ދަރީންގެ މުސްތަޤްބަލު އުޖާލާކޮށް ކާމިޔާބު ދިރިއުޅުމެއް ހޯދައިދިނުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ވެސް ވަރަށް ބޮޑު އުންމީދެކެވެ. މި ކަމަށް ޓަކައި ދަރީން މަދަރުސާއަށް ފޮނުވައި އެ ކުދީންނަށް ބޭނުންވާ ކަންތައްތައް ކޮށްދެމުންދާ އިރު، ހަނދާންނެތިފައި އޮންނަ މުހިންމު ސުވާލެއް ވެއެވެ. އެއީ، އަހުރެމެންނަށް މި ބޮޑުކުރެވެނީ ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކޮށްގެން ތިބޭ ކުދީންތަކެއް ހެއްޔެވެ؟ ނުވަތަ ކަންކަމާމެދު އަމިއްލައަށް ވިސްނާން އެނގޭ ކުދީންތަކެއްހެއްޔެވެ؟
އާންމުކޮށް ޤަބޫލުކުރެވިފައި އޮންނަ ގޮތާ ޚިލާފަށް، މަޢުލޫމާތު މުއްސަނދިވުމަކީ ދިރިއުޅުމުގެ ކާމިޔާބީ ކަށަވަރުކޮށްދޭ ކަމެއްނޫނެވެ. މާ މަތީ ފާސްތަކެއް ލިބިފައިނެތަސް، ވިސްނުންތެރިކަމާއި ހަރުދަނާ ނިންމުންތަކުގެ ސަބަބުން ކާމިޔާބު މީހުންގެ ގޮތުގައި ގުނައިލެވެނީ ކިހާ ގިނަ މީހުންނެއް ހެއްޔެވެ؟ ޒަމާނީ ތަޢުލީމީ ނިޒާމުތަކުގައި، "ފުންކޮށް ވިސްނުމުގެ ހުނަރު" ތަރައްޤީ ކުރުމަށް ސަމާލުކަން ދިންނަމަވެސް، ބައެއް ކުލާސްރޫމުތަކުގައި އަދިވެސް، އިމްތިހާނުގެ ނަތީޖާއަށް ބޮޑު އިސްކަމެއްދޭކަން ފާހަގަކުރެވެއެވެ. ނަމަވެސް އިމްތިހާނުގެ ނަތީޖާއަކުން އެކަނި ކުއްޖެއްގެ ފުންވިސްނުމުގެ ޤާބިލުކަން ފުރިހަމައަކަށް ވަޒަނެއް ނުކުރެވޭނެއެވެ (ބްލޫމް، 1956).
އަމިއްލައަށް މިނިވަންކަމާއެކު ވިސްނުމުގެ ހުނަރު ތަރައްޤީވަނީ ޚިޔާލު ބަދަލުކުރުމާއި އަމިއްލަ ޢަމަލުތަކާ މެދު ފިކުރުކޮށް ހަޤީޤީ މައްސަލަތައް ޙައްލުކުރުމުގެ ޢަމަލީ ތަޖުރިބާއިންނެވެ (ޑިއުއީ, 1938). އެހެންކަމުން، "ވިސްނާނީ ކިހިނެއްކަން" ދަސްކޮށްދިނުމުގައި ގޭތެރެއާއި މައިންބަފައިންގެ ދައުރު ވަރަށް ބޮޑެވެ.
ދަރީން އަމިއްލައަށް ވިސްނަން ދަސްކޮށްދީ އެކަމަށް ހޭނުވުމަށްޓަކައި ޢިލްމުވެރީން ހުށަހަޅައިދީފައިވާ ބައެއް މުހިންމު ކަންކަން ޚުލާސާގޮތެއްގައި މި މަޒުމޫނުގައި ހިމަނައިލާނަމެވެ.
ޢަމަލީ ތަޖުރިބާއަށް ފުރުސަތު ދިނުން
ދިރާސާތަކުން ހާމަވާގޮތުގައި، އަމިއްލައަށް ފުންކޮށް ވިސްނުމުގެ ހުނަރު ކުދީންގެ ކިބައިގައި އަށަގެންނެވުމަށް ޓަކައި ނަސޭހަތްދިނުން އެކަންޏަކުން ނުފުދެއެވެ. އެއާއެކުގައި، ކަންކަމާމެދު ފިކުރުކުރުމާއި ކަންކަމުގައި ގޮތް ނިންމައި މައްސަލަތައް ހައްލުކުރުމުގައި އެ ކުދީން ޢަމަލީގޮތުން ބައިވެރިކުރާންޖެހެއެވެ.
ވަގުތުން ޖަވާބުނުދީ ސުވާލުކުރުން
ގިނަ މައިންބަފައިންގެ އާދައަކީ ދަރިފުޅަށް މައްސަލައެއް ކުރިމަތިވެއްޖެނަމަ ވަގުތުން އެކަމެއް ހައްލުކޮށްދިނުމެވެ. މިއީ ވަގުތު ސަލާމަތްވެފައި ދަރިފުޅުގެ މައްސަލައަށް އަވަސް ހައްލެއް ގެނުވާނެ ގޮތް ކަމަށް ވިޔަސް، މިކަމުގެ ސަބަބުން ދަރިފުޅު އަމިއްލައަށް ވިސްނުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެއެވެ.
މިފަދަ ޙާލަތުގައި، "މިހެން ހަދާށޭ" ބުނުމުގެ ބަދަލުގައި، "މިގޮތަށް ކަންތައް ކޮށްފިއްޔާ ހީވަނީ ކިހިނެއްވާނެހެން؟" ނުވަތަ "މި މައްސަލަ ހައްލުކުރާން ދަރިފުޅު ކުރާނީ ކީއް"ތޯ އަހައިލެވިދާނެއެވެ. ވަގުތުން ގޮތް ނިންމަންޖެހޭ ފަދަ ދަނޑިވަޅެއްގައި މެނުވީ، މި ފަދަ ސުވާލުތައް ކުރުމުގައި ވަގުތުކޮޅެއް ހޭދަކޮށްފިނަމަ، ޙާލަތާ ގުޅޭ ރަނގަޅު ފިޔަވަޅުތައް އަޅާން ދަރިފުޅަށް ދަސްވެ އަމިއްލަ ވިސްނުމާމެދު އިތުބާރު ބޮޑުވާނެއެވެ.
ދުވަހުގެ ކަންކަމާމެދު ފިކުރުކުރުވުން
މިއީ ވިސްނަން ދަސްކޮށްދިނުމަށް ޓަކައި ދަރީންގެ ކިބައިގައި ކޮންމެހެން އަށަގަންނުވާންޖެހޭ މުހިންމު ސިފައެކެވެ. އާންމުގޮތެއްގައި ކޮންމެ ކުއްޖެއްގެ ވެސް ދުވަސް ނިމިގެންދާނީ މަދަރުސާގެ ވަގުތާއި ފިލާވަޅުތައް ހެދުމާއި ކެއުން އަދި ނިދުމުންނެވެ. އެ ކުދީންނާއެކު ވާހަކަދައްކައިލާ މަޝްވަރާކޮށްލުމަށް ދެވޭ ވަގުތު ވަރަށް މަދެވެ. މި އާދަ ބަދަލުކޮށްލުމަށް ޓަކައި، އެންމެ ކުޑަމިނުން ނިދާ ވަގުތުގައި ދަރީންނާ ވާހަކަ ދައްކައިލުމަކީ ވިސްނަން ދަސްކޮށްދިނުމުގެ މުހިންމު ފިޔަވަޅެކެވެ.
"މިއަދު އެންމެ އުފާވީ ކޮންކަމަކާހެއްޔެވެ؟" ، "މިއަދު މަދަރުސާގެ ކަންކަން ދިޔައީ ކިހިނެއްހެއްޔެވެ؟" މިފަދަ ސުވާލުތައް ކުރުމުން، އަމިއްލަ ތަޖުރިބާތަކާމެދު ފުންކޮށް ވިސްނައި ހަނދާން އާކޮށްލުމަށް ފުރުސަތު ލިބިދެއެވެ. މިގޮތަށް ޢަމަލުކުރުމުން ދިރިއުޅުމުގެ މުހިންމު ހަނދާންތައް މުޅި އުމުރަށް ސިކުނޑީގައި ރައްކާކުރުމަށް މަގުފަހިކޮށްދެއެވެ.
ހިމޭންކަމުގެ ވަގުތުކޮޅެއް ހޯދައިދިނުން
އިމެއްނުވާ މިއަދުގެ ސުމޭކު (ޑިޖިޓަލް) ދުނިޔޭގައި، "ހިމޭން ވަގުތުކޮޅެއް" ހޯދުމުގެ ފުރުސަތު ކުދީންނަށް ލިބެނީ ވަރަށް ކުޑަކޮށެވެ. ފޯނާއި ޓެބްލެޓާއި ގޭމާއި ޓީވީ އަދި މީސްމީޑިއާގެ މަންސަތަކުން ލިބެމުންދާ މެދުކެނޑުމެއްނެތް މުނިފޫހިފިލުވުމުގެ ތެރޭގައި ހައްޔަރުވެފައި ތިބުމުން، ހަގީގީ ދުނިޔޭގެ ކަންތައްތަކާމެދު ފުންކޮށް ވިސްނައިލުމަށް ލިބޭ ވަގުތު މަދެވެ. އަދި މިއީ ވާޗުއަލް ދުނިޔެއިން ނުކުމެ އަމިއްލަ އުފެއްދުންތެރިކަމަށް އެނބުރިލުމަށް ކުދީންނަށް ދަތިވެދާނެ ސަބަބެކެވެ. ވުމާއެކު، މި ހަލަބޮލިކަމާ ދުރަށްޖެހިލައި، ހިމޭން ވަގުތުކޮޅެއް ހޭދަކުރުމަށް ދަރީންނަށް ބާރުއަޅައި، އެ ފަދަ މާހައުލެއް ޤާއިމުކުރުމަށް މައިންބަފައިން މަސައްކަތް ކުރާންޖެހޭނެއެވެ.
އަހުރެމެންނަށް މިއަދު ބޭނުންވަނީ ހަމައެކަނި ފޮތްތަކުން އެދުރުވެގެން ތިބި "ސަނަދުވެރީން"ނެއްނޫނެވެ. އެފަދަ މީހުންތައް ބައިވަރެވެ. މަދުވަނީ ކަންކަމާމެދު ފުންކޮށް ވިސްނާ ހަރުދަނާ ނިންމުންތައް ނިންމަން އެނގޭ ބުއްދިވެރި ދަރީންތަކެކެވެ. ފަހަރެއްގައި ވެސް މިއީ އެއްދުވަހަކުން ދެ ދުވަހަކުން ކުއްޖާގެ ކިބައިގައި އަށަގެންނުވޭނެ ސިފަތަކެއްނޫނެވެ. އަދި މިއީ މަދަރުސާގެ ކުލާސްރޫމުތަކުން އެކަނި ދަސްކޮށްދެވޭނެ ކަންކަމެއް ވެސް ނޫނެވެ.
މާތްﷲ ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި، ވިސްނާ ފިކުރުކުރުމާބެހޭގޮތުން ޛިކުރު ކުރައްވާފައިވެއެވެ. އެގޮތުން އިންސާނުންނާ މުޚާޠަބު ކުރައްވައި، "ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟" މިފަދައިން ސުވާލުކުރެއްވުމާއި، އަދި "ބުއްދީގެ އަހުލުވެރީންނަށް" ނުވަތަ "ފިކުރުކުރާ ބަޔަކަށް ހެކިތަކެއް" ވާކަމަށް އަންގަވާފައިވެއެވެ (އަލްބަޤަރާ، 44؛ އާލުޢިމްރާން، 190؛ އައްނަޙްލު، 11). ވީމާ، ދަރީންގެ ކިބައިގައި ވިސްނާ ފިކުރުކުރުމުގެ ހުނަރު އަށަގަންނުވައި އެކަމަށް ހޭނުވުމަކީ ޤުރުއާނުގައި އަންގަވާފައިވާ ވިސްނުމާއި ތަދައްބުރުކުރުމުގެ އިރުޝާދާ ގުޅޭ މަތިވެރި ޢަމަލެކެވެ.
އަހުރެމެން – މައިންބަފައިން – ހަނދާނުގައި ބަހައްޓާންވީ ދަރީންނަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއަކީ މުދަލާއި މަތީ މަޤާމުތަކެއްނޫންކަމެވެ. އޭގެ ބަދަލުގައި އެ ކުދީންނަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއަކަށްވާނީ، އެ މީހުންނަށް މަގުދައްކައިދީ ހޭހަންކޮށްދޭން އަހުރެމެން ނެތް ދުވަހެއްގައި ވެސް، އެ ކުދީންގެ އަމިއްލަ ބުއްދީގެ ބޭނުން ކޮށްގެން ހެޔޮ ގޮތް އިޚްތިޔާރު ކުރުމުގެ ޤާބިލުކަން އެކުދީންގެ ކިބައިގައި ހަރުލެއްވުމެވެ.
މަރުޖިޢުތައް
ކީރިތި ޤުރުއާން
Bloom, B. S. (1956). Taxonomy of Educational Objectives: Handbook I: Cognitive Domain. New York: David McKay Company.
Dewey, J. (1938). Experience and Education. New York: Macmillan.