ހުޅުމާލޭ ހޮސްޕިޓަލުން ކުރިއަށްގެންދާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެ ހޮސްޕިޓަލުން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ.
މި އިންޓާންޝިޕް ޕްރޮގްރާމަކީ މެޑިކަލް ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޖުމުލަ 15 ޑޮކްޓަރަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި އިންޓާންޝިޕްގެ ފުރުސަތަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން، މި މަހުގެ 12ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން އެމްބީބީއެސް ފުރިހަމަކޮށްފައިވާކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުން ހިމެނެއެވެ. މީގެ އިތުރުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް އޮވެގެން ނުވާނެއެވެ.
އެޕްލިކޭޝަން ފޯމާއެކު އެޓެސްޓްކޮށްފައިވާ އެމްބީބީއެސް ސެޓްފިކެޓާއި، ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ކޮޕީއާއި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީގެ އިތުރުން ޕޮލިސް ކްލިއަރެންސް ސެޓްފިކެޓް ހުށަހަޅަންޖެހެއެވެ.
ގެޒެޓުގައިވާ ގޮތުން އިންޓާންޝިޕަށް އެދޭ ފޯމު ހުޅުމާލޭ ހޮސްޕިޓަލުގެ ވެބްސައިޓް www.hmh.gov.mv އިންނާއި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. ފުރިހަމަކޮށްފައިވާ ފޯމާއި ލިޔެކިޔުންތައް 12 ޖުލައިގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި، 15 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ ބައިވެރިން ހޮވުމުގައި އިސްކަންދޭނީ އެމްބީބީއެސް ފުރިހަމަކުރި ތާރީޚަށް ބަލައި، ކޯސް ނިންމިފަހުން އެންމެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. އަދި އީމެއިލް ފޮނުވާ ތަރުތީބަށް ވެސް ބަލާނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 3350134 ނުވަތަ 3350118 ނަންބަރު ފޯނާ ގުޅުމަށް ހުޅުމާލޭ ހޮސްޕިޓަލުން އިރުޝާދުދެއެވެ.
ރާއްޖޭގައި މެޑިކަލް ދާއިރާއިން ތައުލީމު ހާސިލުކުރަން ގިނަ އަދަދެއްގެ ދަރިވަރުން ބޭނުންވާއިރު، ގައުމީ ޔުނިވާސިޓީގައި 2018 ވަނަ އަހަރުން ފެށިގެން އަންނަނީ އެމްބީބީއެސް ހިންގަމުންނެވެ.