މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލުގެ މަސައްކަތްތައް 2028ވަނަ އަހަރުގެ ކުރިން ނިންމައިލައި، ކެންސަރަށް ބޭނުންވާ އަސާސީ ފަރުވާ އެ ހޮސްޕިޓަލް މެދުވެރިކޮށް ދެވެން ފެށޭނެ ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި, ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)ގެ ސުވާލަކަށް ޖަވާބުދެއްވަމުން ޤީލާ ވިދާޅުވީ، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ، އަދި ހޯދައިފައިވާ 2،000 އަށް ވުރެ ގިނަ ދިވެހީން އެބަތިބި ކަމަށެވެ.
"އެންމެ ގިނަ ކެންސަރުގެ ބާވަތްތަކުގެ ގޮތަށް ރާއްޖޭން ފެންނަމުން ދަނީ އުރަމަތީގެ ކެންސަރު، އަނގަޔަށް ޖެހޭ ކެންސަރު، ފުއްޕާމެއަށް ޖެހޭ ކެންސަރު، އަދި އޯވޭރިއަން ކެންސަރު ފަދަ ތަފާތު ބަލިތައް،" ޤީލާ ވިދާޅުވިއެވެ.
މިދިޔަ އަހަރު އެކަނިވެސް 53 ފިރިހެނަކަށާއި 67 އަންހެނަކަށް ކެންސަރު ޖެހިފައިވާ ކަމަށް ޤީލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކެންސަރު ބައްޔަށް ދޭ ފަރުވާތަކާއި ދަރިމައިވުމުގެ ޚިދުމަތްތަކާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"މި މަސައްކަތް އެކި މަރުހަލާތަކަށް ބަހައިލައިގެން ގޮސް 2028ގެ ކުރިން ކެންސަރު ބައްޔަށް ބޭނުންވާ އަސާސީ ފަރުވާތަކާއި ބަލި ދެނެގަތުމުގެ އެންމެހައި ޚިދުމަތްތައް، އެއީ ރޭޑިއޯތެރަޕީ، ކީމޯތެރަޕީ، ޕެޓް ސީޓީ ފަދަ ޚިދުމަތްތައް މި މަރުކަޒުން ފޯރުކޮށްދެވޭނެ،" ޤީލާ ވިދާޅުވިއެވެ.
މިހާރުވެސް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ކީމޯތެރަޕީގެ ޚިދުމަތްދެމުންދާ ކަން ޤީލާ ފާހަގަކުރެއްވިއެވެ.
ކެންސަރު ބައްޔަކީ ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އާންމުވަމުންދާ ބައްޔަކެވެ. އެ ބަލި ޖެހުމުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު ވަރަށް ބޮޑެވެ. އަދި އާއިލީ ގޮތުން ވާރުތަ ކުރުމުގެ ފުރުސަތު ވެސް އޮވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.
ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އޭރުގެ ސަރުކާރުން ނިންމާފައި އޮތީ ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީކުރާށެވެ. އޭރުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލް ތަރައްގީކުރަން އުޅުނީ އަވަށްޓެރި އިންޑިއާގެ އެހީގައެވެ.
ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. އެކަމަކު، ދައުރު ހަމަވިއިރު ވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.