ކުރީ ސަރުކާރުން ފެނަކައިން ވަޒީފާ ބެހުމުގެ ނުރަނގަޅު އަސަރު މަސްވެރިކަމަށް ވަރަށް ބޮޑަށް ކުރި: ތަރުޖަމާނު

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް: ވިދާޅުވީ މަސްވެރިކަމަށް ގެއްލުންވި އެއް ސަބަބަކީ ފެނަކަ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންވި އެއް ސަބަބަކީ ފެނަކަ ކޯޕަރޭޝަން ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މާލީގޮތުން ދަމަހައްޓަން އެންމެ އުނދަގުލީވެސް ފެނަކަ ކަމަށް، ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ، ފެނަކަ އިސްލާހުކުރުމުގެ މަސައްކަތާއި އެ ކުންފުނީގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

"އަބަދުވެސް އޭރުއްސުރެ މިއަދާ ހަމައަށް އައުމާ ދެެމެދު ވެސް ސަސްޓެއިންކުރަން މާލީގޮތުން އުނދަގޫވެފަ އޮތް ކުންފުންޏެއް އެއީ،" ތަރުޖަމާނު ވިދާޅުވިއެވެ.

އެއަށްފަހު ތަރުޖަމާނު ވިދާޅުވީ، ކުދި ރަށްރަށުގައި ފެނަކައިގެ ވަޒީފާއަށް އިތުރަށް ނެގުމުން އެހެން ސިނާއަތްތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތަށް ވެސް ވީ އެހެންނެވެ.

"އަސްލު މި ދެންނެވިހެން މަސްވެރިކަމުގެ ސިނާއަތަށް އަސަރެއްކޮށްފަ އޮތީ ފެނަކައިގެ ސަބަބުން. އެއީ ފުރަތަމަ ޓްރެންޑަކަށް ނިމިދިޔަ ސަރުކާރު އޮތް އިރު ފެނަކައަށް ގިނަ ޒުވާނުން ލުން،" އޭނާ ވިދާޅުވިއެވެ.

މަސްވެރިކަމަށް ފުރާއިރު އޮޑިދޯނިފަހަރަށް ފަޅުވެރިން ބޭނުންވާނެ ކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވި ގޮތުގައި، ބައެއް ކެޔޮޅުންނާއި ފަޅުވެރިން މަސްވެރިކަން ދޫކޮށްލުމުގެ ސަބަބުން ބައެއް ރަށްރަށުގެ މަސް އޮޑިދޯނިފަހަރު ރިސޯޓުތަކަށް ސަޕްލައި ދޯނީގެ ގޮތުގައި ކުއްޔަށް ދީފައި އެބަހުއްޓެވެ.

ފިޝަރީސް މިނިސްޓަރު ޝިޔާމް ---- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

ތަރުޖަމާނު މިފަދައިން ވިދާޅުވިއިރު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް މިފަހުން ވަނީ ސިޔާސީ މަންފާއަށްޓަކައި ކުންފުނިތަކުން ވަޒީފާ ބެހުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސްވެރިން ހޯދަން ދަތިވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހަމައެއާއެކު ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ވަނީ ހުޅުވައިލައިފައެވެ. އެ ފުރުސަތުގެ ދަށުން ވަޒީފާއިން ވަކިވުމަށް މިހާތަނަށް 97 މުވައްޒަފަކު ހުށަހަޅައިފައިވާ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން ވިދާޅުވެފައި ވެއެވެ.

https://sun.mv/223610

އަމިއްލަ އަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް، ޖުމުލަ 8،000އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން އެ ފުރުސަތު ހުޅުވައިލީ މިމަހުގެ ދެވަނަ ދުވަހެވެ. އެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ހުޅުވައިލިއެވެ.

އެ ނިންމުމާ ގުޅޭ ގޮތުން ފެނަކައިން އޭރު ބުނީ، މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް ކުންފުނިން ފާހަގަކުރިއެވެ.

ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނަށް ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ދިނުމުގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތަށް މީހުން ނުލިބި ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. މިކަމުގެ ސަބަބުން ފަޅުވެރިން ނުލިބި، ބައެއް މަސްދޯނިފަހަރު ރިސޯޓުތަކަށް ސަޕްލައި ދޯނީގެ ގޮތުގައި ކުއްޔަށް ދޭންވަނީ ޖެހިފައެވެ. މާލީގޮތުން އެންމެ ދަށްކޮށް އޮތް ފެނަކަ އިސްލާހުކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މިހާތަނަށް ގިނަ މުވައްޒަފުންތަކެއް ވަނީ މި ފުރުސަތުގެ ބޭނުން ހިފާފައެވެ.

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މާލީގޮތުން ދަމަހައްޓަން އެންމެ އުނދަގޫ ކުންފުންޏަކީ ފެނަކައެވެ.
  • ފެނަކައަށް ގިނަ ޒުވާނުން ވަޒީފާއަށް ނެގުމުން މަސްވެރިކަމަށް ދާނެ ފަޅުވެރިން ވަނީ މަދުވެފައެވެ.
  • އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ފެނަކައިން ހުޅުވާލި ފުރުސަތުގައި 97 މުވައްޒަފަކު ވަނީ އެދިފައެވެ.
  • މުވައްޒަފުން މަދުކުރުމަކީ ފެނަކަ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަމަށް އެ ކުންފުނިން ބުނެއެވެ.
  • ސިޔާސީ ބޭނުމަށް ވަޒީފާ ބެހުމުން އެހެން ސިނާއަތްތަކަށް ނޭދެވޭ އަސަރުކުރުން.
  • ފެނަކައިގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން.
  • ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުން އަމިއްލައަށް ވަކިވުމަށް ބާރުއެޅުން.
comment ކޮމެންޓް