މިފަހަރުގެ ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކުރާ، އަދި މުބާރާތުގައި ބައިވެރިވި އެންމެ ކުޑަ އެއް ގައުމު ކަމަށްވާ ކޭޕް ވާޑުން، ދުނިޔޭގެ ދެ ފަހަރުގެ ޗެމްޕިއަން އުރުގުއާއީއާ ވާދަކޮށް 2-2 އިން އެއްވަރުކޮށް، މުޅި ދުނިޔެ ސިއްސުވާލައިފިއެވެ.
މިއީ ފުރަތަމަ މެޗުގައި ވަރުގަދަ ސްޕެއިންއާ 0-0 އިން އެއްވަރުކުރުމަށްފަހު، މި ކުޑަ ގައުމުން ހޯދި ދެވަނަ ބޮޑު ނަތީޖާއެވެ.
މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 21 ވަނަ މިނެޓުގައި ކޭޕް ވާޑްގެ ޓެލްމޯ އަރްކަންޖޯ ހޯދައިދިން ހިލޭޖެހުމަކުން ކެވިން ޕީނާ ވަނީ ތާރީޚީ ލަނޑެއް ޖަހާފައެވެ. މިއީ 31 މީޓަރު ދުރުން ޕީނާ ފޮނުވާލި ބާރު ހަމަލާއަލުން އޭނާ ޖެހި ލަނޑެކެވ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި އެގައުމުން ޖެހި ފުރަތަމަ ލަނޑެވެ.
ނަމަވެސް، މި ލަނޑަށްފަހު ކޭޕް ވާޑުން ކުރިއަށްޖެހިގެން ކުޅެން ފެށުމުން، އުރުގުއާއީން ވަނީ އޭގެ ފައިދާ ހިފާފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މެކްސީ އަރައުހޯ ބޮލުން ޖަހައި ނަތީޖާ ހަމަހަމަކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައި އަގުސްޓިން ކަނޮބިއޯ ވަނީ އުރުގުއާއީއަށް 2-1 ގެ ކުރިއެރުމެއް ހޯދައިދީފައެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި އުރުގުއޭ ކޮޅަށް ލަނޑު ޖެހުމަށްފަހު ކޭޕް ވާޑްގެ ކުޅުންތެރިން--
ދެވަނަ ހާފަށް ކޭޕް ވާޑުން ނުކުތީ ބަދަލުތަކަކާއެކުގައެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ އެންމެ ދެ މިނެޓު ތެރޭގައި، 61 ވަނަ މިނެޓުގައި ހީލިއޯ ވަރޭލާ ވަނީ ކޭޕް ވާޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ލަނޑަކީ އުރުގުއާއީގެ ޑިފެންޑަރު މަތިއަސް އޮލިވޭރާ ފަހަތަށް ދޭން އުޅުނު ބޯޅައެއް ކީޕަރު ފެނާންޑޯ މުސްލޭރާއަށް ލިބުމުގެ ކުރިން ވަރޭލާ ހޯދައި، ހުސް ގޯލަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އުރުގުއާއީގެ ފެޑެރީކޯ ވަލްވާޑޭ ޖެހި ލަނޑެއް ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމިއެވެ.
މި ނަތީޖާއާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު ސްޕެއިން އޮތްއިރު، އުރުގުއާއީ އަދި ކޭޕް ވާޑަށްވެސް ލިބިފައިވަނީ 2 ޕޮއިންޓެވެ.
މުބާރާތުގެ ގަދަ 32 ގެ ބުރަށް ދިއުމުގެ ފުރުސަތު ހުރިހާ ޓީމަކަށްވެސް މިހާރު ވަނީ ހުޅުވިފައެވެ.