ރާއްޖޭގެ މަޝްހޫރު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ޖަންނަތު" ގެ ރަސްމީ ޕޯސްޓަރު ދައްކާލައި، ޓިކެޓު ވިއްކަން ފަށައިފިއެވެ.
އަންނަ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހު ސިނަމާތަކަށް ނެރުމަށް ތައްޔާރުވަމުންދާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ވެސް ބެލުންތެރިންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ދަމައިގެންފައެވެ. ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައިވާ ތަޖުރިބާކާރު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ މި އާ އުފެއްދުމަކީ، އާންމުކޮށް ޑާކް ރެއިންގެ ފިލްމުތަކުން ފެންނަ ލޯބީގެ ވާހަކަތަކާ ޚިލާފަށް، އާއިލީ ގުޅުންތަކާއި، ވަގުތާއި، އަދި އިންސާފު ހޯދުމުގެ މައްޗަށް ބިނާކޮށްފައިވާ ފުން އަސަރުތަކެއް އެކުލެވޭ ފިލްމެކެވެ.
ހޫދު އިބްރާހީމް ޑިޒައިންކޮށްފައިވާ މި ޕޯސްޓަރުން ފެންނަ ކޯޓު ރޫމެއްގެ މަންޒަރާއި، ގާޒީގެ މަރުތޭލާއި، އަދި ކުޅޭ މަހެއް ހިފަހައްޓައިގެން ހުރި މައުސޫމް ކުޑަކުއްޖާގެ މަންޒަރުން މި ތީމްތައް ރަމްޒުކޮށްދެއެވެ.
"ހިމޭންކަމާއި އަޑާ ދެމެދުގައިވާ ފުން މާނަތަކުގެ ތެރެއިން، އެބައިމީހުން އެމީހުންގެ އަމިއްލަ އުފާވެރި ސުވަރުގެ ބިނާކުރެއެވެ" ކިޔާ ސްލޯގަންއެއްގެ ދަށުން ނެރޭ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔުނީ އައިޝަތު ފުއާދާއި އަހުމަދު ތޮލާލެވެ.
ފިލްމުގެ މައިގަނޑު ރޯލުތަކުން ޝަރަފް އަބްދުއްﷲ (ޝަރައްޕެ) އާއި އާމިނަތު ޝުހާ ފެނިގެންދާއިރު، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، މުހައްމަދު އަފްރާހް (ކުޑޭ) އަދި އަންޖީ ފަދަ ކުޅަދާނަ ތަރިން ވެސް ކާސްޓުގައި ހިމެނެއެވެ. މީގެ އިތުރުން ސިނެމެޓޮގްރަފީގައި އަހުމަދު ޒިފާފް (ޒިއްޕެ) އަދި މޭކަޕްގައި ހަސަން އާދަމް ހަރަކާތްތެރިވާ މި ފިލްމަކީ ބެލުންތެރިން މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ސިނަމާސްކޯޕެވެ.
އައިޝަތު ފުއާދާއި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކުރާ މި ފިލްމުގެ ރަސްމީ ޓްރެއިލާ ކުރިއަށް އޮތް ތަނުގައި ބެލުންތެރިންނަށް ދޫކޮށްލާނެއެވެ.
މިހާރު ވެސް ފިލްމުގެ ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އޮލިމްޕަސް ކައުންޓަރުގެ އިތުރުން 9911229 ނަމްބަރަށް ވައިބާ ކޮށްގެން ވެސް ޓިކެޓު ހޯދުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.