ގަދަ ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު ފްރާންސާއި އިރާގު ބައްދަލުކުރި ވޯލްޑް ކަޕުގެ މެޗުގައި، ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑާއެކު 3-0 އިން އިރާގު ބަލިކޮށް، ފްރާންސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ ފިލަޑެލްފިއާގައި ކުޅުނު މި މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލަން ޖެހުނު ފުރަތަމަ މެޗެވެ. ގުގުރުމާއި ވިދުމުގެ ސަބަބުން މެޗުގެ ފުރަތަމަ ހާފަށްފަހު، ދެވަނަ ހާފުގެ ކުޅުން ފެށުނީ ދެ ގަޑިއިރަށްވުރެ ފަހުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ސްޓޭޑިއަމުން މީހުން ހުސްކޮށްފައި--
ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗުގައި ކެޕްޓަން އެމްބާޕޭ ވަނީ މެޗުގެ 14 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ފްރާންސަށް ކުރިހޯދައިދީފައެވެ.
މި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ޖެހިލާފައެވެ.
އެމްބާޕޭ މިހާތަނަށް ވޯލްޑް ކަޕްގެ 16 މެޗުން 16 ލަނޑު ޖަހާފައިވާއިރު، އޭނާއަށްވުރެ ކުރީގައި އުޅެނީ އެންމެ ދެ ލަނޑުގެ ތަފާތުން ރެކޯޑު މުގުރާލި ލިއޮނަލް މެސީއެވެ.

އިރާގު ކޮޅަށް ލަނޑު ޖެހުމަށްފަހު އެމްބާޕޭ--
އިރާގުގެ ކެޕްޓަން އައިމަން ހުސައިނަށް އަނިޔާވެގެން ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހުނުއިރު، އިރާގުން ވަނީ ފްރާންސް ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މެދުކެނޑުމަކަށްފަހު ފެށުނު ދެވަނަ ހާފުގައި އިރާގުގެ ފަހަތުން ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައި، މެޗުގެ 54 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ފްރާންސްގެ ދެވަނަ ލަނޑު ޖަހާފައެވެ. މިއީ އިރާގުގެ ގޯލްކީޕަރު އަހުމަދު ބާސިލަށް ބޯޅަ ކޮންޓްރޯލް ނުކުރެވުމުން، އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ޖެހި ލަނޑެކެވެ.
އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ ފްރާންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ބޮޑު މުބާރާތެއްގައި ފްރާންސްގެ ޖާޒީގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
މި ނަތީޖާއާއެކު ގްރޫޕް އައިގެ އެއްވަނައިގައި ފްރާންސް އޮތީ ކުޅުނު ދެ މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. އަދި ކުޅުނު ދެ މެޗުންވެސް ބަލިވި އިރާގު އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައެވެ.