އިންޑިއާގެ ތާރީޚުގައި ވެސް އެގައުމުގެ އެންމެ މަތީ ދަސްތޫރީ މަގާމަށް އިސްވެވަޑައިގެންނެވި އެ ޤައުމުގެ މިހާރުގެ ރައީސް ދުރޫޕަދީ މުރުމޫގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ޑޮކިއުމަންޓްރީއެއް ތައްޔާރުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ މަގުބޫލު އެކްޓަރު އަދި ފިލްމު ޕްރޮޑަކްޝަންގައި ހަރަކާތްތެރިވަމުން އަންނަ އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނި 'އާމިރު ޕްރޮޑަކްޝަންސް'އިން އުފައްދާ މި ޑޮކިއުމަންޓްރީގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އޮޑިޝާގެ ކުޑަ އަވަށަކުން ފެށިގެން ގައުމުގެ އެންމެ މަތީ ދުސްތޫރީ މަގާމާ ހަމައަށް ދުރޫޕަދީ މުރުމޫ ކުރެއްވި އާދަޔާޚިލާފު ދަތުރުފުޅަށެވެ.
ވެރައިޓީ އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ޑައިރެކްޓަރަކީ ފިލްމު އުފެއްދުމާއި ލިޔުންތެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ސްވާތީ ޗަކްރަވަރްތީ ބަޓްކަލް އެވެ.
މި ޑޮކިއުމަންޓްރީގައި ރައީސް މުރުމޫގެ އަމިއްލަފުޅު ދިރިއުޅުއްވުމާއި، މަސައްކަތުގެ ދާއިރާގެ މުހިންމު ހަރުފަތްތަކާއި، ކުރިމަތިލެއްވި ގޮންޖެހުންތަކުގެ އިތުރުން އާންމު ހިދުމަތުގައި ކުރިއަށް ވަޑައިގެންނެވުމަށް އެކަމަނާ ގެންގުޅުއްވި ސާބިތުކަން ވަރަށް ތަފްސީލުކޮށް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އަދި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ--ފޮޓޯ/އިންޑިއާޓުޑޭ
މިއީ މާނަފުން އަދި ހަގީގީ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އުފެއްދުންތައް ގެނެސްދިނުމަށް މަޝްހޫރު އާމިރުގެ ޕްރޮޑަކްޝަނުން ގެނެސްދޭނެ އިތުރު ފާހަގަކޮށްލެވޭ މަސައްކަތަކަށް ވެގެންދާނެއެވެ.
މި ޑޮކިއުމެންޓްރީ ފިލްމުގައި ރައީސް މުރުމޫގެ ދިރިއުޅުމުގެ އެކި މަރުހަލާތައް ދައްކުވައިދޭނެއިރު، އޭގެ ތެރޭގައި އޮޑިޝާގައި ހޭދަކުރެއްވި ކުރީގެ ދުވަސްތަކާއި، ސިޔާސީ މައިދާނަށް ވެދެވަޑައިގެންނެވި ގޮތާއި، އަދި އިންޑިއާގެ ފުރަތަމަ ގަބީލާ ރައީސްގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި ތާރީޚީ ހާދިސާ ހިމެނެއެވެ.
މީގެ އިތުރުން، އެކަމަނާގެ ހަޔާތްޕުޅުގައި ދިމާވި ހިތާމަވެރި ހާދިސާތަކާއި ކުރިމަތިވި ހުރަސްތަކަށް ވެސް މި ޑޮކިއުމަންޓްރީގައި އަލިއަޅުވާލާނެއެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ކެތްތެރިކަމާއި ހިތްވަރުގެ ނަމޫނާއެއްގެ ގޮތުގައި އެކަމަނާގެ ޝަހުސިއްޔަތު އާންމުންނަށް ސިފަކޮށްދިނުމެވެ.
ދުރޫޕަދީ މުރުމޫ އިންޑިއާގެ 15 ވަނަ ރައީސްގެ ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުއެވެ. އެކަމަނާއަކީ އިންޑިއާގެ އެންމެ މަތީ ދުސްތޫރީ މަގާމު ފުރުއްވާ ދެވަނަ އަންހެން ބޭފުޅާއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، މި ޑޮކިއުމަންޓްރީގެ ބައެއް މަންޒަރުތައް މިހާރު ވަނީ މުރުމޫ އުފަންވެވަޑައިގެންނެވި އޮޑިޝާގެ އަވަށުގައި ކެމެރާކޮށްފައެވެ.
މީގެއިތުރުން ރައީސް މުރުމޫގެ ކުރީގެ ދިރިއުޅުމުގެ މުހިންމު ހާދިސާތައް މި ފިލްމުގައި އަލުން ދައްކުވައިދީފައިވާއިރު، އެކަމަނާގެ ދިރިއުޅުމުގެ އެކި މަރުހަލާތައް ތަމްސީލުކުރުމަށް އެ ސަރަހައްދުގެ ފަންނާނުން ބޭނުންކޮށްފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
މި ޑޮކިއުމަންޓަރީގެ މަސައްކަތް ފަށާފައި ވަނީ އާމިރުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް ވަރަށް ބާރުބޮޑު ދުވަސްވަރެއްގައެވެ.
އާމިރު މިހާރު އަންނަނީ ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށް، ސަނީ ޑިއޯލް މުހިންމު ރޯލެއް ކުޅޭ "ބަޓްވާރާ 1947"ގެ ޕްރޮމޯޝަން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
ތާރީޚީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ރައީސް ދުރޫޕަދީ މުރުމޫގެ ޑޮކިއުމެންޓްރީ ފިލްމު ސިނަމާތަކަށް ގެނައުމަށް ތާވަލުކޮށްފައިވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހަށެވެ.