ދެ ހަފުތާތެރޭ 27 ފްލައިޓުން 24 މެޗަށް: ފީފާ ރައީސްގެ ތިމާވެށީގެ ސިޔާސަތަށް ''ރަތް ކާޑު''

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ--

މިއަހަރުގެ މި ހޫނު މޫސުމުގައި މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ އުތުރު އެމެރިކާގައެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި ފޯރިގަދަ ވޯލްޑް ކަޕަކީ ތާރީޚުގައި ވެސް އެންމެ ގިނަ ޓީމުތައް ބައިވެރިވާ، އަދި އެންމެ ގިނަ މެޗުތައް ކުޅޭ މުބާރާތެވެ.

ނަމަވެސް، ދަނޑުމަތީގެ ފޯރިއާ އެއްވަރަށް ދަނޑުން ބޭރުގައި ވެސް މިވަނީ ބޮޑު ބަހުސެއް ފެށިފައެވެ. އެއީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މުބާރާތުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ޕްރައިވެޓް ޖެޓެއްގައި ކުރެއްވި ދަތުރުތަކާއި އޭގެ ސަބަބުން ތިމާވެއްޓަށް ކުރި ނޭދެވޭ އަސަރުތަކުގެ މައްސަލައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފީފާއާއި އިންފަންޓީނޯއާ ގުޅުންހުރި ޕްރައިވެޓް ޖެޓެއް ވަނީ އެންމެ ދެ ހަފުތާގެ ތެރޭގައި 27 ދަތުރުކޮށްފައެވެ. މި ހުރިހާ ދަތުރެއް ވެސް ކޮށްފައިވަނީ އިންފަންޓީނޯ މެޗުތައް ބެއްލެވުމަށް ވަޑައިގެންނެވި ސިޓީތަކަށެވެ.

މުބާރާތް ކުރިއަށްދާ 16 ސިޓީގެ ތެރެއިން އެކި ސިޓީތަކަށް އޭނާ ވަނީ އެންމެ ދެ ހަފުތާގެ ތެރޭގައި 24 މެޗު ބައްލަވައިލެއްވުމަށް ދަތުރުކުރައްވާފައެވެ.

ދެ ހަފުތާއިން 50،000 ކިލޯމީޓަރު: އިންފަންޓީނޯގެ ދަތުރުގެ ތަފުސީލު

ފީފާގެ "2026 ވޯލްޑް ކަޕުގެ ދެމެހެއްޓެނިވި ތަރައްޤީއާއި އިންސާނީ ހައްގުތަކާ ބެހޭ ސިޔާސަތާ ގުޅޭގޮތުން އިންފަންޓީނޯ މީގެކުރިން ވިދާޅުވެފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ކަންކަމުގައި ފީފާއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރާނެ ކަމަށެވެ. ނަމަވެސް، އޭނާގެ އަމިއްލަ ޢަމަލުފުޅުތައް ހުރީ މި ވައުދާ ދިމާ އިދިކޮޅަށެވެ.

ބައެއް ދުވަސްދުވަހު އިންފަންޓީނޯ ވަނީ ދުވާލަކު ދެ މެޗު ބައްލަވައިލެއްވުމަށް، އެތައް ސަތޭކަ މޭލެއް ދުރުގައި ހުރި ސިޓީތަކަށް ދަތުރުކުރައްވާފައެވެ. އަދި ބައެއް ދުވަސްދުވަހު އާންމުކޮށް ދަތުރުކުރާ ފްލައިޓު ނޫން އެހެން ފްލައިޓެއްގައިވެސް ދަތުރުކުރައްވާފައެވެ.

ވޯލްޑް ކަޕާ ގުޅޭގޮތުން މިހާތަނަށް އިންފަންޓީނޯ ދަތުރުކުރެއްވި ރޫޓުތައް--

އެންމެ ދިގު ދަތުރުގެ ގޮތުގައި ފާހަގަކުރެވުނީ ޖޫން 13 ވަނަ ދުވަހު ކެނެޑާގެ ވެންކޫވަރުގައި އޮތް އޮސްޓްރޭލިއާއާއި ތުރުކީގެ މެޗަށްފަހު، އެމެރިކާގެ މިއާމީއަށް ކުރެއްވި 2,800 މޭލު (4,507 ކިލޯމީޓަރު)ގެ ދަތުރެވެ. އަދި އެންމެ ކުރު ދަތުރުގެ ގޮތުގައި ރިކޯޑުކުރެވުނީ ޖޫން 22 ވަނަ ދުވަހު ފިލަޑެލްފިއާއިން ނިއު ޖާޒީގެ ޓެޓަބޮރޯ އެއާޕޯޓަށް ކުރެއްވި އެންމެ 92 މޭލު (148 ކިލޯމީޓަރު) ގެ ދަތުރެވެ.

މި ދަތުރު ކުރެއްވީ މެޗެއް ބެއްލެވުމަކަށް ނޫނެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު ނިއުޔޯކްގައި ހުރި ފޮކްސް ނިއުސްގެ ސްޓޫޑިއޯއަށް އިންޓަވިއުއެއް ދެއްވުމަށެވެ. އެއަށްފަހު ހަމަ އެ ދުވަހު ބޮސްޓަން އަދި ޓޮރޮންޓޯއަށް މެޗު ބައްލަވަން ވަޑައިގެންނެވިއެވެ.

އެންމެ ބުރަ ދުވަހެއްގެ ގޮތުގައި ފާހަގަވީ ޖޫން 15 ވަނަ ދުވަހެވެ. އެއީ މިއާމީއިން ސިއެޓްލްއަށް 2,700 މޭލަށްވުރެ ދިގު ދަތުރެކެވެ. ބެލްޖިއަމް އާއި މިސްރު މެޗު ބައްލަވަން ވަޑައިގަތުމަށްފަހު، ހަމަ އެރޭ އީރާނާއި ނިއުޒިލެންޑް މެޗަށް 960 މޭލު ކަޑައްތުކުރެއްވުމަށް ފަހު ވަޑައިގަތެވެ. އަދި ޖޫން 26 ގައި މިއާމީއިން ފުރައިގެން ޑަލަަސްއަށް މަޑުކުރުމަށްފަހު ސިއެޓްލްއަށް ވަޑައިގެން، މެޗު ނިމި ފަސް ގަޑިއިރު ތެރޭގައި އަލުން 2,700 މޭލު ދުރަށް މިއާމީއަށް އެނބުރާ ވަޑައިގަތެވެ.

ފްލައިޓް ޓްރެކިންގ ޑޭޓާތަކުން ދައްކާގޮތުގައި، މުބާރާތް ފެށުނީއްސުރެ ޖޫން 27 ގެ ނިޔަލަށް މި ޕްރައިވެޓް ޖެޓު ވަނީ ޖުމްލަ 31,144 މޭލު (50,122 ކިލޯމީޓަރު) ކަޑައްތުކޮށްފައެވެ. އަދި ޖުމްލަ 66 ގަޑިއިރަށްވުރެ ގިނަ އިރު ވައިގެ ތެރޭގައި ހޭދަކޮށްފައިވެއެވެ.

ތިމާވެއްޓަށް ލިބުނު ގެއްލުން: 516 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކޮށްފައިވޭ
ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރުމަކީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ ގްރީންހައުސް ގޭސްތައް އެންމެ ގިނައިން ޖައްވަށް ދޫކުރާ، އަދި ތިމާވެއްޓަށް އެންމެ ބޮޑަށް ގެއްލުންދޭ ދަތުރުފަތުރުގެ ވަސީލަތެވެ.

އިންފަންޓީނޯ ބޭނުންކުރައްވާ ކަމަށް ބެލެވޭ ގަލްފްސްޓްރީމް މަރުކާގެ ޖެޓަކީ ގަޑިއަކު އެވްރެޖްކޮށް 1,817 ލިޓަރުގެ ތެޔޮ އަންދާ ބޯޓެކެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ގްރީންހައުސް ގޭސް މިންގަނޑުތަކަށް ބަލާއިރު، މި ދެ ހަފުތާގެ ދަތުރުތަކުން އެކަނިވެސް ޖުމްލަ 516 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫވެފައިވެއެވެ.

މެޗުތައް ބެއްލެވުމަށް އިންފަންޓީނޯ އެކި ސްޓޭޑިއަމްތަކުގައި ހަރަކާތްތެރިވަނީ--

މި ޢަދަދުގެ ބޮޑުމިން ވަޒަންކޮށްލުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދުގެ ތަފާސްހިސާބުތަކަށް ބަލާލަމާ ހިނގާށެވެ. މުޅި ދުނިޔޭގެ ނިސްބަތުން އާދައިގެ އިންސާނަކު އަހަރެއްގެ މައްޗަށް ޖައްވަށް ދޫކުރަނީ އެވްރެޖްކޮށް 6.56 ޓަނުގެ ކާބަންޑައިއޮކްސައިޑެވެ.

