މިދިޔަ ޖޫން މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވުމަށް ފަހު، ޖުލައި މަހު މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށް ސަރުކާރު މަސް ކުންފުނި މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު 2،475 ޓަނުގެ މަސް ކިރުވައިފައިވެއެވެ. އެއީ 2،400 ޓަނުގެ ކަޅުބިލަމަހާއި 10 ކިލޯގުރާމަށް ވުރެ ބަރުދަން ބޮޑު ކަންނެލީގެ 12 ޓަނާއި 15 ކިލޯގުރާމަށް ވުރެ ބަރުދަން ބޮޑު ކަންނެލީގެ 63 ޓަނެވެ.
މިއީ ޖޫން މަހު ކިރުވި 568 ޓަނާ އަޅާ ބަލާއިރު ހަތަރު ގުނައިގެ ކުރިއެރުމެކެވެ. އެ މަހު ވަނީ 484 ޓަނުގެ ކަޅުބިލަމަހާއި 10 ކިލޯގުރާމަށް ވުރެ ބަރުދަން ބޮޑު ކަންނެލީގެ 17 ޓަނާއި 15 ކިލޯގުރާމަށް ވުރެ ބަރުދަން ބޮޑު ކަންނެލީގެ 67 ޓަނު ކިރުވައިފައެވެ.
ހަމަ އެއާއެކު، ޖުލައި މަހު ކިރުވި މަސްތަކަށް 49.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. އެއީ ކަޅުބިލަމަސް ކިރުވުމަށް ފަހު މަސްވެރިންނަށް ދޫކުރި 48 މިލިއަން ރުފިޔާއާއި 10 ކިލޯގުރާމަށް ވުރެ ބަރުދަން ބޮޑު ކަންނެލި ކިރުވައިގެން ދޫކުރި 234،100 ރުފިޔާއާއި 15 ކިލޯގުރާމަށް ވުރެ ބަރުދަން ބޮޑު ކަންނެލި ކިރުވައިގެން މަސްވެރިންނަށް ދޫކުރި 1.57 މިލިއަން ރުފިޔާއެވެ.
ޖުލައި މަހާ އަޅައިބަލާއިރު ޖޫން މަހު ކިރުވި މަސްތަކަށް މަސްވެރިންނަށް ދޫކުރީ 11.3 މިލިއަން ރުފިޔާއެވެ. އެހެންކަމުން ޖުލައި މަހު މަސް ކިރުވައިގެން ޖޫން މަހަށް ވުރެ ހަތަރު ގުނަ އިތުރަށް މަސްވެރިންނަށް ވަނީ ފައިސާ ދޫކޮށްފައެވެ.
މި އަހަރު މިހާތަނަށް މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު އެންމެ ގިނަ އަދަދަކަށް މަސް ކިރުވައި މަސްވެރިންނަށް ފައިސާ ދޫކުރީ އޭޕްރިލް މަހެވެ. އެ މަހު އެކަނި ވެސް 4،414 ޓަނުގެ މަސް ކިރުވައި 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މި އަހަރު މަސްވެރިކަން އެންމެ ދަށް ކަމަށް ދައްކަނީ ޖޫން މަހެވެ.
މިފްކޯއިން މިދިޔަ މަހުގެ އަށްވަނަ ދުވަހު 'ސަން'އަށް ބުނެފައިވާ ގޮތުގައި ޖޫން މަހުގެ ތެރޭ މަސްވެރިކަން އާދަޔާ ޚިލާފަށް ދަށްވި ނަމަވެސް، ޖުލައި މަހު މަސްވެރިކަން ވަނީ ރަނގަޅުވާން ފަށައިފައެވެ.
މަސްވެރިކަން ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މިފްކޯއިން ފާހަގަކުރަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، އެންވެރިކަން ދަށްވުމެވެ. ޖޫން މަހާއި އޯގަސްޓު މަހަކީ އާންމުކޮށް ވެސް ރާއްޖޭގެ މަސްވެރިކަން ދަށްވާ ދުވަސްވަރެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.