުރު ލުއިތަކެއް ލިބޭނެއެވެ.
އިންޑިއާގެ ގެޒެޓުގައި ޝާއިއުކުރި ދުވަހުން ފެށިގެން މި އިސްލާހަށް ވަނީ އަމަލުކުރަން ފަށާފައެވެ.
މެދުއިރުމަތީގައި ފެބްރުވަރީ މަހުގެ 28ގައި ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އެޅި ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ. އެގޮތުން ރާއްޖޭގައި ވެސް ވަރަށް ބޮޑަށް ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ފާއިތުވި މަސްތަކުގައި އުފުލިފައެވެ.