ޓެކްނޮލޮޖީގެ ދުނިޔޭގައި ކުރީގެ މަޝްހޫރު ނަމެއް ކަމަށްވާ ކޮމޮޑޯ ބްރޭންޑުން، ޒަމާނީ ފޯނުތަކުގެ ސަބަބުން ސިކުނޑިއަށް ލިބޭ ބުރަކަމާއި ވަގުތު ބޭކާރުވުމުން ސަލާމަތްވުމަށް އެހީތެރިވެދޭނެ އާ ފްލިޕް ފޯނެއް ތައާރަފްކޮށްފިއެވެ.
"ކޮމޮޑޯ ކޯލްބެކް 8020" ގެ ނަމުން ނަންދެވިފައިވާ މި ފޯނަކީ "ޑިޖިޓަލް ޑިޓޮކްސް" ނުވަތަ ފޯނަށް ދޭ ސަމާލުކަން ކުޑަކޮށް، ދިރިއުޅުމުގެ ހަގީގީ އުފާ ހޯދުމަށް މަގުފަހިކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ފޯނެކެވެ. މިއީ މިއަދުގެ ސްމާޓްފޯނުތަކުގެ ސަބަބުން ފޫހިވެ، ހަމަހިމޭން ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ނެރުނު ފޯނެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި ފޯނުގައި ބޭނުންކޮށްފައި ވަނީ ފިންލޭންޑުގައި އުފައްދާފައިވާ "ސެއިލްފިޝް އޯއެސް" އެވެ. މިއީ އެންޑްރޮއިޑް ފޯނުތަކާ ޚިލާފަށް، ބޭނުންކުރާ މީހާގެ ޒާތީ މައުލޫމާތު ނުގަވާއިދުން އެއްކުރުމުން ރައްކާތެރިކޮށްދޭ ނިޒާމެކެވެ.
ސޯޝަލް މީޑިއާ ދުރު މިފޯނުގައިވެސް ކޮންމެހެން ބޭނުންވާ މުހިންމު އެޕްތައް ކަމަށްވާ ވަޓްސްއަޕް، އޫބާ، އަދި ގޫގުލް މެޕްސް ފަދަ އެޕްތަކެއް ހިމެނެއެވެ. ނަމަވެސް، ސޯޝަލް މީޑިއާގެ އެއްވެސް އެޕެއް އަދި އިންޓަނެޓް ބްރައުޒަރެއް މި ފޯނަކު ނުހުންނާނެއެވެ. މީގެ އިތުރުން އީމެއިލް އަދި ސްލެކް ފަދަ އޮފީސް އެޕްތައް ނުހުރުމުގެ ސަބަބުން، މަސައްކަތުން ބޭރުގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުސަތު ލިބެއެވެ.

ލަވަ އަޑުއަހާލަން ބޭނުންވާނަމަ ހެޑްސެޓެއް ވެސް ހިމެނޭ ---
ފޯނުގެ ބޭރުގައި ބެޓެރީ، ސިގްނަލް އަދި ގަޑި ދައްކައިދޭނީ ކުރީގެ ސްޓައިލްގެ އެލްއީޑީ ޑިސްޕްލޭއަކުންނެވެ. މި ފޯނުގައި "ރެޓްރޯ ކެމެރާ" އެއްގެ އިތުރުން، ލަވަ އަޑުއެހުމަށްޓަކައި 3.5 މިލިމީޓަރުގެ ހެޑްފޯން ޖެކެއް ހިމަނާފައިވެއެވެ.
ކުރީގެ ހަނދާންތައް އާކޮށްދޭ ގޮތަށް މި ފޯނުގައި މަޝްހޫރު "ސްނޭކް" ގޭމުގެ އިތުރުން، ކުރީގެ ކޮމޮޑޯ 64 ކޮމްޕިއުޓަރުގެ ބައެއް ގޭމްތައް ކުޅެވޭނެއެވެ.
މިފޯނު ލިބެން ހުންނާނެ ކުލަތަކުގެ ތެރޭގައި ކޮމޮޑޯގެ ކްލެސިކް ބޭސިކް ބޭޖް ކުލަޔާއި، ޓްރާންސްޕޭރެންޓް ފިނިޝް އަދި ރަންކުލައިގެ "ފައުންޑާސް އެޑިޝަން" ހިމެނެއެވެ.
މި ފޯނުގެ އަގަކީ 499 އެމެރިކާ ޑޮލަރެވެ. މި ފޯނު ޕްރީ-އޯޑަރު ކުރުމުގެ ފުރުސަތު 30 ޖޫން 2026 އިން ފެށިގެން ކޮމޮޑޯ.ނެޓް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ވޯލްޕޭޕަރ ޑޮޓްކޮމްގައި ރިޕޯޓްކޮށްފައިވާ ގޮތުން، މި ފޯނަކީ މިއަދުގެ ސްމާޓްފޯނުތަކުގެ ސްކްރީނަށް ގެއްލިފައި ތިބޭ ތިބުމުން މީހުން ސަލާމަތްކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.