މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑެބިޓް ކާޑުން ވެސް އީކޮމާސް ބައެއް ސައިޓްތަކަށް ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓްކޮށްފިއެވެ.
އެމްއައިބީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން މި ޚިދުމަތް ލިބިގަނެ، އެހެނިހެން ބޭނުންތަކަށް މި ލިމިޓް ބޭނުންކުރަމުން ދާ ކަމަށް އެ ބޭންކުން ބުންޏެވެ.
އެކަމާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަން ދިނުމުގެ ގޮތުން މި ހިނދުން މި ހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އެ ބޭންކުން ވަނީ ނިންމައިފައެވެ.
މި ނިންމުމާއެކު އީކޮމާސް ސައިޓްތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނި ގޮތުގައި މި ބަދަލު ގެނައި ނަމަވެސް ބައެއް ވިޔަފާރި ސައިޓްތަކަށް ފިޔަވައި، ކަސްޓަމަރުންގެ އާއްމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓްތަކާއި، ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި، ސިއްހީ ޚިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ޚަރަދުތަކަށް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން ބޭނުން ކުރެވޭނެއެވެ.
އެ ބޭންކުން ބުނި ގޮތުގައި މި ނިންމުން ނިންމި ސަބަބަކީ މި ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބޭންކުން ވަނީ މައާފަށް އެދިފައެވެ.
އެމްއައިބީގެ އިތުރުން ބީއެމްއެލްއިން ވެސް މިފަހުން ވަނީ ރުފިޔާ ކާޑަށް ދެމުންގެންދާ ޑޮލަރު ލިމިޓް ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
އެކަމާ ގުޅިގެން އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން، ސަބްސްކްރިޕްޝަންތަކަށާއި އޮންލައިން ވިޔަފާރިތަކަށް ބީއެމްއެލްގެ ރުފިޔާ ކާޑު ގިނަ ފަހަރަށް ބޭނުން ނުކުރެވޭކަމުގެ ޝަކުވާ ބޮޑެވެ.