ސްޕެއިންގެ އުންމީދީ ތަރި ލަމީން ޔަމާލް ވޯލްޑް ކަޕުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު ސައުދީ އަރަބިއްޔާ ބަލިކޮށް ސްޕޭނުން މިފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް އެޗްގައި ފޯރިގަދަ މެޗު ސްޕޭނުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އެންމެ ފާހަގަކޮށްލެވުނީ ސްޕެއިންގެ 18 އަހަރުގެ ޒުވާން ތަރި ލަމީން ޔަމާލް އެޓީމަށް ކާމިޔާބުކޮށްދިން ތާރީޚީ ފުރަތަމަ ލަނޑެވެ.
އަނިޔާއިން މުޅިން ރަނގަޅުވެ، މުބާރާތުގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ޔަމާލްއަށް ސްޕެއިންގެ ވޯލްޑް ކަޕް ތާރީޚު ބަދަލުކޮށްލަން ބޭނުންވީ އެންމެ 11 މިނެޓެވެ.
މިކެލް އޮޔާޒަބާލް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި މި ލަނޑާއެކު، އުމުރުން 18 އަހަރާއި 343 ދުވަހުގައި އޭނާ ވެފައިވަނީ ސްޕެއިންގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ސްޕޭނާއި ސައުދީ އަރަބިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން ޔަމާލް--
މި ރެކޯޑު މީގެ ކުރިން އޮތީ 2022 ވަނަ އަހަރު ރެކޯޑު ހެދި ގަވީ އަތުގައެވެ. މީގެ އިތުރުން، ޔަމާލް ވަނީ ދުނިޔޭގެ ލެޖެންޑް ޕެލޭއަށްފަހު، އުމުރުން 18 އަހަރު ނުވަތަ އެއަށްވުރެ ޒުވާން އުމުރެއްގައި ގައުމަކަށް ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ ލަނޑު ޖަހައިދިން ދެވަނަ ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދާފައެވެ.
ސްޕޭނުން މި މެޗަށް ނުކުތީ އެޓީމުގެ ފުރަތަމަ މެޗުގައި ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި ކޭޕް ވާޑްއާ ވާދަކޮށް 0-0 އިން އެއްވަރުވެ، ބޮޑެތި ފާޑުކިޔުންތަކަކާއި ޝައްކުތަކެއް އުފެދިފައި ވަނިކޮށެވެ.
އެ މެޗުގައި ސްޕޭނުން 700 އަށްވުރެ ގިނަ ފާސް ފުރިހަމަކޮށް، ޖުމްލަ 27 ހަމަލާ އުފެއްދި ނަމަވެސް، ކޭޕް ވާޑްގެ 40 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސްޕެއިންއަށް ގޯލެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ.
ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕއިނުން ވަނީ އެޓީމުގެ ހަގީގީ ކުޅުން ދައްކާލައި، މުޅި މެޗު ފުރިހަމައަށް ކޮންޓްރޯލްކޮށްފައެވެ. ޔަމާލްގެ ތާރީޚީ ލަނޑަށްފަހު، ފޯވާޑް މިކެލް އޮޔާޒަބާލް ވަނީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓާއި 24 ވަނަ މިނެޓުގައި ދެ ލަނޑު ޖަހައި، މެޗުގެ ކުރީކޮޅު ސްޕޭނަށް 3-0 ގެ ބޮޑު ލީޑެއް ހޯދައިދިނެވެ.

ސްޕޭނުން ލަނޑު ކާމިޔާބުކުރުމަށްފަހު--
ފުރަތަމަ ހާފުގައި ބޮޑު ލީޑެއް ލިބުމުން، ދެވަނަ ހާފު ފެށުމުގެ ކުރިން ކޯޗު ވަނީ ޔަމާލް އަދި އޮޔާޒަބާލް ބަދަލުކޮށް، އެކުޅުންތެރިންނަށް ކުރިއަށް ހުރި މެޗުތަކަށް އަރާމުދީފައެވެ.
ދެވަނަ ހާފު ފެށިގެން 49 ވަނަ މިނެޓުގައި ސައުދީގެ ހަސަން އަލް ތަމްބަކްތީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ސްޕެއިންއިން ވަނީ 4-0 އިން މެޗު ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު ސްޕެއިންއަށް ގްރޫޕް އެޗްގެ ތާވަލުގައި 4 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުގެ ކުރިއަށް އޮތް މެޗުގައި ޖޫން 26 ވަނަ ދުވަހު ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ.