މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރުގެ އާ ފިލްމަށް ދީފައިވާ ނަން "އީތާ" މި ނަމާ ގުޅިގެން ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު ފަންނާނު ވިތާބާއީ ނަރަޔަންގާއޮންކަރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ބައޮޕިކްއަށް ދީފައިވާ ނަން "އީތާ" ބަދަލުކުރުމަށް ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ) އާއި ވިތާބާއީގެ އާއިލާއިން ބާރުއަޅަމުން އަންނަ ކަމަށް ވެސް ފިލްމީ ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ.
ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް އައުމުގެ ކުރިން ފިލްމަށް ދީފައިވާ ނަމާ ގުޅިގެން ބޮޑު ބަހުސެއް އުފެދިފައި މިވަނީ، އެންސީޕީ އާއި ވިތާބާއީގެ އާއިލާއިން މި ނަމަށް އިއުތިރާޒުވުމާ ގުޅިގެންނެވެ.
އެގޮތުން އެންސީޕީގެ ފިލްމް އެންޑް ކަލްޗަރަލް ޑިޕާޓްމަންޓުން ވަނީ ފިލްމުގެ ނަން "އީތާ"ގެ ބަދަލުގައި "ވިތާ" ނުވަތަ "ވިތާބާއީ"އަށް ބަދަލުކުރުމަށް ރަސްމީކޮށް އެދިފައެވެ.

ފިލްމު "އީތާ"ގެ ވާހަކަ ބިނާކޮށްފައިވާ އިންޑިއާގެ މަޝްހޫރު ފަންނާނު ވިތާބާއީ ނަރަޔަންގާއޮންކަރް އަދި ބަތަލާ ޝްރައްދާ ކަޕޫރު--ފޮޓޯ/އެންޑީޓީވީ
އެ ޕާޓީން ބުނާ ގޮތުގައި ވިތާބާއީ އަކީ ގައުމީ ފެންވަރުގައި ބަލައިގަނެވިފައިވާ، ޝަރަފުވެރި އެވޯޑުތަކެއް ހާސިލުކޮށްފައިވާ ފަންނާނަކަށްވާތީ، އޭނާގެ ހަޔާތުގެ މައްޗަށް ބިނާކުރާ ފިލްމެއްގައި އޭނާގެ އަސްލު ނަން ބޭނުންކުރުމަކީ، އަންނަން އޮތް ޖީލުތަކަށް އޭނާ މަހާރާޝްތުރާގެ ސަގާފީ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތައް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް މުހިންމު ކަމެކެވެ.
ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމީހުން ފިލްމާ ދެކޮޅު ނޫން ކަމަށާއި، ނަމަވެސް ފިލްމުގެ ނަމުން އެ ކިޔައިދޭ ޝަހުސިއްޔަތު ރަމްޒުކޮށްދޭން ޖެހޭނެ ކަމަށެވެ.
"އީތާ" ކިޔަނީ މަހާރާޝްތުރާގެ ބައެއް ރަށްފުށުގެ ސަރަހައްދުތަކުގައި ލޯތްބާއެކު އޭނާއަށް މުހާތަބުކުރާ ނަމަކަށް ވިޔަސް، އާންމުކޮށް އޭނާ މަޝްހޫރުވެފައިވަނީ "ވިތާބާއީ ނަރަޔަންގާއޮންކަރް"ގެ ނަމުންނެވެ.
ވިތާބާއީގެ ކާފަ ދަރިފުޅު މޯހިތު ނަރަޔަންގާއޮންކަރް ވެސް ވަނީ މިކަމުގައި އެ އާއިލާގެ ކަންބޮޑުވުންތަކެއް އެބަހުރިކަން ފާޅުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އާއިލާއިން ފިލްމާ ދެކޮޅެއް ނޫނެވެ. ނަމަވެސް، އޭނާގެ ކާފަ މާމައަކީ މުޅި ދުނިޔެ ދަންނަ ފަންނާނަކަށް ވާއިރު، ފިލްމުގެ ނަމުގައި އޭނާގެ ފުރިހަމަ ނަން އޮތުމަކީ އެންމެ އެކަށީގެންވާ ގޮތެވެ.
މީގެ އިތުރުން، ފިލްމުގައި ވިތާބާއީގެ ދިރިއުޅުން ދައްކުވައިދޭ ގޮތާމެދު ވެސް އެންސީޕީގެ ކަންބޮޑުވުންތައް އެބަހުރިކަމަށް އެ ޕާޓީން ވަނީ ބުނެފއެވެ.
އެންސީޕީއިން އެދިފައި ވަނީ ފިލްމު ރިލީޒްކުރުމުގެ ކުރިން އާއިލާގެ މެންބަރުންނަށާއި ސަގާފީ ފަންނާނުންނަށް ހާއްސަ ޝޯއެއް ދެއްކުމަށެވެ. އަދި ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އާއިލާއާ އެކަށީގެންވާ ވަރަށް މަޝްވަރާކޮށްފައި ނުވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ވިތާބާއީ އަކީ މަހާރާޝްތުރާގެ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބު "ލަވާނީ" އަދި "ތަމާޝާ" ފަންނާނެވެ. "ތަމާޝާ ސަމްރާތުނީ"ގެ ނަމުން މަޝްހޫރުވެފައިވާ ވީތާއަކީ އެ ސްޓޭޓްގެ ސަގާފީ އާޓް ފޯމްތައް އާންމުންގެ މެދުގައި މަގުބޫލުކުރުމުގައި އިސް ދައުރެއް އަދާކުރި ޝަހުސިއްޔަތެކެވެ. އޭނާގެ މަސައްކަތަށް ހުރި ލޯތްބާއި ސާބިތުކަމުގެ ވާހަކަތަކަކީ މިއަދުވެސް ފަންނާނުންނަށް ނަމޫނާއެކެވެ.
މި ހިޔާލުތަފާތުވުންތަކާ ގުޅިގެން ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރް ނުވަތަ މެޑޮކް ފިލްމްސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހަށެވެ.