މަޝްހޫރު ފިލްމް ކުންފުނި މާވެލްއިން ނެރެން ތައްޔާރުވާ "ސްޕައިޑަރ މޭން: ބްރޭންޑް ނިއު ޑޭ" ގެ އެންމެ ފަހުގެ ޓީޒާއިން ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ފެނިގެންގޮސް، ސަޕްރައިޒެއް ދީފިއެވެ.
40 ސިކުންތުގެ މި ކުރު ޕްރޮމޯޝަނަލް ވީޑިއޯއިން ފެންނަނީ ނިއު ޔޯކުގެ ބްރޫކްލިންގައި ހުރި ކެފޭއަކަށް މެސީ ވަދެ، ޓޮމް ހޮލެންޑް ކުޅޭ ޕީޓާ ޕާކާއާ ދިމާވާ މަންޒަރެވެ. އަދި އޭނާ ހޯދަމުންދަނީ ސްޕައިޑަރ މޭން ކަމަށް ބުނުމާއެކު، ކުއްލިއަކަށް ސްޕައިޑަރ މޭން ފާޅުވާ ތަނެވެ.
އެއަށްފަހު މެސީއާއެކު ނިއު ޔޯކުގެ އުޑުމަތީގައި އުދުހިލާ މަންޒަރުތައް ހިމަނާފައިވެއެވެ. ޓޮމް ހޮލެންޑާއި ޒެންޑާޔާ މުހިންމު ރޯލުތަކުން ފެންނަ މި ހަތަރުވަނަ ސްޕައިޑަރ މޭން ފިލްމުގެ ޓްރެއިލާއެއް ދާދިފަހުން ނެރުނު ނަމަވެސް، ފިލްމުގެ މައިގަނޑު ވިލަން ނުވަތަ ނުބައިބައި ކުޅޭނެ ކެރެކްޓާއަކީ ކޮބައިކަން އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ.
މި ޓީޒާ އާންމުންނަށް ދޫކޮށްލާފައިވަނީ މެސީއަށް ވަރަށް ހާއްސަ ވަގުތެއްގައެވެ. މިހާރު ކުރިއަށްދާ 2026 ގެ ވޯލްޑް ކަޕް މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ހުރީ ރަނގަޅު ފޯމެއްގައެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި ލަނޑު ޖަހައި، މިހާތަނަށް 6 ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް މުގުރާލާފައެވެ.
ކެރިއަރު ނިންމާލުމުގެ ކުރިން އާޖެންޓީނާއަށް ދެވަނަ ވޯލްޑް ކަޕެއް ހޯދައިދިނުމުގެ އަޒުމުގައި ހުރި މެސީއާއި އޭނާގެ ޓީމު، އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެގަޑިން މެންދަމު 03:00 ޖަހާއިރު ކޭޕް ވާޑްއާ ދެކޮޅަށް ގަދަ 32 ގެ މެޗެއްގައި ނުކުންނާނެއެވެ.
މުބާރާތުގެ ފައިނަލަށް ދިއުމަށް އާޖެންޓީނާއަށް އޮތް މަގަށް ބަލާއިރު ގަދަ 16 ގައި މިސްރު ނުވަތަ އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނަން ޖެހިދާނެއެވެ. އަދި ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑް، ގާނާ، އަލްޖީރިއާ ނުވަތަ ކޮލަމްބިއާއާ ވާދަކުރަން ޖެހޭއިރު، ސެމީ ފައިނަލުގައި ބްރެޒިލް، ނޯވޭ، އެކުއެޑޯ ނުވަތަ އިންގްލޭންޑް ފަދަ ވަރުގަދަ ޓީމެއް ކުރިމަތިވުން އެކަށީގެންވެއެވެ.
މުބާރާތުގެ އަނެއް ފަޅިން ފައިނަލަށް ދާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ފްރާންސާއި ސްޕެއިންއެވެ. ވޯލްޑް ކަޕްގެ ފޯރި ނިމުމަށްފަހު، ޖުލައި މަހުގެ 29 އާއި 31 އާ ދެމެދު އެކި މާކެޓްތަކުގައި "ސްޕައިޑަރ މޭން: ބްރޭންޑް ނިއު ޑޭ" ފިލްމު ސިނަމާތަކަށް އަންނާނެއެވެ.