މެޗުގެ އިތުރުވަގުތުގެ ތެރޭގައި ސްޓެފަން އީސްޓަކިއޯ ޖެހި ހިތްގައިމު ގޯލާއެކު 1-0 ގެ ނަތީޖާއަކުން ދެކުނު އެފްރިކާ ބަލިކޮށް، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގެ ގަދަ 16 ޓީމުގެ ބުރުން ކެނެޑާ ފުރަތަމަ ފަހަރަށް ޖާގައެއް ހޯދައިފިއެވެ.
އެމެރިކާގެ ލޮސް އެންޖެލިސްގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު، މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން ނޮކައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ގައުމަކަށް ކެނަޑާ ވަނީ ވެފައެވެ.
މީގެކުރިން ކުޅުނު ދެ ވޯލްޑް ކަޕުގައިވެސް ކެނެޑާއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ. އެހެންކަމުން މިއީ އެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
މިފަހަރުގެ މުބާރާތް ކެނެޑާއިން ފެށީ ގްރޫޕް ސްޓޭޖުގައި ބޮސްނިއާއާ 1-1 އިން އެއްވަރުކޮށް، ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދައިގެންނެވެ. އޭގެފަހުން ޖޫން 18 ގައި ގަތަރު އަތުން 6-0 އިން ތާރީޚީ ފުރަތަމަ މޮޅު ހޯދި ނަމަވެސް، ގްރޫޕްގެ ފަހު މެޗުގައި އަމިއްލަ ފަސްގަނޑުގައި ސްވިޒަލެންޑް އަތުން 2-1 އިން ބަލިވުމުން އެ ގައުމަށް ގްރޫޕްގެ ލިބުނީ ދެވަނައެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ކެނެޑާއާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން--
އެހެންކަމުން، އަމިއްލަ ގައުމުގައި ނޮކައުޓް މެޗު ކުޅުމުގެ ފުރުސަތު ގެއްލި، ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅެން އެ ޓީމަށް ޖެހެނީ އެމެރިކާގައެވެ. މިއީ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ގައުމެއް، މުބާރާތުގެ ތެރެއިން ގައުމުން ބޭރުގައި މެޗެއް ކުޅެން ޖެހުނު ފުރަތަމަ ފަހަރުވެސްމެއެވެ.
ކެނެޑާއިން މެޗުގައި ހަތް ހަމަލާއެއް ގޯލާ އަމާޒުކުރިއިރު، ދެކުނު އެފްރިކާއަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗުގެ ކުރީކޮޅު ކެނެޑާގެ މޮއީސް ބޮމްބިޓޯ ބޮލުން ފޮނުވާލި ބޯޅައެއް ދެކުނު އެފްރިކާގެ އޯބްރީ މޮޑީބާ ވަނީ ގޯލުގެ ރޮނގުމަތިން ދިފާއުކޮށްފައެވެ.
މީގެއިތުރުން ކެނެޑާގެ ޖޮނަތަން ޑޭވިޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދެކުނު އެފްރިކާގެ އެމްބޮކާޒީ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބަޔާން މިއުނިކްގެ ފުލްބެކް އަލްފަންސޯ ޑޭވިސް ކުޅެން އެރި ހިސާބުންނެވެ. ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ މެޗުތައް ގެއްލުނު ޑޭވިސް ކުޅެން އެރުމާއެކު، މެޗު ފެށިއިރު ކެޕްޓަން ބޭންޑް އަޅައިގެން ހުރި އީސްޓަކިއޯ ވަނީ އޭނާއާ ކެޕްޓަންކަން ހަވާލުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ކެނެޑާއާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން--
ޑޭވިސްގެ ސަބަބުން ކެނެޑާގެ ހަމަލާތައް ވަރުގަދަވެގެންދިޔައެވެ. މެޗުގެ 90 މިނިޓް ހަމަވިއިރުވެސް ގޯލެއް ނުފެނި، ދެކުނު އެފްރިކާއިން ފަހަތަށް ޖެހިގެން އެއްވަރުކޮށްލައިގެން އިތުރުވަގުތުގެ ދެ ހާފަށް ދާން މަސައްކަތްކުރަމުން ދަނިކޮށް، ކެނެޑާ މޮޅުކޮށްދިނީ އީސްޓަކިއޯއެވެ.
އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
މި ބައްޔާއެކު ދެކުނު އެފްރިކާ މުބާރާތުން ވަކިވާން ޖެހުނުއިރު، މިއީ އެ ގައުމުންވެސް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅުނު ފުރަތަމަ މެޗެވެ. މިފަހަރުގެ މުބާރާތުގައި ދެކުނު އެފްރިކާ ބަލިވީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން ދެ ގައުމު އަތުންނެވެ. އެއީ މެކްސިކޯ އަތުން 2-0 އިން އަދި ކެނަޑާ އަތުންނެވެ.
ފީފާ ރޭންކިންގެ 30 ވަނައިގައި އޮތް ކެނަޑާގެ މި ތާރީހީ ކާމިޔާބީއާއެކު، މެޗަށް ފަހު ޓީމުގެ ކޯޗު ޖެސީ މާޝް ވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ ކުޅުންތެރިންނަކީ ކެނަޑާގެ ބަތަލުން ކަމަށާއި، މި ކާމިޔާބީގެ ސަބަބުން ގައުމުގައި ފުޓުބޯޅައިގެ މުސްތަގުބަލު ވަރަށް އުޖާލާވެގެންދާނެ ކަމަށެވެ.
ގަދަ 16 ބުރު ނުވަތަ ނޮކައުޓް ބުރުގައި ޖުލައި 4 ވާ ހޮނިހިރު ދުވަހު ހިއުސްޓަންގައި ކެނަޑާ ވާދަކުރަން ޖެހޭނީ ރޭންކިންގެ ހަތްވަނައިގައި އޮތް މޮރޮކޯ ނުވަތަ 8 ވަނައިގައި އޮތް ނެދަލެންޑްސްއާ އެވެ.