ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ފޯރިގަދަ އަދި ސިޔާސީ ގޮތުން ނުތަނަވަސްކަން ބޮޑު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހު، ހިތްދަތި ގޮތަކަށް އީރާން މުބާރާތުން ކަޓައިފިއެވެ.
ގްރޫޕް ޖީގެ އެއްވަނަ ބުރުން ކުރިއަށްދާން އީރާނަށް އެންމެ ޕޮއިންޓެއް މަދުވިއިރު، އެޓީމު ތިންވަނައިގައި ނިންމާލީ ބެލްޖިއަމް، ނިއުޒިލޭންޑް އަދި މިސްރާާ ދެކޮޅަށް ކުޅުނު ތިން މެޗުންވެސް އެއްވަރުވެ، ޖުމްލަ ތިން ޕޮއިންޓާއެކުގައެވެ.
މިއަދު ފަތިހު އަލްޖީރިއާއިން މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި އޮސްޓްރިއާގެ މައްޗަށް 3-2 އިން ކުރި ހޯދުމާއެކު، އީރާން ދެވަނަ ބުރަށް ކޮލިފައިވާނެކަމުގެ އުންމީދު ބޮޑުވިއެވެ.
ނަމަވެސް، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޮސްޓްރިއާއިން ލަނޑެއް ޖަހައި 3-3 އިން މެޗު އެއްވަރުކުރުމާއެކު، އޮސްޓްރިއާއާއި އަލްޖީރިއާ ދެވަނަ ބުރަށް ހޮވި، އީރާނަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.
މިފަހަރުގެ ވޯލްޑް ކަޕުގައި އީރާން ޓީމަށް ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.
އެމެރިކާއިން އީރާން ޓީމަށް ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކެއް ކުރިމަތިކުރުވިއިރު، މެޗުތައް ކުޅުމަށްފަހު ވަގުތުން މެކްސިކޯގެ ޓިހުއާނާގައި ހުރި އެޓީމުގެ ބޭސް ކޭމްޕަށް އެނބުރި ދާން ޖެހުނެވެ.
އީރާނުގެ ކޯޗު އާމިރު ގަލެނޮއީ ވަނީ މުބާރާތް ބާއްވާ ގައުމުން އެ ގައުމުގެ ޓީމަށް ކަންތައްކުރީ އެންމެ އިހާނެތިކޮށް ކަމަށް ބުނެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ސިޔާސީ އަދި އަސްކަރީ ނުތަނަވަސްކަމުގެ ތެރޭގައިވެސް އީރާނުގެ ޒުވާން ކުޅުންތެރިން ދެއްކި ހިތްވަރަށް ކޯޗު ވަނީ ތައުރީފުކޮށް، މިއީ ތާރީޚުގައި ލިޔެވިގެންދާނެ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.