ދެހާސް ސާޅީސްވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ ދަތުރުގައި، ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ފުރުސަތުތަކާއި ފާގަތިކަމަށް ވާސިލުކޮށްދޭ ފާލަމެއްގެ ގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 ވަނަ އަހަރީ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފުލާގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވައި، ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ބަޔާންތަކަކަށް ހަނިވެފައިވާ ގުޅުމެއް ނޫން ކަމަށާއި، އެއީ އަމަލީ ގޮތުން ފެންނަން އޮތް ހަގީގަތެއް ކަމަށް ވިދާޅުވިއެވެ. މިގޮތުން، ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ފަހިވަމުންދާ ވިޔަފާރީގެ ފުރުސަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިވެހި ރައްޔިތުންނަށް، ޗައިނާއާ އެކު އޮތް މި އެކުވެރިކަމަކީ ހަމައެކަނި ޑިޕްލޮމެޓިކް ބަޔާންތަކެއްގައި އޮންނަ ކަމެއް ނޫން. އެއީ ފެންނަން އޮތް، އަތުން ހިފޭ، އަދި ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބްރިޖަކީ ހަމައެކަނި ދަގަނޑާއި ސިމެންތިން ހަދާ އެއްޗެއް ނޫން ކަމަށާއި، އެއީ މީހުންނާއި، މުޖުތަމައުތައް އަދި ގައުމުތައް ގުޅުވައިދޭ ވަސީލަތެއް ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުންވެސް އެފަދަ ގޮތަކަށް ކުރިއަށްދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެދެނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ކުރާ ދަތުރުގައި، ރާއްޖެ-ޗައިނާގެ ގުޅުމަކީ ފުރުސަތުތަކާއި ތަނަވަސްކަމަށް ވާސިލުކޮށްދޭ ފާލަމެއްގެ ގޮތުގައި ދެމިއޮތުން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި މޫސުމީ ގޮންޖެހުންތަކާ އެއްވެސް ގައުމަކަށް އެކަނި ކުރިމަތިނުލެވޭނެ ކަމަށާއި، ބައިބައިވުމުގެ ބަދަލުގައި ވާހަކަދެއްކުމާއި އެއްބާރުލުން އިސްކުރަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީގެ މުހިންމު ދަނޑިވަޅުތަކުގައި ޗައިނާއިން ދެމުންދާ އެއްބާރުލުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.