އާލިން ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކު، ސެނެގާލް 3-2 ގެ ނަތީޖާއަކުން ބަލިކޮށް ނޯވޭއިން ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުން ޖާގަ ހޯދައިފިއެވެ.
ސްޓޭލް ސޮލްބާކަންގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ނޯވޭ ޓީމުން މުޅި މެޗު ކޮންޓްރޯލް ކުރިއިރު، މިއީ މުބާރާތުގައި އެޓީމުން ހޯދި ޖެހިޖެހިގެން ދެވަނަ މޮޅެވެ. މި މޮޅާއެކު ގްރޫޕް އައި އިން ފްރާންސާ އެކު ނޯވޭ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
ނިއު ޖާޒީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ނޯވޭއަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ޕެޑަސަންއެވެ.
އޭނާ މި ލަނޑު ކާމިޔާބުކުރީ ސެނެގާލްގެ ކެޕްޓަން ކަލިދޫ ކުލިބާލީއަށް ބޯޅަ ސާފުކޮށްލުމުގައި ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ނޯވޭއާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން--
މެޗުގެ ދެވަނަ ހާފު ފެށުމާއެކު މެންޗެސްޓާ ސިޓީގެ ތަރި ހާލަންޑްގެ ހުނަރުވެރިކަން ފެނިގެންދިޔައެވެ. ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ހާލަންޑް ވަނީ ނޯވޭގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
މި ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި ނޯވޭއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކްރިސްޓަލް ޕެލަސްގެ އިސްމާއިލާ ސާރ ލަނޑެއް ޖަހައި ސެނެގާލަށް އުންމީދެއް ހޯދައިދިން ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ހާލަންޑް ވަނީ އަނެއްކާވެސް ނޯވޭއަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އޭނާގެ ބަލިފައިން ފޮނުވާލި މި ހިތްގައިމު ބޯޅަ ގޮސް ވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ.
މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ލަނޑު ކާމިޔާބުކޮށް، ހާލަންޑް ވަނީ ނޯވޭގެ ތާރީޚުގައި އެހެން އެއްވެސް ކުޅުންތެރިއަކަށް ވޯލްޑް ކަޕެއްގައި ޖެހުނު ލަނޑުގެ އަދަދަށްވުރެ ދެގުނަ އިތުރަށް ލަނޑު ޖަހާފައެވެ.

ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޯވޭގެ ހާލަންޑް--
މީގެ އިތުރުން، މިއީ ގައުމީ ޓީމަށް އޭނާ ޖެހިޖެހިގެން ލަނޑު ޖެހި 12 ވަނަ ރަސްމީ މެޗެވެ. އަދި ފަހުގެ ހަ މެޗުގެ ތެރެއިން ކޮންމެ މެޗެއްގައި އޭނާ ވަނީ މަދުވެގެން ދެ ލަނޑު ހަމަކޮށްފައެވެ.
ފުރަތަމަ ހާފުގައި ސެނެގާލްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އަތުން ބޯޅަ އަތުލައި، ހުސް ގޯލަކަށް ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވުމުން ހާލަންޑަށް ހެޓްރިކެއް ހެދުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
މެޗުގެ ފަހު މިނެޓުތަކުގައި ސެނެގާލްގެ ސާރ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްލުމުން ނޯވޭއަށް ބޮޑު ހާސްކަމެއް ކުރިމަތިވިއެވެ. އަދި މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ސެނެގާލަށް ނަތީޖާ ހަމަހަމަކޮށްދޭން ސާރ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިންނެވެ.
މި ބައްޔާއެކު ސެނެގާލަށް ދެވަނަ ބުރުގެ އުންމީދެއް އޮތީ ގްރޫޕުގެ ފަހު މެޗުގައި އިރާގު އަތުން ބޮޑު މޮޅެއް ހޯދައި، ތިންވަނައަށްދާ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
ގްރޫޕްގެ އެއްވަނަ ކަށަވަރުކުރުމަށް ނޯވޭ އާއި ފްރާންސް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.