ދާރުލްއާސާރު ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހޭ، ޗައިނާގެ އެހީގައި މަސައްކަތް ފަށާނެ: ހީނާ

ދާރުލްއާސާރުގެ އެތެރެ: ދާރުލްއާސާރު ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހޭ ކަމަށް ހީނާ ވިދާޅުވި -- ފޮޓޯ/ ޕީއެސްއެމް

ގައުމީ ދާރުލްއާސާރު ހިންގަމުން އަންނަ އިމާރާތް މަރާމާތުކުރެވިފައިނުވާ ކަމަށާއި، އެ މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި މުހިއްމު މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ)ގެ ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ދާރުލްއާސާރުގައި މިހާތަނަށް އެއްވެސް ބޮޑު މަރާމާތެއް ކޮށްފައި ނުވާ ކަމަށެވެ.

"ގައުމީ ދާރުލްއާސާރު ހިންގަމުން މި އަންނަ އިމާރާތް ދާރުލްއާސާރު ހުޅުވުމަށްފަހު މަރާމާތުކުރެވިފައި ނުވާތީ މިހާރު ގައުމީ ދާރުލްއާސާރު އެ ވަނީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފަ،" ހީނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ދާރުލްއާސާރު ޑިޖިޓައިޒްކުރުމުގެ މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދާރުލްއާސާރުގެ ގޮތްޕެއްގެ ގޮތުގައި އިންޓަރެކްޓިވް އިމާސިވް މިއުޒިއަމް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެހެންކަމުން ދާރުލްއާސާރުގެ ޚިދުމަތްތައް ފުޅާކުރެވި ތަނަވަސްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

"ދާރުލްއާސާރު މަރާމާތުކުރުމަށްޓަކައި މުހިންމު ޕްރޮޖެކްޓެއް މިހާރު ފެށުމުގެ މަގުމަތީގަ މި ވަނީ ޗައިނާ ސަރުކާރުގެ އެހީގެ ދަށުން، އެހެންވީމާ އެ މަސައްކަތް ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނެ ވާހަކަ ދަންނަވަން،" ހީނާ ވިދާޅުވިއެވެ.

https://sun.mv/181496

ހީނާ މިހެން ވިދާޅުވިއިރު، ދާރުލްއާސާރު ތަރައްގީކޮށް ޒަމާނީ ވަސީލަތްތަކާއި ޚިދުމަތް ގާއިމުކުރުމަށްޓަކައި ގައުމީ ބޭންކު ބީއެމްއެލްގެ އެހީއާއި ހެރިޓޭޖް ޓްރަސްޓް ފަންޑުން ޚަރަދުކޮށް، އެ ތަން އާންމުންނަށް އަލުން ހުޅުވައިލީ މިދިޔަ އޮގަސްޓް 30، 2023އިން ފެށިގެންނެވެ.

އެ މަޝްރޫއުގައި ބީއެމްއެލްގެ އެހީގެ ދަށުން ދާރުލްއާސާރުގައި ބޭނުންކުރުމަށް އައު ޝޯކޭސްތައް ބެހެއްޓުމާއި ދާރުލްއާސާރުގައި ޑިޖިޓަލް ސްކްރީންތަކާއި މައުލޫމާތު ކިއޮސްކްތަކެއް ބެހެއްޓުމާއި ދާރުލްއާސާރުގެ އާބާތުރަފިލުވުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ވަނީ ކުރެވިފައެވެ.

ބީއެމްއެލުން އެ ބޭންކުގެ ސީއެސްއާރްގެ ދަށުން އެ މަޝްރޫއުއަށް ދިނީ ދެ މިލިއަން ރުފިޔާއެވެ.

މިނިސްޓްރީން އޭރު ބުނީ މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރުގެ ޖާގައަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، އިމާރާތުގެ އާބާތުރަ ފިލުވައި، ދާރުލްއާސާރުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކޮށް، އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސެކިއުރިޓީ ކެމެރާ ނެޓްވޯކެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.

އެ ކަންކަމަށް ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 4.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރުގެ ތަރައްގީއަށް ކުރަންޖެހޭ އެހެނިހެން ބައެއް ކަންކަން ކުރުމަށް ހެރިޓޭޖް ޓްރަސްޓް ފަންޑުން 185،955 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ގައުމީ ދާރުލްއާސާރު ހުޅުވުނު ފަހުން މިހާތަނަށް ބޮޑު މަރާމާތެއް ކޮށްފައިނުވާތީ، ޗައިނާ ސަރުކާރުގެ އެހީގައި މަރާމާތުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ހާމަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރު ޑިޖިޓައިޒްކުރުމާއި، އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްއެއްގެ ގޮތްޕެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މީގެ ކުރިން، 2023 ވަނަ އަހަރު ދައުލަތުގެ ބަޖެޓާއި ބީއެމްއެލް އަދި ހެރިޓޭޖް ޓްރަސްޓް ފަންޑުގެ އެހީގައި ޒަމާނީ ވަސީލަތްތަކާއެކު ދާރުލްއާސާރަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

  • ޗައިނާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ދާރުލްއާސާރުގެ އުމްރާނީ މަރާމާތުގެ މަސައްކަތް ފެށުން.
  • ދާރުލްއާސާރު ޑިޖިޓައިޒްކޮށް، އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްއެއް ތަރައްގީކުރުން.
  • ދާރުލްއާސާރުގެ ޚިދުމަތްތައް ފުޅާކޮށް އާންމުންނަށް ޒަމާނީ ތަޖުރިބާއެއް ފޯރުކޮށްދިނުން.
  • މީގެ ކުރިން ބީއެމްއެލްގެ 2 މިލިއަން ރުފިޔާއާއި ދައުލަތުގެ 4.7 މިލިއަން ރުފިޔާގެ ޚަރަދުން ގެނައި ތަރައްގީގެ މައްޗަށް ބިނާކޮށް އިތުރު ކުރިއެރުން ހޯދުން.
comment ކޮމެންޓް