ފީފާގެ ރައީސް އެންމެ ދެ ހަފުތާގެ ތެރޭގައި ޖައްވަށް ދޫކުރި ކާބަންގެ މިންވަރު، އާދައިގެ 78 މީހުން މުޅި އަހަރެއްގެ ތެރޭގައި ދޫކުރާ ކާބަންގެ މިންވަރާ އެއްވަރެވެ. މި ބޯޓަކީ 19 މީހުންގެ ޖާގައިގެ ބޯޓެކެވެ. ނަމަވެސް ކޮންމެ ދަތުރެއްގައި ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް ސާފެއް ނުވެއެވެ.

ފީފާގެ ދިފާޢު: "ގިނަ ފަހަރަށް ބޭނުންކުރަނީ ވިޔަފާރީގެ އުޞޫލުން ހިންގާ އެއާލައިންތައް"
މިކަމާ ގުޅިގެން ފީފާގެ ތަރުޖަމާނަކު ވިދާޅުވީ، ފީފާގެ ރައީސް ރަސްމީ ދަތުރުފަތުރުތަކުގައި ގިނަ ފަހަރަށް ވިޔަފާރީގެ އުޞޫލުން ހިންގާ އާދައިގެ އެއާލައިންތައް ބޭނުންކުރައްވާ ކަމަށެވެ. އަދި ޕްރައިވެޓް ޗާޓަރު ޖެޓުތައް ބޭނުންކުރަނީ ހާލަތުގެ ގޮތުން އެންމެ އަވަސް އަދި ޚަރަދުކުޑަ ގޮތަކަށް ވާނަމަ އެކަނިކަމަށް އޭނާ ވިދާޅުވިއެވެ.

ފީފާއިން 2030 ވަނަ އަހަރާ ހަމައަށް ކާބަން ދޫކުރާ މިންވަރު 50 އިންސައްތަ ދަށްކޮށް، 2040 ގައި 'ނެޓް ޒީރޯ' އަށް ވާސިލުވުމަށް ލަނޑުދަނޑި ކަނޑައަޅާފައިވާއިރު، ޖަމްޢިއްޔާގެ އެންމެ މަތީ ވެރިޔާގެ މި ޢަމަލުފުޅުތަކުގެ ސަބަބުން ފީފާގެ އިޚްލާޞްތެރިކަމާމެދު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

މިއަހަރު އުތުރު އެމެރިކާގައި ކުރިއަށްދާ ވޯލްޑް ކަޕްގެ ފުރަތަމަ ދެ ހަފުތާގައި ފީފާގެ ރައީސް ވަނީ ޕްރައިވެޓް ޖެޓެއްގައި ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މި ދަތުރުތަކުގެ ސަބަބުން ޖައްވަށް ގިނަ އަދަދެއްގެ ކާބަންޑައިއޮކްސައިޑް ދޫވެ، ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ފީފާއިން މޫސުމީ ބަދަލުތަކާ ގުޅިގެން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުތަކާއި ނެޓް ޒީރޯގެ އަމާޒާ މި އަމަލުތައް ފުށުއަރާތީ، ޖަމްޢިއްޔާގެ އިޚްލާޞްތެރިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

  • އެންމެ ދެ ހަފުތާ ތެރޭގައި ޕްރައިވެޓް ޖެޓެއްގައި 27 ދަތުރުކޮށް 24 މެޗު ބައްލަވާފައިވޭ.
  • މި މުއްދަތުގައި 50000 އަށްވުރެ ގިނަ ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށްފައިވޭ.
  • ޖެޓުގެ ދަތުރުތަކުން 516 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކޮށްފައިވޭ.
  • މިއީ އާދައިގެ 78 މީހުން އަހަރެއްގެ މައްޗަށް ޖައްވަށް ދޫކުރާ ކާބަންއާ އެއްވަރުގެ މިންވަރެއް.
  • ފީފާއިން ބުނެފައިވަނީ ޕްރައިވެޓް ޖެޓު ބޭނުންކުރަނީ ހާލަތަށް ބަލައި އެންމެ އަވަސް އަދި ޚަރަދުކުޑަ ގޮތަކަށް ވާނަމަ ކަމަށް.
comment ކޮމެންޓް