ޕެނަލްޓީ ޝޫޓްއައުޓްގައި ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑު ބާރެއް ކަމަށްވާ ޖަރުމަން ބަލިކޮށް، ޕެރަގުއާއީ އިން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފިއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ވެސް ދެޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕެރަގުއާއީ ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
މިއީ 2010 ވަނަ އަހަރުގެ ކުއާޓާ ފައިނަލަށް ފަހު، ވޯލްޑް ކަޕްގެ ނޮކައުޓް ބުރަކުން ޕެރަގުއާއީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 16 އަހަރު ތެރޭގައި އެ ޓީމުން މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރުވެސްމެއެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް އީގެ އެއްވަނަ ހޯދައިގެން ގަދަ 32 ގެ ބުރަށް ޖަރުމަން ދަތުރުކުރިއިރު، ޕެރަގުއާއީ އިން ޖާގަ ހޯދީ ގްރޫޕް ޑީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގައި ޕެރަގުއޭގެ ފުރަތަމަ ލަނޑަށްފަހު--
މި މެޗަށް ޖަރުމަނުން ދެ ބަދަލަކާއެކު ނުކުތްއިރު، ޕެރަގުއާއީގެ ތަރި މިގެލް އަލްމިރޮން ވަނީ ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ފުރަތަމަ އެގާރައިގައި ހިމެނިފައެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ޕެރަގުއާއީ އިން ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރަން ފެށިއިރު، ޖޫނިއާ އަލޮންސޯ ފޮނުވާލި ހަމަލާ ޖަރުމަނުގެ ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އޭގެ ފަހުން ޖަރުމަނުން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރި ނަމަވެސް، ޕެރަގުއާއީގެ ވަރުގަދަ ޑިފެންސްގެ ސަބަބުން ޖަރުމަނުގެ ފޯވާޑުން ކަމަށްވާ ޑެނިސް އުންޑާވްއާއި ކައި ހަވާޓްޒްއަށް ހުސް ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް، 42 ވަނަ މިނިޓްގައި ޕެރަގުއާއީން ވަނީ ލީޑު ނަގައިފައެވެ. މަޓިއަސް ގަލާޒާ ނަގައިދިން ހުރަހަކުން، ހުސްކޮށްހުރެ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ހޫލިއޯ އެންސީސޯއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ހީރޯއަކަށްވި ޕެރަގުއޭގެ ގޯލްކީޕަރު އޯލާންޑޯ ހިލް--
މިއީ ވޯލްޑް ކަޕް މުބާރާތްތަކުގައި ޖަރުމަން ކޮޅަށް ޖެހިޖެހިގެން ލަނޑު ވަން 10 ވަނަ މެޗެވެ. ޖަރުމަނުން ވަނީ ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް، 54 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ފްލޯރިއަން ވާޓްޒް ނަގައިދިން ރީތި ބޯޅައަކުން ބޮލުން ޖަހައި ޖަރުމަނަށް އުއްމީދު އާކޮށްދިނީ ހަވާޓްޒް އެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. އޭގެފަހުންވެސް ހަވާޓްޒަށް ލިބުނު ފުރުސަތެއް ޕެރަގުއާއީގެ ކީޕަރު އޯލާންޑޯ ހިލް ވަނީ މަތަކޮށްފައެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ޖޮނަތަން ޓާ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ޖަރުމަނުގެ ޑިފެންޑަރު ވޮލްޑަމާ އަންޓޮން، ޕެރަގުއާއީގެ ކީޕަރަށް ފައުލްކޮށްފައިވާ ކަމަށެވެ.

މެޗު ކާމިޔާބުކުރި ޕެނަލްޓީއަށްފަހު ޕެރަގުއޭގެ ކުޅުންތެރިން--
އެހެންކަމުން އެ ގޯލު ބަލައެއް ނުގަނެއެވެ. އިތުރު ވަގުތުގެ ފަހު މިނެޓްތަކުގައި ޖަރުމަނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، މޮޅުވި ޓީމެއް ކަނޑައެޅުމަށް ޕެނަލްޓީ ޝޫޓްއައުޓަކަށް ދާން ޖެހުމެވެ.
ނޭވާ ހިފަހައްޓާލަން ޖެހުނު ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަނުގެ ފުރަތަމަ ޕެނަލްޓީ ހަވާޓްޒް ޖެހިއިރު، ކީޕަރު ހިލް ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ. ޖަރުމަނުން ޖޯޝުއާ ކިމިޗް، ޖަމާލް މުސިއާލާ އަދި ނަދީމް އަމީރީ ޕެނަލްޓީތައް ކާމިޔާބުކުރިއިރު، ނިކް ވޮލްޓްމާޑް ފޮނުވާލި ޕެނަލްޓީ ކީޕަރު ހިލް މަތަކުރިއެވެ. އަދި ޖޮނަތަން ޓާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
ޕެރަގުއާއީން މައުރީސިއޯ، ގުސްތާވޯ ގޯމޭޒް އަދި މަޓިއަސް ގަލާޒާ ޕެނަލްޓީތައް ވައްދާލިއިރު، އެންޓޯނިއޯ ސަނާބްރިއާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އަދި ފަބިއަން ބަލްބުއޭނާގެ ޕަނަލްޓީ ނޯޔާ ދިފާއުކުރިއެވެ.
ނަމަވެސް، މެޗުން މޮޅުވާން ލިބުނު ފަހު ފުރުސަތުގައި ޖޯސޭ ކަނާލޭ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، ޕެރަގުއާއީއަށް ތާރީޚީ މޮޅެއް ހޯދައިދީފައެވެ.
މި ބައްޔާއެކު ޖަރުމަން މުބާރާތުން ކެޓިއިރު، ޕެރަގުއާއީން ގަދަ 16 ގައި ކުޅޭނީ ފްރާންސް ނުވަތަ ސްވިޑެންއާ ދެކޮޅަށެވެ.