ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ރައީސް ޑރ. މުޢިއްޒު ވަނީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންއަށާއި، ސަރުކާރަށާއި ރައްޔިތުންނަށް މަރުހަބާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ އިތުބާރާއި، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި، ތަރައްޤީއާއި ފާގަތިކަމަށް ދެކޭ އެއްގޮތް ތަސައްވުރެއްގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ އަދި ދެމެހެއްޓެނިވި ގާތް އެކުވެރިކަމެއް ކަމަށެވެ.
އަދި ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ސާބިތުކަމާއެކު ދެގޮތެއްނުވެ ދެމިއޮތް ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެ ގައުމުގެ އެއްބާރުލުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާހުރި ގިނަގުނަ ފުރުސަތުތަކެއް ތަނަވަސްވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިމަގަށް ބަލާއިރު ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އިތުރަށް ބަދަހިކޮށް، ދޭދޭ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ދެ ގއުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ޗައިނާއަށް އިތުރު ފާގަތިކަމާއި ތަރައްގީއަށް އެދިވަޑައިގެންފައެވެ.