ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއް ސަގާފީ ތަރިކަ ބަލަހައްޓާ ވުޒާރާގެ ސަމާލުކަމަށް އައިސް އެ މައްސަލަ ބަލަން ފަށައިފިއެވެ.
މި މައްސަލަ ސަމާލުކަމަށް އައުމާއެކު، އެ ވުޒާރާއިން ދަނީ ފުލުހުންނާ ގުޅިގެން މިކަން ހިނގައި ދިޔަ ގޮތާއި، މީގައި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ކަމުގައި ކުށްވެރިވާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ހަމައެއާއެކު އުސްގެކޮޅާއި އެ ސަރަޙައްދު ތަރައްގީކުރުމުގެ މަޝްރޫޢަކަށްޓަކައި، އެ ތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. ނަމަވެސް، މިހާތަނަށް ކައުންސިލުން އެ ތަން ވުޒާރާއާ ހަވާލުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ގެ ރަސްކަމުގައި ބިނާކުރެއްވި، 100 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އާސާރީ ބިނާއެކެވެ.
މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިއަދު ފެންނަން ހުރި ހަމައެކަނި ބިނާގެ އިތުރުން، މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ވެސް ހުޅުވި ތަނެވެ.
މިފަދަ ތާރީޚީ ތަންތަނަށް ދޭ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބުމުގެ ބިރު އޮތްކަން ވުޒާރާއިން ފާހަގަކުރެއެވެ.

އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދީފައި -- ފޮޓޯ/ މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗަ އެންޑް ހެރިޓޭޖް
އެހެންކަމުން، ގާނޫނީ އިމުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ގްރެފީޓީ ކުރެހުމަކީ މިހާރަކަށް އައިސް ވަރަށް އާންމުކޮށް ކުރާ ކަމަކެވެ. އެގޮތުން މާލޭގެ ހަނި ގޯޅިތަކުގައާއި ގޭންގުތައް އެއްވެ އުޅޭ ހިސާބުތަކުގައި ގްރެފިޓީ ކުރަހައިފައި ހުރެއެެވެ. ބައެއް ފަހަރު ބޭއަދަބީ ބަސްބަސް ހިމެނޭ ޝިއާރުތައް ވެސް ލިޔެފައި ހުރެެއެވެ.
މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފުލުހުންގެ ގޭންގު ކުރައިމް ސަޕްރެޝަންއާއި، މާލެ ސިޓީ ކައުންސިލު ގުޅިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.