ފުލުހުންގެ އެހީއަށް އެދި ރިޕޯޓުކުރުމާއެކު، އެ ހާދިސާ ހިނގި ސަރަހައްދަކަށް ޑްރޯން ފޮނުވާ ޚިދުމަތެއް އަންނަ އަހަރު ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، މިދިޔަ އަހަރު ފުލުހުން ވަރަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މި ދައުރު ނިމޭއިރު، ފުލުހުން ގާއިމުވެ ތިބޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް އެކަށީގެންވާ މަރުކަޒުތައް ގާއިމުކޮށް ނިންމައި ޚިދުމަތް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ފުލުހުންނަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައިދެއްވުންކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ފުލުހުންގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް ވެސް ޒަމާނީ ކުރާނެ ކަމަށެވެ. އެގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޯލް ސެންޓަރުގައި ހުރި 911 އެމާޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް، އެހީއަށް އެދި ގުޅާ މީހާ ހުންނަ ތަނެއް ވަގުތުން ދެނެގަނެވޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މީހަކު ހުންނަ ތަނެއް ދެނެގަތުމަށް ފަހު، އެ ސަރަހައްދެއްގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑް ވަގުތުން ލިބޭ ގޮތަށް ސިސްޓަމްތައް އަޕްގްރޭޑް ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އިތުރު ބަދަލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާސް ނުވަތަ ފުރަތަމަ އެހީއަށް ޑްރޯން ފޮނުވުމުގެ ޚިދުމަތް އަންނަ އަހަރު ފެށުމެވެ.
"މި ޚިދުމަތުގެ ސަބަބުން ފުލުހުންނަށް އިންސިޑެންޓެއް ރިޕޯޓު ކުރުމާއެކު ފުލުހުންގެ ޑްރޯން އެ ސަރަހައްދަކަށް ޑިޕްލޯއި ކުރެވި، ރެސްޕޮންޑް ކުރާ އޮފިސަރުންނާއި ކޮމާންޑް ސެންޓަރަށް ތަނުގެ ހާލަތު ވީޑިއޯގެ ޒަރިއްޔާއިން ވަގުތުން އަންގަމުންދާނެ،" އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއްގަމުގައި ޓްރެފިކާއި ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ފުލުހުން އެ ހިސާބަށް ދިޔުމަށް ލަސްވި ނަމަވެސް ޑްރޯންގެ އެހީގައި އެ ތަނެއްގެ ހާލަތު ދެނެގަނެވި، މިހާރަށްވުރެ ރަނގަޅަށް ޚިދުމަތް ދެވޭނެ ކަމަށެވެ. އަދި، ޒަމާނީ ޓެކްނޮލޮޖީއަށް ޚާއްސަކޮށް ޑޭޓާ ސެންޓަރެއް ގާއިމުކުރާނެ ކަމަށާއި އެ އިމާރާތުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް އަހަރު މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށް، އިތުރު މަސައްކަތްތައް ކުރާނެއެވެ. އެގޮތުން ކުށުގެ މާހައުލުމުގައި ހަރަކާތްތެރިވާ ކުދިން އެކަމުން ދުރުކުރުމަށް ކުރިއަށް އޮތް އަހަރު އިތުރު މަސައްކަތްތައް ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި ބަޔޯމެޓްރިކްސް ނުދީ އުޅޭ ދެހާހެއްހާ ބިދޭސީން ހޯދައި ޑީޕޯޓްކުރަން ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަދި ކުރިއަށް އޮތް އަހަރު ވެގެންދާނީ އަމަން ބެލެހެއްޓުމަށް ޓެކްނޮލޮޖީއާއެކު ފުލުހުންގެ އޮފިސަރުން މިހާރަށްވުރެ ގިނައިން މަގުމަތިން ފެނިގެންދާނެ، ފުލުުހުންގެ ޚިދުމަތުގެ އިތުރު ރަން އަހަރަކަށް،" އިހުސާން ވިދާޅުވިއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯދައިދެއްވި ހަތް މުވައްޒަފަކަށް "ޕްރައިޑް އެންޑް މެރިޓް އެވޯޑް" އަރުވާފައިވެއެވެ. ހަމައެއާއެކު، ދިވެހި ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ އާންމު 20 ފަރާތަކަށާއި މުއައްސަސާއަކަށް، ހަނދާނީ އައްޑަނައާއި، ހަނދާނީ ރަން ފިލާ އަދި ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.