ވޯލްޑް ކަޕް 2026: ފަހަތުން އަރައި ސެނެގާލް ބަލިކޮށް ބެލްޖިއަމް ގަދަ 16 އަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ބުރުގައި ބެލްޖިއަމްއާއި ސެނެގާލް ކުޅުނު މެޗުގެ ތެރެއިން--

އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ނޮކައުޓް ބުރުގައި، ފަހަތުން އަރައި ސެނެގާލް 3-2 އިން ބަލިކޮށް ބެލްޖިއަމުން މުބާރާތުގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފިއެވެ.

އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގެ 86 ވަނަ މިނިޓާ ހަމައަށް ސެނެގާލް ދެ ލަނޑުން ކުރީގައި އޮއްވައި، ބެލްޖިއަމުން ވަނީ ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މިއާއެކު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވެގެން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު މިނިޓްގައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މޮނީޓަރުން ބަލައިފައި ދިން ޕެނަލްޓީއަކުން ބެލްޖިއަމް ވަނީ މެޗުން މޮޅުވެ، 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ގަދަ 16 ގައި ބެލްޖިއަމް ބައްދަލުކުރާނީ ގަދަ 32 ބުރުގައި ބޮސްނިއާ ބަލިކުރި އެމެރިކާއާއި ދެކޮޅަށެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ބުރުގައި ބެލްޖިއަމްއާއި ސެނެގާލް ކުޅުނު މެޗުގެ ތެރެއިން--

މި މެޗަށް ބެލްޖިއަމް ނުކުތީ އެޓީމުގެ އެޓޭކަށް ބަދަލެއް ގެނެސް، ރޮމެލޫ ލުކާކޫގެ ބަދަލުގައި ޗާލްސް ޑި ކެޓެލާރޭ ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. މީގެ އިތުރުން ކެވިން ޑި ބްރޭނާ އާއި ކެޕްޓަން ޔޫރީ ޓިލެމަންސް ފަދަ މުހިންމު ކުޅުންތެރިން ފެނުނުއިރު، ގޯލު ބަލަހައްޓާފައިވަނީ ތިބޯ ކޯޓުވާއެވެ.

އަނެއްކޮޅުން ސެނެގާލްގެ އެއްވަނަ ކީޕަރު އެޑޮއާޑް މެންޑީ އަނިޔާގައި ހުރުމުން މި މެޗުގައި ގޯލު ބަލަހައްޓަން ޖެހުނީ މޯރީ ޑިއާއުއަށެވެ. އަދި ކެޕްޓަން ކަލިދޫ ކުލިބާލީ ބެންޗުން މެޗު ފެށި ނަމަވެސް، ސާޑިއޯ މާނޭ އާއި އިސްމާއީލާ ސާ ހިމަނައިގެން ސެނެގާލުން ނުކުތީ ވަރުގަދަ އެޓޭކިން ލައިނަކާއެކުއެވެ.

މެޗުގެ ކުރީކޮޅުން ފެށިގެން ސެނެގާލުން ނުރައްކާތެރި ކުޅުމެއް ދެއްކިއިރު، މެޗުގެ 24 ވަނަ މިނިޓްގައި އެޓީމަށް ލީޑު ނަގައިދިނީ ހަބީބް ޑިއާރާއެވެ.

މިއީ މާނޭ ނަގައިދިން ހުރަހަކުން ސާ ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަކުން 22 އަހަރުގެ ޑިއާރާ ކާމިޔާބުކުރި ގޯލެކެވެ. މިއާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ބުރުގައި ބެލްޖިއަމްއާއި ސެނެގާލް ކުޅުނު މެޗުގެ ތެރެއިން--

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމްގެ މެކްސިމް ޑި ކުއިޕާ ފޮނުވާލި ހަމަލާއެއް ސެނެގާލްގެ ކީޕަރު ޑިއާއު މަތަކުރިއިރު، ފުރަތަމަ ހާފު ނިމުނީ 1-0 އިން ސެނެގާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ބެލްޖިއަމުން ވަނީ އެޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ރޮމެލޫ ލުކާކޫ ކުޅެން އަރުވައިފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާލަސްތަކެއް ނުވެ، މެޗުގެ 51 ވަނަ މިނިޓްގައި ސެނެގާލުން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ.

