މަސްތުވާތަކެތި ބޭނުންކުރާ ދިވެހި ފިރިހެނަކާ ދެކޮޅަށް އޭނާގެ ބައްޕަ ދިން ހެކިބަހާއެކު، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މިއީ ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި ހާދިސާއަކާ ގުޅޭ ކޭސްއެކެވެ. އުތުރުގެ މި ރަށުގައި، 2023 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އަމިއްލަ ގޭން ހައްޔަރު ކުރި ދަރިއާ ދެކޮޅަށް އޭނާގެ ބައްޕަ ހެކިބަސް ދިނެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ މި ދައުވާގެ ހުކުމް، މި ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއެކު ފުލުހުން މި މައްސަލައިގައި ދައުވާ ލިބޭ މީހާގެ ގެއަށް ދިޔައީ ކޯޓު އަމުރެއްވެސް ހޯދައިގެންނެވެ. އެ ކޯޓު އަމުރުގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު، ދައުވާ ލިބޭ މީހާ އުޅުނު ކޮޓަރިން، މަސްތުވާތަކެތި ފެނުނެވެ. އަދި އެ މީހާ، މަސްތުވުމަށް، "ހަކުރު" ބޯ ކަމަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް އުފުލާފައުވަނީ ޓްރެފިކިންގެ ދައުވާއެވެ.
ޝަރިއަތުގައި، ދައުވާ ލިބޭ މީހާވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެހެންކަމުން މައްސަލަ ސާބިތު ކުރީ ދައުލަތުން ހުށަހެޅި ހެކީގެ އަލީގައެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ދައުވާ ލިބޭ މީހާގެ ބައްޕަވެސް ހިމެނެއެވެ.
މި މައްސަލައިގައި ހެކިބަސް ދިން މީހުންގެ ތެރޭގައި ދައުވާ ލިބުނު މީހާގެ ބައްޕަގެ އިތުރުން، އޭނާގެ ކޮއްކޮއާއި އޭނާގެ ޅިޔަނާއި ފަހަރި ހިމެނެއެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މަސްތުވާތަކެތި ފެނުނު، ދައުވާ ލިބުނު މީހާ ދިރިއުޅޭ ކޮޓަރި ހުޅުވަން ފުލުހުންނަށް އެހީތެރިވެދިނީވެސް އޭނާގެ ބައްޕައެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ދައުވާ ލިބުނު މީހާގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅޭ އިތުރު ހަތަރު މައްސަލައެއްގެ ދައުވާ މިހާރުވެސް ކުރިއަށް އެބަދެއެވެ.
މި މައްސަލައިގައި އާދިއްތަ ދުވަހު ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ. ބާރަ މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކަން އަމުރުކޮށްފައިވާއިރު، މައްސަލައިގައި ދައުވާ ލިބުނު މީހާ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބަކީ 24 އަހަރާއި 11 މަހާއި އެއް ދުވަސް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.