ޝަރަފުވެރިކަމާއެކު، ރިޓަޔާކުރާ ފުލުހުންގެ އިނާޔަތްތަކަށް ބަދަލެއް ގެނައުމަށް ނިންމާފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުޙައްމަދު މިރޭ ހާމަކުރައްވައިފިއެވެ.
ފުލުހުންގެ 93ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާފައި ސީޕީ ވިދާޅުވީ، ފުލުހުންގެ ޚިދުމަތުން ޝަރުވެރިކަމާ އެއްކޮށް ރިޓަޔާކުރާ މީހުންނަށްދޭ އިނާޔަތްތައް ހިސާބު ކުރުމުގައި އޮތް ލިމިޓު ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ފުލުހަކު ޚިދުމަތްކޮށްފައިވާ މުއްދަތަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ޚިދުމަތުގައި ދެމިހުރި ފުލުހެކޭ އެއްގޮތަށް ބޭސްފަރުވާގެ ކަންކަން، 25 އަހަރަށް ފަހު ރިޓަޔާކުރާ ފުލަހުންނަށް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަން ވެސް ސީޕީ އިއުލާނުކުރެއްވިއެވެ.
ސީޕީ ވިދާޅުވީ، ފުލުހުންގެ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން އަޑުއައްސަވާ ކަމަށާއި ފުލުހުންގެ ދިރިއުޅުން ފަހިކުރެވޭނެ ގޮތްތައް މިހާރު ދިރާސާކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ފުލުހުންގެ ކުރިމަތީގައި އޮތީ އުންމީދީ ދުވަސްތަކެއް ކަމަށް ސީޕީ އަހުމަދު ގަބޫލުކުރައްވައެވެ.

ސީޕީ އަހުމަދު މުޙައްމަދު މިރޭ ވާހަކަދައްކަވަނީ --- ފޮޓޯ/ ފުލުހުން
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 93 އަހަރުވުން ދެކެނީ، އެތައް ޚިދުމަތްތެރިންނެއްގެ އަގުހުރި ޚިދުމަތުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ.
އެ މުއައްސަސާއަށް 93 އަހަރު ވުމުން ފުލުހުންގެ ހަކަތައަކަށް ހީނަރުކަމެއް ނާންނާނެ ކަމަށާއި އެ މުއައްސަސާގެ ބުންވަރަކަށް ބުރަހެލި ކަމެއް ނާންނާނެކަން ސީޕީ ފާހަގަކުރެއްވިއެވެ.
"ފުލުހުންގެ ހަރަކާތްތެރިކަން ދުވަހުން ދުވަހަށް ދާނީ ހަލުވިވަމުން. ކުށްތައް ހޯދުމުގައި، ދެނެގަތުމުގައި ފުލުހުންގެ މުއައްސަސާގެ ލޯ ދުވަހުން ދުވަހަށް ދާނީ އަލިވެ، ތޫނުވަމުން. ފުލުހުންގެ މުއައްސަސާ މިއޮތީ މިގޮތުގައި،" ސީޕީ ވިދާޅުވިއެވެ.
ހިލޭ ބޭސްފަރުވާ ލިބޭ އާސަންދަ ނިޒާމުގެ ބޭރުން، ސިފައިންނާއި ފުލުހުންނަށް ބޭސްފަރުވާގެ ޚިދުމަތް ހިލޭ ލިބެއެވެ. އާސަންދައަކީ ދައުލަތަށް ބުރަ ބޮޑުވެފައިވާ ނިޒާމެއް ކަމަށްވާއިރު، ސިފައިންނާއި ފުލުހުންނަށް އާސަންދައިގެ އިތުރަށް ލިބޭ ބޭސްފަރުވާއަށް ކުރާ ޚަރަދު ވެސް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު، ޚަރަދުތައް ހަމަޖެއްސުމަށް އިސްލާހުކުރަން ޖެހޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ސިއްހީ ނިޒާމާއި ޕެންޝަން ނިޒާމު، ބޭރުގެ އިދާރާތަކުން ފާހަގަކުރެއެވެ.