ފީފާ ވޯލްޑް ކަޕް 2026 ގެ ނޮކައުޓް ބުރަށް ދަތުރުނުކޮށް ދެކުނު ކޮރެއާ ކެޓުމާއި ގުޅިގެން އެ ގައުމުގެ ފިރިހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހޮންގް މިއުންގް-ބޯ މަގާމުން އިސްތިއުފާދީ، ނާކާމިޔާބީ ތަހުގީގުކުރުމަށް ދެކުނު ކޮރެއާގެ ރައީސް ލީ ޖައެ މިއުންގް ގޮވާލައްވައިފިއެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އަށް އިތުރުކޮށްގެން ބޭއްވި މި ފަހަރުގެ ވޯލްޑް ކަޕްގައި، ތިންވަނައަށްދާ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމަށް ކޮރެއާއިން ކުރި އުންމީދުތައް ފެނަށްދިޔައީ ހޮނިހިރު ދުވަހުއެވެ.
މި ނާކާމިޔާބީއާއި ގުޅިގެން ކޮރެއާގެ ރައީސް ލީ ޖައެ މިއުންގް ވަނީ ޓީމުގެ ދަށް ކުޅުމުގެ ސަބަބުތައް ހޯދުމަށް ތަހުގީގެއް ހިންގުމަށްވެސް ގޮވާލައްވާފައެވެ.
ފީފާ ރޭންކިންގެ 32 ވަނައިގައި އޮތް އަދި މަޝްހޫރު ކުޅުންތެރިޔާ ސޮން ހެއުން-މިން ހިމެނޭ ދެކުނު ކޮރެއާ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ދެ މެޗުން ބަލިވެ، އެންމެ މެޗަކުން މޮޅުވެގެންނެވެ.

ދެކުނު ކޮރެއާގެ ރައީސް ލީ ޖައެ މިއުންގް--
ދެކުނު ކޮރެއާ ހިމެނުނު ގްރޫޕް އޭގެ ތިންވަނައިގައި ނިންމާލަން ޖެހުނީ މެކްސިކޯ އަދި ދެކުނު އެފްރިކާގެ ފަހަތުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ދެކުނު އެފްރިކާ އަތުން 1-0 އިން ބަލިވި މެޗަށްފަހު ސަޕޯޓަރުންގެ ފާޑުކިޔުންތައް ކޯޗަށް ވަރަށް ބޮޑަށް އަމާޒުވިއިރު، އެގައުމުގެ ރަސްމީ ސަޕޯޓަރުންގެ ކްލަބް "ރެޑް ޑެވިލްސް" އިން ވަނީ ކޯޗު މުޅި ގައުމުގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރިވެ މާފަށް އެދުމަށާއި، ފުޓްބޯޅައިގެ ކަންކަމުން ދާއިމީކޮށް ދުރުވުމަށް ގޮވާލާފައެވެ.
މެކްސިކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްތިއުފާ އިއުލާން ކުރަމުން ކޯޗު ހޮންގް ބުނީ، ސަޕޯޓަރުން އުންމީދުކުރި ވަރުގެ ނަތީޖާއެއް ނެރެދެވިފައިނުވާތީ މާފަށް އެދޭ ކަމަށާއި، މި ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށެވެ. އަދި ގައުމީ ޓީމުން ވަކިވި ނަމަވެސް ކޮރެއާގެ ފުޓްބޯޅައަށް އަބަދުވެސް ހިތުގެ އަޑިން ސަޕޯޓުކުރާނެ ކަމަށް އޭނާ ބުންޏެވެ.
މި ދަނޑިވަޅުގައި ކޮރެއާގެ ރައީސް ލީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ޓީމު ކެޓީ ހިންގުމުގެ ނިޒާމު ދަށްވުމާއި، ގާބިލުކަމަށް ބެލުމުގެ ބަދަލުގައި އަމިއްލަ ރައްޓެހިކަމާއި ވަކި ބަޔަކަށް ތާއީދުކުރުމުގެ އުސޫލުން ކޯޗު އައްޔަންކުރުމުގެ ސަބަބުން ކަމަށެވެ.
ކޯޗު ހޮންގް މިއުންގް-ބޯ އަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ކޮރެއާ ދަތުރުކުރިއިރު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ގައުމީ ބަތަލެކެވެ. ނަމަވެސް، 2014 ވަނަ އަހަރު އޭނާގެ އިރުޝާދުގެ ދަށުން ކޮރެއާ ވޯލްޑް ކަޕްގައި ވާދަކޮށް އެންމެ މެޗަކުންވެސް މޮޅުނުވެ ވަނީ ކަޓާފައެވެ.
އެހެންކަމުން، 2024 ވަނަ އަހަރު އަލުން އޭނާއަށް ކޯޗުކަން ދިނުމުން ގިނަ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ކޮރެއާއަށް އެނބުރި އައުމުން ކޯޗަށް މަރުގެ އިންޒާރުތަކެއް ލިބިފައިވާތީ، އިންޗިއޮން އެއާޕޯޓާއި އެހެނިހެން ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ފުލުހުން މިހާރު ވަނީ ވަރުގަދަކޮށްފައެވެ.