ވޯލްޑް ކަޕް 2026: ބޮސްނިއާ ބަލިކޮށް އެމެރިކާ ގަދަ 16 އަށް، ދެން އޮތީ ބެލްޖިއަމްގެ ވަރުގަދަ ކުރިމަތިލުން

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ބުރުގައި އެމެރިކާގެ ދެވަނަ ލަނޑަށްފަހު--

ބޮސްނިއާ އެންޑް ހިރްޒެގޮވީނާ 2-0 އިން ބަލިކޮށް، އެމެރިކާ އިން މި އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ނިކުތް އެމެރިކާ ޓީމުން މުޅި މެޗުގައިވެސް ދެއްކީ މޮޅު ކުޅުމެކެވެ.

ސަންޓާ ކްލާރާގެ ސަން ފްރެންސިސްކޯ ބޭ އެރިއާ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން މެޗު ޑޮމިނޭޓްކުރަމުން ދިޔައިރު، ބޮސްނިއާގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ބޮސްނިއާގެ ކުޅުންތެރިޔާއަށް ބަލޯގަން ފައުލްކުރަނީ--

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ އެމެރިކާއަށް މެޗުގެ ކުރިހޯދައިދިނީ މޮނާކޯއަށް ކުޅެމުންދާ އުމުރުން 24 އަހަރުގެ ހުނަރުވެރި ފޯވާޑް ފޮލާރިން ބަލޯގަންއެވެ.

މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތެއްގައި، މާލިކް ޓިލްމަން ފޮނުވާލި ބޯޅައެއް ބޮސްނިއާގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި އަންނަނިކޮށް، ބަލޯގަން ވަނީ ހުޝިޔާރުކަމާއެކު ބޮސްނިއާގެ ކީޕަރު ނިކޮލާ ވަސިލްއަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މި ގޯލާއެކު ދަނޑުތެރޭގެ ސަޕޯޓަރުންގެ ފޯރި ވަރަށް ގަދަވެގެންދިޔައެވެ.

ނަމަވެސް، މެޗުގެ 60 މިނެޓު ހިނގަނިކޮށް އެމެރިކާގެ ސަޕޯޓަރުންނަށް ބޮޑު ސިހުމެއް ލިބުނީ، ގޯލު ޖެހި ބަލޯގަންއަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

ބޮސްނިއާގެ ޑިފެންޑަރު ތާރިކް މުހަރެމޮވިޗްއާއެކު ބޯޅައަށް މަސައްކަތްކުރުމުގެ ތެރޭގައި، ބަލޯގަންގެ ބޫޓުގެ ދަށުން މުހަރެމޮވިޗްގެ ފަޔަށް އަމާޒުވުމާއި ގުޅިގެން ރެފްރީ އޭނާ ދަނޑުން ފޮނުވާލިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ބޮސްނިއާ ކޮޅަށް ޖެހި ފުރަތަމަ ލަނޑަށްފަހު ބަލޯގަން--

އެއް ކުޅުންތެރިއަކު މަދުވުމުން އެމެރިކާ ހާސްކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށް ބެލެވުނު ނަމަވެސް، އެމެރިކާގެ ޑިފެންސް ލައިނުން ވަނީ ބޮސްނިއާގެ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެމެރިކާއިން މެޗުގެ މޮޅު ކަށަވަރުކުރީ ފަހުކޮޅު ލިބުނު ހިލޭ ޖެހުމަކުން މާލިކް ޓިލްމަން ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ ބޮސްނިއާގެ ގޯލުގެ ކަނަށް ވަނީ ކީޕަރަށް ސަލާމަތް ނުކުރެވޭނެ ފަދަ ގޮތަކަށެވެ.

މި ގޯލާއެކު ބޮސްނިއާއިން މެޗަށް އެނބުރި އައުމަށްކުރި ހުރިހާ އުންމީދެއް ފެނަށްދިޔައެވެ. މި މުހިންމު މޮޅާއެކު އެމެރިކާ ދެން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައަކަށް ނުކުންނާނީ އަންނަ ހޯމަ ދުވަހު ސިއެޓްލްގައި ވަރުގަދަ ބެލްޖިއަމްއާ ދެކޮޅަށެވެ.

comment ކޮމެންޓް