2100 އަށްވުރެ ގިނަ މީހުން ޕޭޕަލް ވޮލެޓު އެކްޓިވޭޓުކޮށްފި: ރައީސް

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވަނީ: މި ޚިދުމަތް ރާއްޖެ ގެނައީ އުރީދޫން-- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުން އެ ހިދުމަތާ ގުޅި، އޭގެ ތެރެއިން 2،159 މީހަކު ޕޭޕަލް ވޮލެޓު އެކްޓިވޭޓުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖެއަށް ރަސްމީކޮށް ޕޭޕަލްގެ ހިދުމަތްތައް މި މަހުގެ 15 ވަނަ ދުވަހު ތައާރަފުކޮށްފައިވަނީ އުރީދޫގެ ޑިޖިޓަލް ވޮލެޓު، 'އެމް-ފައިސާ' މެދުވެރިކޮށެވެ.

https://sun.mv/223667

ރައީސް ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް 3،280 މީހަކު ޕޭޕަލްއާ ލިންކުކޮށްފައިވާއިރު، މިއީ މީގެ ކުރިން ކާމިޔާބުނުވެ އޮތް ކަމެއް ހާސިލުވުން ކަމުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި ވިޔަފާރިތަކަށް ބޭރު ގައުމުތަކުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކުމުގެ މަގުފަހިވެ، އޭގެ ފައިސާ ލިބިގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.

https://sun.mv/223748

"ކުރީގަ އެއްގޮތަކަށް ވެސް ހާސިލުނުވެ އޮތް ކަމެއް ހާސިލުވެގެންދިޔަ ދިއުން އެއީ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ޕޭޕަލް ބަލައިގަންނަ ބައިނަލްއަގުވާމީ ވިޔަފާރިތަކުން ތަކެތި ގަތުމަށް ފައިސާ ދެއްކުމާއި، އެމް-ފައިސާ މެދުވެރިކޮށް 'ގްލޯބަލް ޓު ލޯކަލް' ޓްރާންސެކްޝަންތައް އެއްވެސް ދައްޗަކާ ނުލައި ކުރިއަށް ގެންދެވޭނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ޕޭޕަލްގެ ހުރިހާ ފީޗާސްތަކެއް އަދިވެސް ލިބެން ނެތުމާއި، ޕްލޭ ސްޓޯރުން އެޕްލިކޭޝަން ނުފެންނަ ކަމުގެ ޝަކުވާތަކާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ މިއީ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މި ހިދުމަތުގެ ތެރެއިން ހާސިލުކުރެވޭނެ އިތުރު ކަންކަން އަދި އެބަހުރި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

https://sun.mv/223394

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފުވުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ޕޭޕަލް އާއި އުރީދޫ އެމް-ފައިސާ އެކައުންޓާ ދެމެދު މިހާރު ފަސޭހަކަމާއެކު ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފެށުމާއެކު، 3000 އަށްވުރެ ގިނަ މީހުން އެކައުންޓް ލިންކުކޮށް، އޭގެ ތެރެއިން 2159 މީހަކު ޕޭޕަލް ވޮލެޓު އެކްޓިވޭޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ އުރީދޫގެ ޑިޖިޓަލް ވޮލެޓު ކަމަށްވާ އެމްފައިސާ މެދުވެރިކޮށެވެ. މިއީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި މުދާ ވިއްކައި ފައިސާ ލިބިގަތުމަށް ހުޅުވިގެންދިޔަ ވަރަށް މުހިންމު ފުރުޞަތެކެވެ. ބައެއް ފީޗާތައް އަދި ފުރިހަމައަށް ނުލިބޭކަމަށް އާންމުން ކުރާ ޝަކުވާތަކާ ގުޅިގެން ރައީސް ފާހަގަކުރެއްވީ، މިއީ މި ޚިދުމަތް ފުޅާކުރުމުގެ ފުރަތަމަ މަރުޙަލާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. މި ބަދަލާއެކު، ޕޭޕަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެމްފައިސާއަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ ނިޒާމު މިހާރު ވަނީ ޤާއިމުވެފައެވެ.

  • 3280 މީހަކު ޕޭޕަލްއާ ލިންކުކޮށް، އޭގެ ތެރެއިން 2159 މީހަކު ވަނީ ވޮލެޓު އެކްޓިވޭޓުކޮށްފައި.
  • މި ޚިދުމަތް ފޯރުކޮށްދެނީ އުރީދޫގެ ޑިޖިޓަލް ވޮލެޓު ކަމަށްވާ އެމްފައިސާ މެދުވެރިކޮށް.
  • ދިވެހި ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންގެ އަތުން ފައިސާ ލިބިގަތުމުގެ މަގުފަހިވުން.
  • ޕޭޕަލްގެ ހުރިހާ ފީޗާތަކެއް އަދި ނުލިބުނު ނަމަވެސް، މިއީ ޚިދުމަތް ފުޅާކުރުމުގެ ފުރަތަމަ ފިޔަވަޅު.
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.
comment ކޮމެންޓް