ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.
މި ކަން ހިނގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށްވާއިރު، މި ހާދިސާއާ ގުޅޭ ވީޑީއޯއެއް އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ސީޕްލޭންގެ ބައެއް އޮތީ ފެނު އަޑީގައެވެ. އަދި ލައިފް ރިންގްގެ އެހީގައި އެ ފްލައިޓްގެ އެތެރޭގައި ތިބި މީހުން ބާލަމުންދާ މަންޒަރު ވެސް ފެނެއެވެ.
ޓީއެމްއޭގެ ގިނަ އަދަދެއްގެ ކްރޫއިންނާއި މީހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.
މި ކަމާ ގުޅިގެން އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ސީޕްލޭން ދިޔަވީ ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރުމުގެ ތެރޭގައެވެ. އެ ކަން ހިނގުމާއެކު، އެ ކުންފުނީގެ އެއާޕޯޓު އިމަޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވަނީ އަޅާފައެވެ. އަދި، ވޯޓާ އެއިޑްރޯޑްރޯމްއިން ދެމުން އަންނަ ޚިދުމަތްތައް މެދުނުކެނޑި، ކުރިއަށްދާ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ޔަގީންވެފައެއް ނުވެއެވެ.