އުއްމީދަކީ އަންނަ އަހަރު ނުވަތަ މި އަހަރު ފަހުކޮޅު، މައި މަގުތަކުގެ އަމަލީ މަސައްކަތް ފެށުން: މުއްތަލިބް

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ސާވޭ ކުރުމުގެ މަސައްކަތް ޗައިނާ ސަފީރާއި މިނިސްޓަރު މުއްތަލިބް ބައްލަވާލައްވަނީ: ވިދާޅުވީ، އުއްމީދަކީ މި އަހަރު ނުވަތަ އަންނަ އަހަރު ކުރީކޮޅު މައި މަގުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށް --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން, އުއްމީދަކީ އަންނަ އަހަރުގެ ކުރީކޮޅު ނުވަތަ މި އަހަރު ފަހުކޮޅު މައި މަގުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ކުރެހުންތައް ހެދުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާތައް ހެދުމުގެ މަސައްކަތް ފެށީ، މި މަހު ދެވަނަ ދުވަހެވެ.

https://sun.mv/222768

މިއަދު ހެނދުނު މިނިސްޓަރު މުއްތަލިބާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވަނީ އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މަގުތަކުގެ ދިރާސާގެ އެންމެ ފަހުގެ މައުލޫމާތުތައް ސަފީރާއި މިނިސްޓަރު ބައްލަވާލައްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެއަށް ފަހު ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އޭގެތެރެއިން އެއް ބަޔަކީ، މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ޑިޒައިން ކުރުމުގެ މަސައްކަތެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މަސައްކަތުގެ ތެރެއިން ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމާއި ދެން ހުރި މައްސަލަތަކަށް ވެސް ވީ އެންމެ ބޮޑެތި ހައްލުތައް ގެނައުމަށް އަންނަނީ ދިރާސާކުރަމުންނެވެ.

ދެވަނަ ކަމަކަށް މިނިސްޓަރު ފާހަގަކުރެއްވީ، މަޖީދީމަގާއި ޝަހީދު އަލީ ހިނގުމާއި އައިޖީއެމްއެޗު ކުރިމަތީގައި އޮންނަ ކަނބާއައިސާ ރަނި ހިނގުމާއި ވިލިމާލޭގައި ހޮސްޕިޓަލް އަޅާ މަގުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވާ ކަމެވެ.

މީގެއިތުރުން، އޭނާ ވިދާޅުވީ، މަސައްކަތް ކުރަނީ ހުރިހާ މަގުތަކެއް އެއްފަހަރާ ދިރާސާ ކުރުމުގެ ބަދަލުގައި ބޮޑަށް ފެންބޮޑުވާ މަގުތައް ދިރާސާކޮށް، އެ މަގުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ.

އެހެންވީމައި އަޅުގަނޑުމެން އުންމީދުކުރަނީ، މިހާރު މިދާ މަސައްކަތް ނިމި، މި އަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅު އަޅުގަނޑުމެނަށް އެންމެ މުހިންމުކޮށް މިއޮތް މަޖީދީމަގާއި ކަނބާއައިސާރަނި ހިނގުމާއި ވިލިމާލެ ހޮސްޕިޓަލް އަޅާއިރު އެ ތަނަށް ބޭނުންވާ މަގުތަކުގެ އަމަލީ މަސައްކަތް ފެށުންހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރު ވިދާޅުވި ގޮތުގައި، މަގުތަކުގެ އަމަލީ މަސައްކަތް ކުރާއިރު، އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ފެން ހިންދާ ނިޒާމުގެ މަސައްކަތާ އެކީގައި ކުރިއަށް ދިޔުމަށެވެ. އަދި، އެ މަސައްކަތް ކުރިއަށްދާއިރު، ނެޓުވޯކުތަކުގެ މަސައްކަތް ކުރަން ޖެހޭނަމަ، އެ ކަން ވެސް ކުރާނެކަން ފާހަގަކުރެއްވިއެވެ.

ޗައިނާ ސަފީރާއި މިނިސްޓަރު މުއްތަލިބް މަގުތަކުގެ ދިރާސާ މަޝްރޫއުގެ މައުލޫމާތުތައް ބައްލަވާލައްވަނީ ---- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި މަޝްރޫއާ ގުޅުވައި، ޗައިނާ ސަފީރު ވިދާޅުވީ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ ރަމްޒެއް ކަމަށެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫއުގެ ތަފުސީލީ ޑިޒައިންގެ މަސައްކަތްތައް ނިންމައި، އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައްކަން ސަފީރު ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ކުރީކޮޅު، ޖަނަވަރީ 2024ގައި ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޗައިނާއިން 130 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށެވެ. އެ އެހީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރާނީ މާލޭގެ މަގުތައް ހަދަން ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި އުޅަނދުތައް ވަރަށް ގިނަވެފައިވާއިރު، މަގުތަކުގެ ހާލަތު ގޯސްވުމުން ދަތުރުފަތުރުކުރަން ދަތިވުމުގެ ކަންބޮޑުވުންތައް އޮވެއެވެ. އަދި ވާރޭވެހުމާއެކު ފެންބޮޑުވުމަކީ ވެސް އެތައް އަހަރެއްވީއިރު ވެސް ހައްލުނުވެ އޮތް މައްސަލައެކެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ފެށުމަށް ހައުސިން މިނިސްޓްރީން ވަނީ އަމާޒުހިފާފައެވެ. މި މަޝްރޫއުގެ ސާވޭ އަދި ޑިޒައިންގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެންމެ ފުރަތަމަ އަމަލީ މަސައްކަތް ފަށާނީ މާލޭގެ ބޮޑެތި މަގުތަކުގައެވެ. މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ ފެން ހިންދާ ނިޒާމާއި ނެޓުވޯކުތައް އެކުއެކީގައި ގާއިމުކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

  • މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ޑިޒައިންކުރުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނެއެވެ.
  • މަޖީދީމަގު، ޝަހީދު އަލީ ހިނގުން އަދި ކަނބާއައިސާ ރަނި ހިނގުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާނެއެވެ.
  • މަގުތަކުގެ ސާވޭ އަދި ޑިޒައިންގެ މަސައްކަތްތައް ފަށާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.
  • މި މަޝްރޫއަށް ފަންޑުކުރަނީ ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހުނު 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.
  • މުޅި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.
  • ފެން ހިންދާ ނިޒާމާއި އެހެނިހެން ނެޓުވޯކުތައް މަގު ހެދުމާއެކު އެއްފަހަރާ ތަރައްގީކުރުމަށް ވަނީ އިސްކަންދީފައެވެ.
  • ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މި މަޝްރޫއަކީ ދެ ގައުމުގެ ގުޅުމުގެ ރަމްޒެއްކަމަށް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
comment ކޮމެންޓް