މޫސާ ނިއަކާޓޭ ދިން ބޯޅައެއް އޭރިއާ ތެރޭގައި ހުސްކޮށް ހުރެ މެއިން ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ އިސްމާއީލާ ސާއެވެ.

މިއީ މި މުބާރާތުގައި އޭނާ ޖެހި 4 ވަނަ ގޯލެވެ. ސެނެގާލުން މެޗު ކޮންޓްރޯލް ކުރަމުން ދަނިކޮށް، ބެލްޖިއަމްގެ ކުޅުންތެރިންގެ މެދުގައި ދަނޑުމަތީގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު މަންޒަރު ވެސް ފެނުނެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ބުރުގައި ބެލްޖިއަމްއާއި ސެނެގާލް ކުޅުނު މެޗުގެ ތެރެއިން--

ހާއްސަކޮށް ހައިޑްރޭޝަން ބްރޭކްގެ ކުރިން ޓިލެމަންސް އާއި ޓްރޮސާޑްގެ ދެމެދުގައި ދެބަސްވުމެއް ހިނގައި، ލުކާކޫ އަށް ޖެހުނީ އެދެމެދަށް ވަދެ އެމީހުން ދުރުކުރާށެވެ.

ބެލްޖިއަމުން އުންމީދު އާކުރީ މެޗުގެ 86 ވަނަ މިނިޓްގައެވެ. ތޯމަސް މުނިއޭ ނަގައިދިން ހުރަހަކުން ލުކާކޫ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ ތިން މިނިޓް ފަހުން، 89 ވަނަ މިނިޓްގައި ލިއާންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހެއް ސެނެގާލް ކީޕަރު ޑިއާއުއަށް ދިފާއު ނުކުރެވި ހެދުނު ގޯހެއްގެ ފައިދާނަގައި، ބެލްޖިއަމްގެ ކެޕްޓަން ޔޫރީ ޓިލެމަންސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ނަތީޖާ 2-2 އިން ހަމަހަމަކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ވެސް ދެޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ބެލްޖިއަމްގެ ޑޮޑީ ލުކެބަކިއޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއެވެ. ނަމަވެސް ބެލްޖިއަމް މޮޅުވި ލަނޑު ލިބުނީ 125 ވަނަ މިނިޓްގައެވެ.

އޭރިއާ ތެރެއިން ޓިލެމަންސްއަށް ސެނެގާލްގެ ލަމީން ކަމާރާ ކުރި ފައުލަކާ ގުޅިގެން، ވީއޭއާރް އިން ގާތްގަނޑަކަށް ހަތް މިނިޓް ވަންދެން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީ، ޓިލެމަންސް ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ބެލްޖިއަމް މޮޅުކޮށްދީފައެވެ.

މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ސެނެގާލްގެ ޕާޕޭ ސާ އަށް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ދިޔައީ ހުރަސްދަނޑި މަތިންނެވެ.

މި ނަތީޖާއާއެކު ބެލްޖިއަމްގެ އާ ކޯޗު ރޫޑީ ގާސިއާގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނުއިރު، މިއީ އެޓީމުގެ "ރަން ޖީލު" އޮއްވައި 2022 ގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކެޓުމަށްފަހު ހޯދި ބޮޑު ކާމިޔާބީއެކެވެ.

ބެލްޖިއަމަކީ 2018 ގެ ވޯލްޑް ކަޕްގެ ތިންވަނަ އަދި 2015 ގައި ފީފާ ރޭންކިންގެ އެއްވަނަ ހޯދާފައިވާ ޓީމެކެވެ. އަނެއްކޮޅުން، މިއީ އެފްރިކާގެ ބާރެއް ކަމަށްވާ ސެނެގާލަށް ކުރިމަތިވި އިތުރު ހިތްދަތިކަމެކެވެ. އެޓީމު ވަނީ މިދިޔަ ޖެނުއަރީ މަހު އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލުން ވެސް ބަލިވެފައެވެ.

comment ކޮމެންޓް