ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ފޯރުކޮށްދެއްވަން މަސައްކަތްކުރެއްވި ޝައިޚު, އިސްމާޢީލް މުޙައްމަދު މިއަދު އަވަހާރަވެއްޖެއެވެ.
މ. ޠައިބާ, ޝައިޚު އިސްމާޢީލް އަވަހާރަވީ އުމުރުންފުޅުން 85 އަހަރުގައެވެ. ކަށުނަމާދު އޮތީ މިއަދުގެ މެންދުރު ނަމާދަށް ފަހު, އިސްލާމީ މަރުކަޒުގައެވެ.
ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމާއި މި ދީނުގެ ތަރުބިއްޔަތު ފެތުރެއްވެވުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްޕުޅުކުރެއްވި އެއް ބޭފުޅަކީ ފަޟީލަތުއް ޝައިޚް އިސްމާޢީލް ކަމާ މެދެ ދެ މީހަކު ދެ ބަހެއް ނުވާނެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު، އަދި ދިވެހިރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އައްޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ލިޔުއްވިއެވެ. "ޝައިޚް އިސްމާޢީލަކީ ސައުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވާސިޓީއިން ދަސްވެނިވި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. އެއަށް ފަހު އެމަނިކުފާނުގެ މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ ޓީޗަރެއްގެ ގޮތުގައި އިސްލާމީ އުންމަތަށް ޚިދުމަތްކުރެއްވުމުގައެވެ. ޓިޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރަށް، ފޮތްތައް ވެސް ލިޔުއްވި މި ޝައިޚުގެ މަސައްކަތްޕުޅު މިއަދު އިސްލާމީ ކުތުބުޚާނާއިން ފެންނަން އެބަހުއްޓެވެ. އެތައް ފޮތަކާއި ޢިލްމީ މަސައްކަތްޕުޅުތަކެއް ދިވެހި ޖައްވަށް ދޫކުރައްވާ ވަޑައިގެންނެވި އިސްމާޢީލް ޝައިޚުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތްޕުޅަކީ ކީރިތި ޤުރުއާނުގެ މަޝްހޫރު ތަފްސީރު ފޮތެއް ކަމުގައިވާ "التفسير الميسر" (އައްތަފްސީރު އަލްމުޔައްސިރު)ގެ ދިވެހި ތަރުޖަމާއެވެ."
އެއްވެސް ޝައްކެއް ނެތް ގޮތުގައި ދީނީ ޢިލްމުވެރިންނަކީ މާތް ﷲ އެ ބައިމީހުން ޢިއްޒަތްތެރިކުރައްވައި މަތިވެރި ދަރަޖަތަކަކަށް އުފުއްލަވާ ބޭކަލުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَرْفَعِ اللهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ﴾ (المجادلة: ١١) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ."
ދީނީ ޢިލްމުވެރިންނަކީ އެބޭކަލުން ދުނިޔެ ދޫކުރެއްވިއަސް އެބޭކަލުންގެ ޒިކުރާ ތާއަބަދަށް ދެމިހުންނަ ބައެކެވެ. އެބޭކަލުންގެ ޢިލްމީ މަސައްކަތްޕުޅުތަކުން މީސްތަކުން ފައިދާ ހޯދުމުގައި ދެމިތިބެއެވެ. ފަޟީލަތުއްޝައިޚު އިސްމާޢީލަކީ އެފަދަ ބޭފުޅެކެވެ. މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައްވާނދޭވެ! އަދި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް، ރިވެތި ގޮތުގައި ކެތްތެރިވުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ! އާމީން. إنا لله وإنا إليه راجعون